އަސައްކޮގެ އެނބުރި އައުން، އޭނާ ހުރީ ކްލަބާއި ގައުމީ ޓީމަށްވެސް ތައްޔާރަށް!

އަސައްކޮ ރޭގެ މެޗަށް ނުކުތުމުގެ ކުރިން ވާމް އަޕްގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު، ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ށ. މިލަންދޫ ވާދަކުރި މެޗުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް އަނިޔާވެ އޭނާއަށާއި ކްލަބަށް ނުތަވަސްކަން ކުރިމަތިއެވެ.

ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އަސައްކޮއަށް މިދިޔަ ސީޒަންގެ ބާކީބައި ގެއްލުނު އިރު، އޭނާ ވަނީ މިދިޔަ އަހަރު ފަހުކޮޅުގައި ކަކުލުގެ ސާޖަރީއެއް ހަދައިފައެވެ. މާޒިޔާ އަދި ގައުމީ ޓީމުގެ ވެސް ފޯވަޑް އަސައްކޮ، ކަކުލުގެ އޮޕަރޭޝަނަށްފަހު ފަރިތަކުރުންތައް ފެށީ މިއަހަރު ކުރީކޮޅުގައެވެ. ޓީމާއެކު ރެގިއުލާކޮށް ތަމްރީން ކުރަން ފެށިތާ އަދިވީ ދެ މަހެވެ.

ކަކުލުގެ އޮޕަރޭޝަނުން ރިކަވާ ވެގެން ރޭ ކްލަބު ވެލެންސިއާއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އަސައްކޮ ދަނޑު މައްޗަށް ނުކުމެފައިވަނީ ނުކުޅެ ނުވަ މަސް ދުވަސް ހޭދަކުރުމަށް ފަހުގައެވެ. ރޭގެ މެޗުގެ 72 ވަނަ މިނެޓުގައި އަސައްކޮ ދަނޑު މައްޗަށް ނުކުމެފައިވާ އިރު، 78 ވަނަ މިނެޓުގައި އޭނާ ވަނީ ގޯލްވެސް ޖަހައިފައެވެ.

މާޒިޔާއިން ރޭގެ މެޗުގައި 5-0ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކުރި އިރު، އަސައްކޮއަށް ރޭގެ މެޗަކީ މުހިއްމު މެޗެކެވެ.

"ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް މިއީ، އެހާ ގިނަ ދުވަހު ނުކުޅެ ހުރުމަކީ. ވަރަށް ގިނަބައެއްގެ މަސައްކަތް މިއީ (ދަނޑަށް އައުމަކީ)، ހަމައެކަނި އަޅުގަނޑުގެ މަސައްކަތެއް ނޫން މީއީކީ. ޝުކުރުގެ ލިސްޓެއް ކިޔާވެސް ނުލެވޭނެ. އެ ހުރިހާ އެންމެނަށްވެސް ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ. ހާއްސަކޮށް މާޒިޔާގެ މެނޭޖުމަންޓް. ފިޒިއޯ ފިއްޓޭ، އަޅުގަނޑަށްވުރެ ވެސް އޭނާ ހިތްވަރު ކުރިއޭ ބުނެވިދާނެ،" ގިނަ ދުވަސްތަކަކަށްފަހު ކުޅެން ނުކުތް އަސައްކޮ، މެޗަށްފަހު ބުންޏެވެ.

މާޒިޔާއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރޭގެ މެޗުގައި އަސައްކޮ ގޯލް ޖެހުމުގެ އިތުރުން، އޭނާގެ ފޯމުގައި ވަރުގަދަ ކުޅުމެއް ދައްކައިފައިވެއެވެ.

"ދެން ގޯލެއް ޖެހުން، އަޅުގަނޑު ކުޅޭ މަގާމުން، ހުރިހާ ކުޅުންތެރިން ކުރާ މަސައްކަތުން، އަޅުގަނޑު ކުރަން ޖެހޭ ކަމަކީ ގޯލް ޖެހުން. އަޅުގަނޑު ސޭވްއެއް ނުކުރާނެ. އެހެންވީމަ އެގޮތުން ހުރިހާ ކުޅުންތެރިންގެ މަސައްކަތް އެއީ. ވަކި ގޯލެއް ޖެހުނީމައެއް ނޫން، ދަނޑު މައްޗަށް އަރަނީވެސް މަސައްކަތް ކުރަން. އޭގެން ގޯލް ޖެހުން އެއީ އަޅުގަނޑު ވަރަށް ބޭނުންވާނެ ކަމެއް. އެހެންވެ ވަރަށް އުފާވޭ،" އަސައްކޮ ބުންޏެވެ.

އަސައްކޮ ބުނީ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް އޭނާގެ ކޮންފިޑެންސަށް އަސަރު ނުކުރާ ކަމަށާއި، އެކަމަށް އެންމެންވެސް އެހީވި ކަމަށެވެ.

"އަޅުގަނޑުގެ ކޮންފިޑެންސް ވެއްޓުނަކު ނުދޭ ޓީމާ، މެނޭޖުމަންޓާ، އެއްކޮށް ކުޅޭ ކުޅުންތެރިންނާ، އެހީވާން ތިބޭ ހުރިހާ އެންމެންނާ. ކޮންފިޑެންސެއް ނުގެއްލޭ. ހަމަ ނޯމަލްއޭ ބުނާނީ، މިދިޔަ ހަފްތާގަވެސް މެޗެއް ކުޅުނު ފަދަ. އެ އިހްސާސް ކޮށްދިނޭ ބުނާނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި،" އަސައްކޮ ބުންޏެވެ.

އަސައްކޮ ބުނީ ކްލަބާއި ގައުމީ ޓީމަށްވެސް 100 ޕަސެންޓް ދޭން ތައްޔާރަށް ހުރި ކަމަށެވެ.

"ގައުމީ ޓީމާ، ކްލަބާ ހަމަކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް. އެތަނަކަށް ގޮވާލީމަ އެތަނަކަށް ދާނަން. 100 ޕަސެންޓް ދޭން ތައްޔާރަށް މިހުރީ ކްލަބާ ގައުމީ ޓީމަށްވެސް،" އަސައްކޮ ބުންޏެވެ.

ރޭގެ މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ ޓީމަށް އަސައްކޮ އެނބުރި އައުމަކީ މުހިއްމު ކަމެއް ކަމަށާއި، އޭނާއަށް ގޯލެއް ޖެހުމަކީ ލިބުނު އިތުރު ބޯނަހެއް ކަމަށެވެ.

comment ކޮމެންޓް