މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް 165 މިލިއަން ޑޮލަރުގެ އެހީ ލިބިއްޖެ

އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުގެ ގަވަރުނަރުންގެ ބޯޑުގެ 51 ވަނަ އަހަރީ ބައްދަލުވުމުގައި ދިވެހި ވަފުދު--ފޮޓޯ: ފިނޭންސް މިނިސްޓްރީ

މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް ހިންގާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް އެހީގެ ގޮތުގައި 165 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުގެ ގަވަރުނަރުންގެ ބޯޑުގެ 51 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބައިވެރިވަޑައިގެން ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް އިތުރު 165 މިލިއަން ޑޮލަރު ހޯއްދަވައިފައިވާ ކަމަށެވެ.

މިއީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ދަށުން ކުނި ނައްތާލުމުގެ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެކެވެ. އެ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ބެލުމުގެ ދަށުންނެވެ.

އެ ޕްރޮޖެކްޓްގެ ކޯ ފައިނޭންސަރުން ކަމަށްވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)، އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)، އަދި އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްރޫއުއަށް އެ ބޭންކުތަކުން ފަންޑު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުނައްވަރު ހޯއްދަވައި ދެއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރީން ބުންޏެވެ.

އެ ޕްރޮޖެކްޓްގެ ދަށުން މާލޭގެ އިތުރުން ކ. އއ. އދ. އަދި ވ. އަތޮޅުގެ އާބާދު ވެފައިވާ ރަށްތަކާއި ރިސޯޓުތަކުގައި ކުނި ނައްތާލުމުގެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމް ކުރެވިގެން ދާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ ޖުލައި 2018 ގައި ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރުގެ ނިޔަލަށް ތިލަފުށީގައި ކުނި އެންދުން މުޅިންހެން ހުއްޓާލެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޕްރޮޖެކްޓް ހިންގުމަށްޓަކައި މޭ މަހުގެ ކުރީކޮޅުން ފެށިގެން ތިލަފުށީގައި 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފާ ވާއިރު، އެ ޕްރޮޖެކްޓުގެ ދެ ވަނަ ފިޔަވަހި އަންނަ އަހަރުގެ ކުރީ ކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް