ދިވެސް އިންސްޓިޓިއުޓް އިން ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހެއް ފަށައިފިއެވެ.
އެމްކިއުއޭ ލެވެލް 5 ގެ މި ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. ދިވެސް އިންސްޓިޓިއުޓްގެ ކޯޑިނޭޓަރު މަރިޔަމް ޔާސަ ޝަރީފް ސަން އަށް ވިދާޅުވީ މިއަދު ފެށި ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހަކީ ދިވެސް އިންސްޓިޓިއުޓް އޮފް ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގައި މަސައްކަތް ކުރައްވާ ސައިކޮލަޖިސްޓުން ފަރުމާ ކުރައްވާފައިވާ ކޯހެއް ކަމަށެވެ.
މި ކޯސް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ރާއްޖޭގައި ސައިކޮލަޖީގެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ތިބި މީހުން މަދުވުމާއި، އެ ދާއިރާ އަށްް މީހުން ތައާރަފު ކުރުން ކަމަށް އިޔާސާ ވިދާޅުވިއެވެ.
ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހުގެ ފުރަތަމަ ބެޗުގައި 14 ބައިވެރިއަކު ކިޔަވާނެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އައިސީޕީގެ ސައިކޮލަޖިސްޓުންނާއި ކަމާ ބެހޭ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅުންނެވެ.
ފޮރިންސިކް ސައިކޮލަޖީގެ ޑިޕްލޮމާ ކޯހުގެ ފުރަތަމަ ބެޗު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެސް އިންސްޓިޓިއުޓްގެ ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ދިވެސް އިންސްޓިޓިއުޓް އަކީ ޅަ ތަނެއް ނަމަވެސް، ކޯހުގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު މުދައްރިސުން ކަމަށެވެ.
"މި ކްލާސްތަކުން ދަސްވާ ފިލާވާޅުތަކަކީ ތިކުދިން މި ދާއިރާ އިން ކުރިއަށް ދިއުމަށް އެޅޭ ވަރަށް މުހިއްމު ފިލާވަޅެއް،" ޑރ ޝަކީލާ ވިދާޅުވިއެވެ.
ކޯހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި ރަނަގޅު ނަތީޖާ އެއް ހޯދުމަށް މަސައްކަތް ކުރުމަށް ޑރ ޝަކީލާ ވަނީ ކޯހުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ ލައްވައިފައެވެ.
ރާއްޖޭގައި އަދި އެހެން މުޖުތަމައުތަކުގައިވެސް ނަފްސާނީ ބަލިތަކަކީ ސީރިއަސް މައްސަލައެއް އަދި ބައްޔެއް ކަމަށާއި ދިވެސް އިންސްޓިޓިއުޓަކީ ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ މީހުން ތަމްރީނު ކުރުމަށް އުފެއްދި ތަނެއް ކަމަށް ޑރ. ޝަކީލާ ވިދާޅުވިއެވެ.