ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ފާގަސަން އިމަޖެންސީ ސާޖަރީއެއް ހަދައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، ސާ އެލެކްސް ފާގަސަން --- ފޮޓޯ/ އޭޕީ

ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ސާ އެލެކްސް ފާގަސަން އިމަޖެންސީ ސާޖަރިއެއް ހަދައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި 26 އަހަރު ހޭދަކުރުމަށްފަހު 2013 ވަނަ އަހަރު ރިޓަޔާކުރި އުމުރުން 76 އަހަރުގެ ފާގަސަންގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފާގަސަންގެ ކެރިއަރު ހޭދަކުރި މެންޗެސްޓާ ޔުނައިޓެޑުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބުގެ ކުރީގެ ކޯޗު، ފާގަސަންގެ ސާޖަރީ ކާމިޔާބު ކަމަށާއި، ސާޖަރީން ރިކަވާ ވުމަށް އައިސީޔޫގައި ދުވަސްތަކެއް ހޭދަވާނެ ކަމަށެވެ.

އޭގެ އިތުރުންވެސް މެންޗެސްޓާ ޔުނައިޓެޑްގެ ބަޔާނުގައި ބުނެފައިވަނީ ފާގަސަންގެ އާއިލާއިން އެދެނީ އާއިލާގެ ޒާތީ ކަންކަމަށް ވީހާވެސް ބޮޑަށް އިހުތިރާމް ކުރުމަށް ކަމަށެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގައި ފާގަސަން ވަނީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ އަގު ވަޒަން ކުރުމުގެ ގޮތުން ކްލަބުގެ ފަރާތުން އެރުވި ހާއްސަ ފިލާ އޭނާއަށް އަރުވާފައެވެ.

އިނގިރޭސި ފުޓުބޯޅަ ދުތް އެންމެ ކާމިޔާބު ކޯޗު، ސާ އެލެކްސް ފާގަސަން ވަނީ އޭނާ ޔުނައިޓެޑްގައި ހޭދަކުރި 26 އަހަރުގެ ތެރޭގައި 38 ތަށި ހޯދައިދީފައެވެ. އޭގެ ތެރޭގައި 13 ޕްރިމިއާ ލީގު ތަށިވެސް ހިމެނެއެވެ.

comment ކޮމެންޓް