އާ ހާބަރު ފުޑް ކޯޓުގައި ފުރަތަމަ ކެފޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި

އާ ހާބަރު ފުޑް ކޯޓުގައި ހުޅުވި ފުރަތަމަ ކެފޭ --- ފޮޓޯ/ ހައުސިން މިނިސްޓަރު

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ޒަމާނީ ފެންވަރަކަށް ހަދާފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން ފުރަތަމަ ކެފޭ ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުޑް ކޯޓްތަކުގެ ކެފޭތަކުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ހުޅުވާފައިވާ ކަމަށާއި ދެން ހުރި ހުރިހާ ކެފޭތައްވެސް ހުޅުވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

މިއަދު ފުރަތަމަ ހުޅުވި ކެފޭ އަކީ މާލޭގެ މަޝްހޫރު ކެފޭ ރެސްޓޯރެންޓެއް ކަމަށްވާ އޮކްސިޖަންގެ އައުޓްލެޓެކެވެ.

ކުރީގައި ހާބަރު ކެފޭތައް ހިންގަމުންދިޔަ އެތަނުގައި ފުޑް ކޯޓުތަކެއް ހަދަން އެސްޓީއޯއިން މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެ މަޝްރޫއުގެ ދަށުން އެސްޓީއޯއާ ހަވާލުކުރީ ހަތަރު ބުލޮކަކަށް 26 ފުޓްކޯޓާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާ ބަރި ހެދުމަށެވެ.

އެގޮތުން އަމީނީ މަގުގައި ހަދާ ދެ ބުލޮކުގައި ޖުމްލަ 14 ޔުނިޓް އަދި އިއްޒުއްދީން މަގާވާ ގޮތަށް ހަދާ ބުލޮކުގައި 12 ޔުނިޓް ހަދާފައިވާއިރު، އެތަނުގައި އެސްޓީއޯއިން ހެދީ ތިން ސައިޒެއްގެ ކެފޭތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ 990 އަކަފޫޓުގެ 15 ތަނާއި 1،260 އަކަފޫޓުގެ ހަތް ތަން އަދި 1،660 އަކަފޫޓުގެ ހަތަރު ތަނެވެ.

ފުޑް ކޯޓްތަކުގެ ތެރެއިން ކެފޭއެއް ހުޅުވައި މިއަދު ހިދުމަތް ދޭން ފަށާފައިވާއިރު، މީގެ ކުރިން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ، އޭގެ ތެރެއިން ބައެއް މިދިޔަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އަދި އަނެއް ބައި އަންނަ ރޯދަ މަހުގެ ކުރިން ހުޅުވޭނެ ކަމަށެވެ.

comment ކޮމެންޓް