ޗައިނާގެ ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން ބްރިޖް އޯޕަންޑޭއެއް ބާއްވައިފި

ޗައިނާގެ ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން ބޭއްވި ބްރިޖް އޯޕަންޑޭ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޗައިނާގެ "ސިލްކް ރޫޓު ޕްރޮމޯޝަން"ގެ ދަށުން ބްރިޖް އޯޕަންޑޭއެއް ބާއްވައިފިއެވެ.

ޗައިނާ އެންބަސީން އިންތިޒާމް ކޮށްގެން މިއަދު ބޭއްވި ބްރިޖް އޯޕަންޑޭއަކީ މިދިޔަ މަހުން ފެށިގެން މި މަހުގެ މެދާ ހަމައަށް ކުރިއަށްގެންދާ ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ޗައިނާ އެންބަސީން ބުންޏެވެ.

ޗައިނާގެ ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން ބޭއްވި ބްރިޖް އޯޕަންޑޭ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ އެ ހަރަކާތުގައި ބްރިޖަށް އަރައި ބަލާލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދީފައިވަނީ ޖަމާލުއްދީން ސްކޫލުގެ ޗައިނާ ބަސް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. އަދި ރާއްޖޭގައި ޗައިނާ ބަސް ކިޔަވަމުން އަންނަ އެހެން ކުދިންނަށްވެސް އެ ފުރުސަތު ދޭނެވާހަކަ ޗައިނާ އެންބަސީން ބުންޏެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ޗައިނާ އެންބަސީގެ ކައުންސިލާ ޔޭންގް ޔިންގް ވިދާޅުވީ، ޗައިނާއިން މަސައްކަތް ކުރަމުން އަންނަނީ އިގްތިސާދީގޮތުން ގުޅިފައިވާ ބެލްޓަކާއި 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް ބިނާކުރުމަށް ކަމަށެވެ.

ޗައިނާގެ ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން ބޭއްވި ބްރިޖް އޯޕަންޑޭ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ރާއްޖެއަކީ އެކަމަށް ޗައިނާއަށް އެންމެ ފުރަތަމަ އެންމެ ރަނގަޅު އިޖާބައެއްދިން ގައުމު. އެހެންކަމުން ރާއްޖެއާ ވަރަށް ގާތުން މަސައްކަތް ކުރަމުން މިދަނީ،" ޔޭންގް ވިދާޅުވިއެވެ.

ޔޭންގް ވިދާޅުވީ، 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރައްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހުގައި ދެ ގައުމުގެ ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ.

ޗައިނާގެ ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން ބޭއްވި ޗައިނީޒް ފޫޑް ފެސްޓިވަލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދު ބޭއްވި ބްރިޖް އޯޕަންޑޭގެ ހަރަކާތުގެ އިތުރުން ހެލިޕޭޑް ސަރަހައްދުގައިވަނީ އާންމުންނަށް ހުޅުވާލައިގެން ޗައިނާގެ ފޫޑް ފެސްޓިވަލެއްވެސް ބާއްވާފައެވެ. އަދި ޗައިނާގެ އެންބަސީން މައުލޫމާތު ދޭގޮތުގައި އެފަދަ އިތުރު ހަރަކާތްތައް މި ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް