"ތިޔަ ލޯތްބާ ދުރަށް"ގެ ޝޯއެއް ލަންކާގައި

ދިވެހި ފިލްމު "ތިޔަ ލޯތްބާ ދުރަށް" ވަނީ ރޭ ޕްރިމިއަރކޮށްފައި--- ފޮޓޯ: ފޭސްބުކް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ޝޯ އެއް ލަންކާގައި އެޅުވުމަށް ނިންމައިފިއެވެ.

މި މަހު 10 ވަނަ ދުވަހުގެ ރޭ ލަންކާގެ ސިޓީ ސިނަމާގައި ބާއްވާ އެ ޝޯގެ ޓިކެޓް މާދަމާއިން ފެށިގެން ވިއްކަން ފަށާނެއެވެ. ޓިކެޓު ވިއްކުމުގެ ކަންކަން ‎0094775034678 ނަމްބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ފިލްމުގެ ޓީމުން އެދެއެވެ.

ލަންކާ ގަޑިން 21:00 ޖަހާއިރު ބާއްވާ އެ ޝޯއާ ގުޅޭ ގޮތުން ޑައިރެކްޓަރު މަރީ ބުނީ މާލޭގެ ކާމިޔާބު ޝޯތަކަކަށް ފަހު ލަންކާގައި ފިލްމު އަޅުވަން ނިންމީ ކަމަށެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ހިމެނެއެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން އިސްމާއިލް ޖުމައިހް (ޖުމާ) ވެސް ވަނީ ފެނިގެން ގޮއްސައެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގައެވެ.

ފުރަތަމަ ނަޒަރުން ލޯބިވެވި އެ ލޯބި ހޯދަން ކުރާ ބުރަ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ.

"ތިޔަ ލޯތްބާ ދުރަށް"ގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ދެ ލަވަ އެއް ހިމެނެއެވެ.

comment ކޮމެންޓް