ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ކަޓައި، އާސެން ވެންގާ އާސެނަލްގައި ހޭދަކުރާ އެންމެ ފަހު ސީޒަން ހުސްއަތާ ނިންމާލަން ޖެހިއްޖެއެވެ.
މިސީޒަން ނިންމާލުމަށްފަހު އާސެނަލް ދޫކޮށްލާނެ ކަމަށް ބުނެފައިވާ ވެންގާ، އެޓީމު ދޫކޮށްލާނެ ކަމަށް ބުނެފައި މިވަނީ 22 އަހަރު ޓީމުގެ ކޯޗުކަމުގައި ހޭދަކުރުމަށް ފަހުގައެވެ.
އާސެނަލާއެކު ވެންގާ ވަނީ ތިން ފަހަރު ލީގު ކާމިޔާބުކޮށް ހަތް ފަހަރު އެފްއޭކަޕް އުފުލާލައިފައެވެ. އެހެން ނަމަވެސް ޔޫރަޕްގެ މުބާރާތެއްގެ ތަށި އެޓީމަށް ހޯދިފައެއް ނުވެއެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލި، މިސީޒަންގައި އާސެނަލް ވާދަކުރީ ޔޫރޮޕާ ލީގުގައެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި އާސެނަލާއި އެތުލެޓިކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މިއަހަރުގެ ލީގު ކަޕާއި އެފްއޭ ކަޕުންވެސް އާސެނަލް ކަޓާފައިވާ އިރު، ލީގުގައި އާސެނަލް އޮތީ ހަ ވަނައިގައެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޔަގީން ކުރުމަށް އާސެނަލަށް ޔޫރޮޕާ ލީގު ކާމިޔާބުކުރަން މަޖުބޫރުވެފައި އޮތް އިރު، އެތުލެޓިކޯއިން އާސެނަލް ކަޓުވައިލީ އެގްރިގޭޓް 2-1ގެ ނަތީޖާއަކުންނެވެ.
އާސެނަލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތް އިރު، ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފައްދާ ވަރުގަދައަށް ކުޅުނީ އެތުލެޓިކޯއިންނެވެ. އެގޮތުން އެންޓޮއިން ގްރީޒްމަންގެ އިތުރުން ޑިއޭގޯ ކޮސްޓާގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި އާސެނަލާއި އެތުލެޓިކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފްރާންސް ޑިފެންޑަރު ލޮރެންޓް ކޮޝިއެލްނީއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދަނޑުން ބާލަން ޖެހުނު އިރު، އެކަންވީ އާސެނަލަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމަކަށެވެ. ހާއްސަކޮށް އެތުލެޓިކޯ މެޑްރިޑްގެ ވަރުގަދަ ފޯވަޑް، ކޮސްޓާ ހިފެހެއްޓުމަށް އިތުރު އުނދަގޫތަކެއް ކުރިމަތިއެވެ.
ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެތުލެޓިކޯއިން ލީޑު ނެގިއެވެ. ގްރީޒްމަންގެ ރީތި ޕާހަކުން އާސެނަލަށް ލީޑު ނަގައިދިނީ ކޮސްޓާއެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި އާސެނަލުން ވަނީ ރަނގަޅު ދެ ހަމަލާއެއް އުފައްދައިފައެވެ. އެގޮތުން އާރޮން ރެމްސީއާއި އެލެކްޒެންޑްރާ ލަކަޒެޓްގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި އާސެނަލާއި އެތުލެޓިކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މީގެ ކުރިން ދެ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ އެތުލެޓިކޯއިން ފައިނަލްގައި ނުކުންނާނީ ފްރާންސްގެ މާސޭއާ ދެކޮޅަށެވެ.
މާސޭއިން ސެމީގެ ޖާގަ ހޯދީ 3-2ގެ ނަތީޖާއަކުން ރެޑްބުލް ސާލްޒްބާގު ބަލިކޮށްގެންނެވެ. މާސޭއިން ފުރަތަމަ ލެގުގައި 2-0ގެ ނަތީޖާއަކުން މޮޅުވެފައި އޮތް ނަމަވެސް، ރޭގެ މެޗުގެ ދެވަނަ ހާފްގައި ސާލްޒްބާގުން ވަނީ އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައެވެ. މާސޭ ފައިނަލް ކަށަވަރުކުރީ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ.
ޔޫރޮޕާ ލީގުގެ ފައިނަލް އޮންނާނީ މެއި 16 ވަނަ ދުވަހު ލިޔޯންގައެވެ.