ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ދައުވަތަކަށް ޕީޕީއެމްގެ ވަފުދެއް ޗައިނާއަށް

ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް އެގައުމަށް ފުރި ޕީޕީއެމްގެ ވަފުދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޮންޖުގައި --- ފޮޓޯ/ ޕީއެސްއެމް

ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމްގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.

މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ކޮންމެ އަހަރަކުވެސް ޕީޕީއެމްއަށް ދޭ ދައުވަތަކެވެ. އެގޮތުން، މިފަހަރު ޗައިނާއަށް ފުރި ޓީމުގައި ޕީޕީއެމްގެ 18 މެމްބަރުން ހިމެނޭއިރު، އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

އޭގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަނާއި އެމްއާރުޑީސީގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލްގެ އިތުރުން ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމުން ބުނީ، އެ ދަތުރުގައި ޗައިނާގެ ޕްރޮވިންސް ތަކުގެ ވެރިންނާއި ޗައިނާ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކޮށް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ޕީޕީއެމްއާ ދެމެދު މުހިންމު މަޝްވަރާ ތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން ދެ ޕާޓީގެ ތަޖުރިބާ ބަދަލުކުރުމާއި ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ އެކިއެކި ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ކަންކަމާއި ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާއިން ކުރިއަށްދާ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ދާއިރާތަކަށް އެހީތެރިކަން ބޭނުންވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ހާއްސަ ގޮތެއްގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ މަސައްކަތްތަކާއި އެ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކާ ގުޅޭ ގޮތުން ދެ ޕާޓީގެ ދެމެދު މަޝްވަރާ ކުރާނެއެވެ.

comment ކޮމެންޓް