އޭޝިއާއިން އެންމެ ފާހަގަކޮށްލެވޭ ޓެކްސް ކޮމިޝަނަރަކަށް ދޭ އެވޯޑް ޔަޒީދަށް

ރާއްޖޭގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްދަމު ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މީރާ

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޓެކުހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ފަރާތްތައް ފާހަގަކޮށް، އިންޓަނޭޝަނަލް ޓެކްސް ރިވިއު (އައިޓީއާރު) އިން ދޭ "އޭޝިއާ ޓެކްސް ކޮމިޝަނަރު އޮފް ދަ އިޔާ"ގެ އެވޯޑް ރާއްޖޭގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްދަމަށް ލިބިވަޑައިގެންފިއެވެ.

އައިޓީއާރު އިން ކޮންމެ އަހަރަކު ބާއްވާ "އޭޝިއާ ޓެކްސް އެވޯޑް"ގައި ޔަޒީދަށް އެ އެވޯޑް ލިބިވަޑައިގަތީ، ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ރިއާޔަތްކޮށް ބެލުމަށްފަހުއެވެ.

އެ އެވޯޑަށް ޔަޒީދާ ވާދަ ކުރެއްވި ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ސިންގަޕޫރު، ޗައިނާ އަދި ހޮންގްކޮންގުގެ ޓެކްސް ކޮމިޝަނަރުން ހިމެނެއެވެ.

އޭޝިއާ ޓެކްސް ކޮމިޝަނަރު އޮފް ދަ އިޔާ އެވޯޑަކީ މިދިޔަ އަހަރު ޓެކެހުގެ ދާއިރާއިން އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތް ކަމަށް އައިޓީއާރުގެ އިދާރާއަށް ފެންނަ ފަރާތަށް ދެވޭ އެވޯޑެކެވެ. އަދި އެ އެވޯޑް ދިނުމުގައި އެންމެ އެކަށީގެންވާ ފަރާތެއް ހޮވަނީ އައިޓީއާރުގެ ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

އައިޓީއާރް އަކީ ޓެކުހާ ގުޅޭ އެކިއެކި މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓެކްސް އިދާރާގައި މަސައްކަތްކުރާ ފަރާތްތަކާ، ސަރުކާރުތަކާއި، ޓެކުހުގެ ރޮނގުން ދިރާސާ ހަދާ ފަރާތްތައް އަދި ޓެކުހާ ގުޅޭ މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްގެން ގެނެސްދޭ އިދާރާއެކެވެ.

އަދި އެ އިދާރާއިން ކޮންމެ އަހަރަކުވެސް ބާއްވާ އޭޝިއާ ޓެކްސް އެވޯޑް ހަފްލާއަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ޓެކުހާ ގުޅޭ އެކި ރޮނގު ރޮނގުން އެންމެ ހޮވާލެވޭ ކުންފުނިތަކާއި، ލީޑަރުން ހޮވާ އެކަމުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހައްގުވާ އެވޯޑް ހަވާލުކުރާ ހަފުލާއެކެވެ.

comment ކޮމެންޓް