އާ އުސްމިންތަކަކަށް ދެވޭނީ އާ އަޒުމްތަކާއެކު ސިވިލް ސާވަންޓުން މަސައްކަތްކޮށްގެން: ޑރ. ޝަމީމް

ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ޑރ. ޝަމީމް ވާހަކަފުޅުދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރިމަގުގައި ތަރައްގީގެ އާ އުސްމިންތަކަކަށް ދެވެން އޮތީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން އާ އަޒުމްތަކާއެކު މަސައްކަތް ކޮށްގެން ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހި ސިވިލް ސާވިސްއަށް 10 އަހަރު ފުރޭ ދުވަހާ ގުޅިގެން ދެއްވި ޚިތޯބުގައި ޑރ. ޝަމީމް ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ އިތުބަރު ހޯދައި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަކަށް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތްތައް ދެމުން ގެންދެވިފައިވަނީ ދިވެހި ސިވިލް ސާވިސްގެ މިންނެތް މަސައްކަތުންނައި އަގުހުރި ހިދުމަތުގެ ސަބަބުން ކަމަށެވެ.

އަދި ކުރިމަގުގައި ތަރައްގީގެ އައު އުސްމިންތަކަކަށް ދެވެން އޮތީ ވެސް ދިވެހި ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކޮށްގެން ކަމަށް ޑރ. ޝަމީމް ފާހަގަކުރެއްވި އެވެ.

"ކުރިމަގުގައި އައު އުސްމިންތަކަކަށް ދެވެން އޮތީ ވެސް، ދިވެހި ސިވިލް ސާވިސް މުވައްޒަފުން އައު އަޒުމްތަކާއެކު އައު ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް އަހުދު ކަށަވަރުހިފައި، ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތް ކޮށްގެންނެވެ،" ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ދެއްވި ޚިތޯބުގައި ވިދާޅުވެފައިވެ އެވެ.

ދިވެހި ސިވިލް ސާވިސްގެ ފާއިތުވެދިޔަ 10 އަހަރު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަން ފާހަގަކުރައްވައި ޑރ. ޝަމީމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮސްދޭން ބޭނުންވާ ޚިދުމަތްތައް އަވަސް އަދި ލުއި ފަސޭހަ ގޮތެއްގެ މަތީން ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޚިދުމަތްދޭ މާހައުލަކީ ހިދުމަތް ލިބިގަންނަ ރައްޔިތުންނާ ރައްޓެހި، ގުޅޭ މާހައުލަކަށް ހެދުމަށާއި ހިދުމަތް ދިނުމަށް ތިބި ހިދުމަތްތެރިންނަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝަމީމް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްދޭ އިދާރާތަކަށް ނުގޮސް، ގޭގައި ތިބެގެން ހިދުމަތް ލިބިދެވޭނެ މަގު ފަހިކޮށްފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ ކުރިމަގު އުޖާލާކުރުމަށް ކުރަންހުރި ކަންކަން ފާހަގަކުރައްވާ ޑރ. ޝަމީމްގެ ހިތާބުގައި ވިދާޅުވީ، ކުރިމަގުގައި ސިވިލް ސާވިސްގެ ސިޔާސަތުތަކާއި އުސޫލުތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ގާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ހިންގުމަށް ޚާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ.

އަދި ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ އަޚުލާގު އިތުރަށް ރަގަނޅުކޮށް މަސައްކަތުގެ ރޫހު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވި، ފަންނީ އަދި މާހިރީ ގާބިލުކަން ސިވިލް ސާވިސްގައި އިތުރުކުރުމަށް އަމާޒު ހިފޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"ދިވެހި ސިވިލް ސާވިސްގެ ނިމިދިޔަ 10 އަހަރުގެ ތަޖުރިބާއިން ހިތްވަރު ލިބިގެން ކުރިމަގުގައި އުއްމީދު ކުރެވެނީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަރާފައިވާ ހިދުމަތަކަށް ސިވިލް ސާވިސް ހެދުމަށެވެ.،" ޝަމީމްގެ ހިތާބު ނިންމާލައްވަމުން ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް