ސަރުކާރު ވައްޓާލަން އުޅުނުކަމަށް އުއްތަމަ ފަނޑިޔާރު ކުރީ އިންކާރު، ސާބިތުކުރުމަށް 32 ހެއްކެއް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ހާޒިރުކުރުމަށްޓަކައި މާލެ ގެންނަނީ: އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް 32 ހެއްކެއް ވަނީ ހުށަހަޅާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި، ޓެރެރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އެ ދައުވާއަށް އިންކާރުކޮށްފިއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން 32 ހެއްކެއް ހުށަހަޅައިފިއެވެ.

މިއަދު ހަވީރު ކުރިއަށްގެންދިޔަ އެ ޝަރީއަތުގައި ދައުވާ އިއްވަވަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ އަބްދުﷲ ސައީދު ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ބޭނުންކޮށްގެން އެމަނިކުފާނުގެ ބައިވެރިންނަށް ފައިދާ ވާގޮތަށް ހުކުމްތަކެއް ނެރުމަށް އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ކަމަށެވެ.

އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި އަމުރު ނެރުމުގައި އުއްތަމަ ފަނޑިޔާރު ނުފޫޒު ފޯރުވާފައިވާ ކަމަށާއި އަމުރަށް ފަހު އޭރުގެ ފުލުހުންގެ ވެރިއަކަށް ހުރި ކުރީގެ ސީޕީ އަހްމަދު އަރީފް މެދުވެރިކޮށް އެރޭ ޑިއުޓީގައި ތިބި ފުލުހުންނާއި އެހެން ފުލުހުންތަކެއް ލައްވައި، އަމަން ނަގާލުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު، އެ ދައުވާއަށް އިންކާރު ކުރައްވައި ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސްލެއް ނެތް ބާތިލް ދައުވާއެއް ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުމަކަށް ދަށު ކޯޓަކުން ގޮތް ކިޔައި ނުހެދޭނެ ކަމަށެވެ. އެމޭރުމުން ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވަނީ އުއްތަމަ ފަނޑިޔާރު ހުއްޓުވައި އިށީނދެވަޑައިގަތުމަށް އަންގަވައިފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮތް ނުކިޔޭނެ ކަމަށް އުއްތަމަ ފަނޑިޔާރާއި އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރައްސަލާމް އަބޫބަކުރު ވިދާޅުވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ ގާނޫނީ އުސޫލުތަކުގެ ބޭރުން ނެރުނު އަމުރެއް ކަމަށާއި، އެކަން ސާބިތުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު ދައުލަތުގެ މުއައްސަސާތަކުން ކުރެއްވި ތަހުގީގުތަކުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ދައުވާއަށް އިންކާރު ކުރެއްވެމުން ދައުލަތުގެ ފަރާތުން ވަނީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުކުރުމަށް 32 ހެއްކެއް ހުށަހަޅައިފައެވެ. އަދި އޭގެ ތެރެއިން 16 ހެއްކެއް ހުށަހަޅާފައިވަނީ ސިއްރު ހެއްކެއްގެ ގޮތުގައެވެ. ޝަރީއަތުން ވަނީ ދައުލަތުން އެދުނު ގޮތަށް އެ 16 ހެކި ސިއްރު ކުރުމުގެ ވަގުތީ އަމުރެއް ވެސް ނެރުއްވައިދެއްވާފައެވެ.

comment ކޮމެންޓް