ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭން ޖެހޭތަ!

މާޗް 01، 2016: ހއ. ވަށަފަރުގައި ސަރުކާރުން ގާއިމްކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ވަށަފަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަމަށް ހަތަރު އަހަރު ގުނާ ފުރިހަމަ ވެފައިވާއިރު އިންސާފުކޮށްލަން ހުރި ބައިވަރު ކަންތައްތައް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ފެނިގެންގޮސްފަ އެވެ. އަޅާ ކިރާލައި ހެވާއި ނުބައި ތަސައްވަރު ކޮށްލާނެ ގިނަ ކަންތައްތަކެއް ވަނީ ފެނިގެންގޮސްފަ އެވެ. ތަރައްގީ އާއި ތަހުޒީބު ގެނައުމުގައި ފަސް އަހަރު ދިޔައީ ހަތަރު ވަނަ ގިޔަރުގައި ފުލް ސްޕީޑުގަ އެވެ.

ރައްޔިތުން ހީނުކުރާވަރުގެ އުންމީދީ މަޝްރުއުތަކެއް އިފުތިތާހު ވެގެންދިޔަ އެވެ. ހުވަފެނުން ނޫނީ ނުދެކޭ އެތައް މަންޒަރުތަކެއްގައި ކުލަ ޖެހިގެންދާ މަންޒަރުތައް ވެސް ފެނުނެވެ. ސިއްސައިގެންދާ ވަރުގެ ބޮޑެތި ކޮރަޕްޝަންތައް ފެންމަތިވި އިރު އެ ކަންކަމަށް އަދަބުދިންތައް ވެސް މި ވެރިކަމުގައި ފެނިގެންދިޔަ އެވެ.

ފަސް އަހަރަށް ނަޒަރު ހިންގާލާ އިރު ދައްކާނެ ލައްކަ ވާހަކަ އެބަހުއްޓެވެ. އަތޮޅު ތެރޭގެ އެންމެ ކުދި އާބާދީން ފެށިގެން އެންމެ ބޮޑު އާބާދީތަކާ ހިސާބަށް ވެސް ރައީސް ޔާމީންގެ ތަރައްގީގެ ހިޔާވަހިކަން ފޯރާފައި އޮތޭ ބުނަމީ ކުރެވޭ ބޭއިންސާފަކަށް ނުވާނެ އެވެ. ވ. ތިނަދޫން ފެށިގެން އައްޑޫ ސިޓީ ވެސް ތަރައްގީގެ ފޮތުގައި ހިސާބު ޖަހަނީ އެއް ހަމައެއްގަ އެވެ. އިންސާފުން ކިރާ ނަމަ ބުނަން އޮތީ މިހެންނެވެ.

ފަސް އަހަރު ދުވަހަށް 124.35 ބިލިއަން ރުފިޔާ!

ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރަކީ އާދަޔާ ހިލާފަށް ދައުލަތް ހިންގުމަށް ބޮޑެތި ބަޖެޓްތަކެއް ފާސްކުރެވިގެން ދިޔަ ހަތަރު އަހަރެވެ. އެގޮތުން 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގެން 2014 ވަނަ އަހަރު ދައުލަތް ހިންގުމަށް އެމަނިކުފާނަށް ވަނީ ޖުމުލަ 17.9 ބިލިއަން ރުފިޔާގެ ބަޖެއްޓެއް ލިބިވަޑައިގަންފަ އެވެ. ޖެހިގެން އައި 2015 ވަނަ އަހަރު ސަރުކާރު ހިންގުމަށް އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމުލަ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއަށް ފަހު 2016 ވަނަ އަހަރު ދައުލަތް ހިންގުމަށް އެމަނިކުފާނަށް ވަނީ 27.45 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ލިބިވަޑައިގަނެފަ އެވެ. މި ހިނގާ 2017 ވަނަ އަހަރަށް ދައުލަތް ހިންގުމަށް އެމަނިކުފާނަށް ވަނީ ޖުމުލަ 26.8 ބަޖެޓެއް ލިބިގެން ގޮސްފަ އެވެ. މި އަހަރަށް ބަލާ އިރު، ޖުމުލަ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު އެމަނިކުފާނުގެ ފަސް އަހަރުގެ ބަޖެޓްވެގެން ދިޔައީ ބޮޑު އަދި އެހާމެ އުންމީދީ ބަޖެޓަކަށެވެ. އަދި މިއީ ފާއިތުވި ވެރިކަންތަކަށް ބަލާއިރު ނިސްބަތުން އެންމެ ބޮޑު ބަޖެޓެއް ފާސްކޮށް ރައްޔިތުންނަށް ހަރަދު ކުރި ސަރުކާރެވެ.

ފެބްރުއަރީ 4، 2016: ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ -- ފޮޓޯ/ ރައީސް އޮފީސް

އުންމީދު ގެނެސްދިން ބޮޑެތި މަޝްރުއުތައް!

ތަރައްގީއަށް ފެންބޮވައިގެންފައި ތިބި ދިވެހިނަށް އެމަނިކުފާނު ދެން އޮތް ދައުރަކަށް ވިއްކަވަން އޮތް އެކައްޗަކީ އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ އެވެ. އެމަނިކުފާނުގެ ދައުރުގައި ހިއްކެވި ފަޅުތަކެވެ. ހެއްދެވި ބަނދަރުތަކެވެ. ދަމާލި ރަންވޭތަކެވެ. ހިއްލާލި އިމާރާތަތްކެވެ. ގެނެސްދެއްވި ފަސޭހަތެކެވެ. ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލެވެ. އިތުރުވި ރިސޯޓްތަކާއި ބޮލަކަށް ޖެހުނު ޑޮލަރުގެ އަދަދެވެ.

  • ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް

އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ކުރިއަށްގެންދިޔުމަށް މަސައްކަތް ފަށާފައި ވަނީ މާލެ އަދި ހުޅުލޭ ގުޅުވައިދޭ ބްރިޖެވެ. ދެ ހާސް ފަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަމަލީ މަސައްކަތް ރައީސް ޔާމީން ފައްޓަވައިދެއްވި ބްރިޖަކީ 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ އަގުހުރި ބިޔަ ބޮޑު މަޝްރޫއުއެކެވެ. އެ މަސައްކަތުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ އިރު ބްރިޖް ހުޅުވާނީ މި އަހަރު އެވެ. މިއީ އެތައް ވެރިކަމެއްގައި ކުރަން އުޅެ ނުވި ކަމެކެވެ. ފާއިތުވި ވެރިކަންތަކުގައި ބްރިޖް ފެންނަން އޮތީ ކުރެހުންތަކުގަ އެވެ. މި ވެރިކަމުގައި ބްރިޖް މިހާރު ހެންވޭރުކޮޅުން ތިލަވެފައިވާތަން ފެންނަން އޮންނާނެ އެވެ.

ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތުގެ އަޕްޑޭޓުތައް ފެންނަ ފޮޓޯތައް--- ފޮޓޯ: މިނިސްޓަރު މުއިއްޒު/ ޓްވިޓާ

  • ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް ނޫން ނަމަ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތަކީ މި ފަހުން ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު އަދި އެންމެ އުސް ބިނާ އެވެ. އެތަން ހާއްސަ ވަނީކީ ހަމައެކަނި އެތަނުގެ އުސްމިނުގެ ސަބަބަކުންނޫނެވެ .ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވާ ގޮތުން ނަމަ މިއީ "ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރުއު"އެކެވެ. މި އަހަރު އެ ހޮސްޕިޓަލް ހުޅުވާ އިރު އެތަން ހަދަނީ ޖުމުލަ 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްގެންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން

އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވާ ވާހަކައެއް އޮންނާނެ އެވެ. "އިގްތިސާދީ ގޮތުން ގައުމު ކުރިއަރަން އެންމެ މުހިންމު އެއްތަނަކީ ރާއްޖެއަށް އެތެރެވާ މައިގޭޓެވެ". މީގެ ކުރީ ސަރުކާރުތަކަށް ބޮޑު ބުރަޔަކަށްވި އެ މައި ގޭޓް މިއަދު އެއީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ އެންމެ މުހިންމު އަސާސަށް ވަނީ ވެފަ އެވެ.

ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައިދިނުމަށް ފަހު އެ ތަން ބޭރުގެ ބަޔަކަށް ދިނުމުގެ ސަބަބުންވީ ގެއްލުމުގެ ބަދަލު މި ސަރުކާރުން ދެއްކީ ވެސް މި ފަސް އަހަރުތެރޭގަ އެވެ. އެ ފައިސާ ދެއްކުމަށް ފަހު ސަރުކާރުން އަވަސްވެގަތީ އެއާޕޯޓް ތަރައްގީ ކުރުމަށެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެތަނުގައި އިތުރު ރަންވޭއެއް އެޅުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމެނީ އެވެ. އަދި އައު ރަންވޭއާ އެކު ޓާމިނަލް ބޮޑުކުރަން ވެސް ވަނީ ނިންމާފަ އެވެ. މިހާރު އެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ރަންވޭގެ މަސައްކަތައް އެކަނި ވެސް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު ވަނީ ހޭދަކުރާނެ އެވެ.

ވީއައިއޭގައި އަލަށް އަޅާ ރަންވޭގެ ސަބް ބޭހުގައި ހިމެނޭ ސިމެންޓް އެގްރިގޭޓް ލޭޔާގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއޭސީއެލް، ޓްވިޓާ

  • ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓްތައް

ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓް ތަރައްގީކޮށްދީ ތަފާތު ބޭނުންތަކަށް ދަތުރުފަތުރު ކުރާ މީހުންނަށް ރާއްޖޭގެ ކަނޑުތަކަކީ ބޮޑު ތަކުލީފަކަށް ނުވާނެ ގޮތަށް ކަންކަން ހަމެޖެހިގެންދިޔައީ އުންމީދެކެވެ. އެ އުންމީދަށް ނިމުމެއް ގެނެސްދެއްވީ ރައީސް ޔާމީނެވެ. މި ސަރުކާރުން ވަނީ ރާއްޖޭގެ އެކިކަންކޮޅުގައި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ނިންމާ މަސައްކަތް ފަށައިފަ އެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހަތަރު އެއާޕޯޓް އަޅަން 336 މިލިއަން ރުފިޔާ ހަރަދު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ. މި އަހަރު އެއާޕޯޓް އަޅަން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. މާވަރުލު، އަދި ފ.ނިލަންދޫ ގަ އެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ހަމަޖެހިފައިވާ ބިން ސަރުކާރުން މިހާރު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ހިއްކާ ނިންމައިފަ އެވެ. އެއާޕޯޓް އެޅުމުގެ މަސައްކަތްދަނީ ކުރިއަށެވެ.

ށ. ފުނަދޫގައި އެއާޕޯޓް އަޅާ ބިން ވެސް މިހާރު ވަނީ ހިއްކާ ނިންމައިފަ އެވެ. އަދި 89 މިލިއަން ރުފިޔާ ހަރަދު ކުރާ އެ އެއާޕޯޓްގެ މަސައްކަތް މިހާރު ދަނީ ހަލުވި ސްޕީޑެއްގައި ކުރިއަށެވެ.

ގދ.ގައި ހަދާ ދެވަނަ އެއާޕޯޓްކަމަށްވާ މާވަރުލު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖައްސާފައި ވަނީ 54 މިލިއަން ރުފިޔާ އެވެ. އެއަތޮޅު މާވަރުލުގައި އަޅާ އެއާޕޯޓްގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ފ. ނިލަންދޫގައި އެއާޕޯޓް އެޅުމަށް ހަރަދުކުރަން ނިންމާފައި ވަނީ 101 މިލިއަން ރުފިޔާ އެވެ.

މި ވެރިކަމުގައި ދެ އެއާޕޯޓެއްގެ މަސައްކަތް މިހާރު ވެސް ވަނީ ނިންމައި ހުޅުވައިފަ އެވެ. އެއީ ދ.ކުޑަހުވަދޫ އެއާޕޯޓާއި ރ.އިފުރު އެއާޕޯޓެވެ.

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށުން: އެ މަޝްރޫއު ފައްޓަވައި ދެއްވީ ރައީސް ޔާމީން.

ބިމުގެ ދަތިކަން ހައްލުކޮށްލީ "މަހާ ޖައްރާފުން"

ރާއްޖެއަކީ ބިމުގެ ޖާގަ ކުޑަ ގައުމަކަށްވުމުން، ގެދޮރުވެރިވުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ބޮޑު އިންވެސްޓުމަންޓެއްކޮށްފަ އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީ މެދުވެރިކޮށް ބިން ހިއްކާ ޑްރެޖަރެއް ގަތުމެވެ. އެ ޑްރެޖަރަށް ދީފައިވާ ނަމަކީ "މަހާޖައްރާފު" އެވެ.

އެ ޑުރެޖަރަކީ 36 މިލިއަން ޑޮލަރަށް އެމްޓީސީސީ އިން ގަތް ޑުރެޖަރެކެވެ. މުޅިން އާ ޑްރެޖަރެކެވެ. ރާއްޖޭގެ ފަޅުތަކާއި ތިލަ ވިލުތައް ހިއްކައިގެން ބިން ބޮޑުކުރުމުގެ މަޝްރޫއުތައް ކުރިއަށް އޮތީ އެވެ. އެ މަސައްކަތުގެ ތެރެއިން މަހާ ޖައްރާފުން މިހާރު ވެސް ވަނީ ތިން ރަށެއްގެ ބިން ހިއްކައިފަ އެވެ. އެއީ ހދ. ކުޅުދުއްފުށި، ށ.ކޮމަންޑޫ އަދި ށ. ފުނަދޫ އެވެ.

އެއާޕޯޓް އަޅާ ބިން ހިއްކުމަށް އެމްޓީސީސީން ރާއްޖެ ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު" ފުނަދޫގައި ބަނދަރު ކުރުން: ކޮންނަބޯޓުގެ ފަޅުވެރިންނަށް ފުނަދޫ ރައްޔިތުން މަރުހަބާ ކިއީ ސައިފޮދަކުން. ފުނަދޫ އެއާޕޯޓް އެޅުމަށް އެރަށު އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައި --- ފޮޓޯ/ ފުނަދޫ ކައުންސިލް

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މަޝްރޫއުއެއް!

ބޮޑެތި މަޝްރުުއުތައް މާލޭ ސަރަހައްދުގައި ކުރިއަށް ދިޔަ ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެެއްގައިހެން ކޮންމެވެސް މަޝްރޫއުއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހިސާބަށް ސަރުކަރުގެ މަޝްރުއުއެއް ނުހިނގާ ރަށެއް ނޯންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެންމެ އުތުރަށް ބަލާއިރު ހއ.ގައި އެންމެ ގިނަ މަޝްރޫއު ހިނގަމުން ދަނީ ހއ. ދިއްދޫގަ އެވެ. އެ ރަށުގައި ޖުމުލަ އަށް މަޝްރުއުއެއް އެބަ ކުރިއަށްދެ އެވެ.

ހދ. އަތޮޅަށް ބަލާއިރު އެއާޕޯޓެއްގެ މަޝްރުއުއަކާއި ބަނދަރެއް ހެދުމުގެ މަސައްކަތް އެ އަތޮޅު ކުޅުދުއްފުށީގައި ދަނީ ކުރިއަށެވެ.

ށ. އަތޮޅަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދަނީ ކޮމަންޑޫގަ އެވެ. ނަމަވެސް މިހާރު އެ އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. އެއީ ށ. އަތޮޅުގައި ކުރިއަށްދާނެ އެންމެ ބޮޑު މަޝްރޫއު އެވެ.

ނ. އަތޮޅުގެ ވެލިދޫ އަދި މާޅެންދޫގައި މިހާރު ވެސް ޖުމުލަ ފަސް މަޝްރޫއުއެއް ދަނީ ކުރިއަށެވެ. އަދި މާފަރުގައި އެއާޕޯޓެއް އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ރ. އަތޮޅަށް ބަލާއިރު މި ސަރުކާރުން ވަނީ ރ. އަތޮޅު އިފުރުގައި އަޅާންފަށާފައިވާ އެއާޕޯޓް ނިންމާ އޮޕަރޭޓް ކުރަން ފަށައިފަ އެވެ. އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދަނީ އުނގޫފާރު އަދި މީދޫގަ އެވެ.

ބ. އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށް ދަނީ އެ އަތޮޅު ތުޅައިދޫގަ އެވެ. އެ ރަށުގައި ފަސް މަޝްރުއުއެއް ދަނީ ކުރިއަށެވެ.

ޅ. އަތޮޅަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށް ދަނީ ނައިފަރުގަ އެވެ. ނައިފަރުގައި އަށް މަޝްރޫއުއެއް ދަނީ ކުރިއަށެވެ.

ކ. އަތޮޅުގައި މާލެ ފިޔަވާ ދެން އެންމެ ގިނަ މަޝްރޫއު ކުރިއަށް ދަނީ ތުލުސްދޫގަ އެވެ. އެ ރަށުގައި ޖުމުލަ ހަތް މަޝްރޫއުއެއް ދަނީ ކުރިއަށެވެ.

އއ. އަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދަނީ ރަސްދޫގަ އެވެ. އެ ރަށުގައި ދެ މަޝްރޫއުއެއް ދަނީ ކުރިއަށެވެ.

އދ. އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށް ދަނީ މަހިބަދޫ އަދި މާމިގިލީގަ އެވެ. އެ ރަށްރަށުގައި ޖުމުލަ ތިން މަޝްރޫއުއެއް ދަނީ ކުރިއަށެވެ.

ވ. އަތޮޅަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދަނީ ފުލިދޫގަ އެވެ. އެ ރަށުގައި ޖުމުލަ ތިން މަޝްރޫއުއެއް ދަނީ ކުރިއަށެވެ.

ފ. އަތޮޅަށް ބަލާއިރު އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ ގިނަ މަޝްރުއޫތަކެއް ދަނީ ކުރިއަށެވެ. އެގޮތުން އެންމެ ގިނަ މަޝްރޫއު އެ އަތޮޅުގައި ކުރިއަށް ދަނީ ފ. ނިލަންދޫގަ އެވެ. އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މ. އަތޮޅުން އެންމެ ގިނަ މަޝްރޫއު ކުރިއަށްދަނީ އެ އަތޮޅު ދިއްގަރުގަ އެވެ. ދިއްގަރުގައި ޖުމުލަ ހަތަަރު މަޝްރޫއުއެއް ދަނީ ކުރިއަށެވެ.

ފުނަދޫ ބިން ހިއްކުން--- ފޮޓޯ/ ފުނަދޫ ކައުންސިލް

ދ. އަތޮޅުގައި ކުރިއަށްދާ މަޝްރުއޫތަކަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދަނީ ކުޑަހުވަދޫގަ އެވެ. ކުޑަހުވަދޫގައި ޖުމުލަ ހަ މަޝްރުއުއެއް ދަނީ ކުރިއަށެވެ. އެ ރަށުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓެއް ވެސް އަޅައިފަ އެވެ. މިހާރު އެ އެއާޕޯޓުން ދަނީ ހިދުމަތް ދެމުންނެވެ.

ތ. އަތޮޅުގައި ސަރުކާރުން މުހިންމު މަޝްރޫއުތަކެއް ކުރިއަށްގެންދާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރޫއު ހިންގަނީ ތ. މަޑިފުށީގަ އެވެ. އެ ރަށުގައި ޖުމުލަ ހަ މަޝްރުއުއެއް ދަނީ ކުރިއަށެވެ.

ލ. އަތޮޅަށް ބަލާއިރު އެންމެ ގިނަ މަޝްރޫއު ކުރިއަށް ދަނީ ފޮނަދޫގަ އެވެ. އެ ރަށުގައި ޖުމުލަ ހަ މަޝްރޫއުއެއް ދަނީ ކުރަމުންނެވެ. އަދި މި ސަރުކާރުން ވަނީ ލ. އަތޮޅު ލިންކް ރޯޑް ވެސް ރަނގަޅު ފެންވަރަކަށް ހަދައި ނިންމައިފަ އެވެ.

ގއ. އަތޮޅުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަށް ބަލާ އިރު އެ އަތޮޅުގައި އެންމެ ގިނައިން މަޝްރޫއުތައް ހިންގަމުން
ދަނީ ވިލިނގިލީގަ އެވެ. އެ ރަށުގައި ނުވަ މަޝްރުއުއެއް ދަނީ ކުރިއަށެވެ.

ގދ. އަތޮޅަށް ބަލާއިރު އެންމެ ގިނަ މަޝްރޫއު ކުރިއަށް ދަނީ ތިނަދޫގަ އެވެ. އެ ރަށުގައި 13 މަޝްރޫއުއެއް ކުރިއަށް އެބަދެ އެވެ.

ފުވައްމުލަކު ސިޓީގައި 14 މަޝްރޫއުއެއް އެބަހިންގަ އެވެ. އަދި އައްޑޫ ސިޓީގައި ޖުމުލަ 31 މަޝްރޫއު ކުރިއަށް އެބަދެ އެވެ.

"ސައުވީސް ގަޑިއިރު ޔަގީން"

ކަރަންޓްގެ މައްސަލައަކީ އަބަދުވެސް ސަރުކާރުތަކަށް އޮންނަ ބޮލުގެ ރިހުމެކެވެ. އެ ބޮލުގެ ރިހުމަށް ހައްލެއް ގެނައުމަށް ދިމާވެފައިވާ ގޮންޖެހުމަށް ރައީސް ޔާމީން ނެރުއްވި ހައްލަކީ"ފެނަކަ ކޯޕަރޭޝަން"އެވެ. އެ ކޯޕަރޭޝަން މެދުވެރިކޮށް މިހާރު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިމާވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާއިރު އައްޑޫ ސިޓީ ފަދަ ބޮޑެތި ރަށްރަށުގައި ކަރަންޓާ ގުޅޭ ގިނަ މަޝްރޫއުތައް ދަނީ ކުރިއަށެވެ. މިހާތަނަށް ގިނަ ރަށްރަށުގައި އައު އިންޖީނުގެތައް އިމާރާތްކޮށް އެ ކޯޕަރޭޝަނުން ހިންގަމުންދާ އިރު އައު އިންޖީނުތައް ހޯދާ ކަރަންޓް ވިއުގަ ޒަމާނީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ހިނިތުންވުން ގެނެސްދިން ތައުލީމީ ސިޔާސަތު

ތައުލީމީ ސިޔާސަތުގެ ތެރެއިން ތަހުޒީބީ މުޖުތަމައުއަކަށް ތަރުބަވީ ތައުލީމް ދިނުމަށް ސަރުކާރުން ވަނީ މިވީ ފަސް އަހަރުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަަމަށް ހެކިދެނީ ސަރުކާރަށް ތިން އަހަރުވީ އިރު ސްކޫލުތަކުގެ ހާލަތު ބައްލަވާލުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ޒިޔާރަތް ކުރެއްވުމުންނެވެ.

ތައުލީމީ ދާއިރާއިން ހާސިލް ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން އެންމެ ކުއްޖަކު ވެސް ބާކީ ނުކުރާނެ ސިޔާސަތަކީ ފާހަގަކޮށްލަން ޖެހޭ މަސައްކަތެކެވެ. ބީޓެކް ޕްރޮގްރާމާއި ދަސްވަރު ޕްރޮގްރާމަކީ އެ ސިޔާސަތުގެ ތެރެއިން ކާމިޔާބުކަމާ އެކު ކުރިއަށްގެންގޮސްފައިވާ ކަންތައްތަކެވެ.

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ ގައުމީ އައު މަންހަޖާ އެކު މިއަހަރުން ފެށިގެން ހުރިހާ ސްކޫލެއް ޑިޖިތަލައިޒްކޮށްލުމަށެވެ. އަދި ޓެކްސްޓް ފޮތްތައް ދޫކޮށްލާ ޓެބްލެޓްތައް އަންނަ އަހަރު ދަރިވަރުންނަށް ތައާރަފްކޮށްދޭން ތައްޔާރުވާ އިރު އެއީ ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަންނާނެ ބަދަލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ސަރުކާރުން ތައުލީމީ ސިޔާސަރުގެ ކާމިޔާބީ ގުނާ ދާއިރާއަކީ ކުދިންގެ ނަތީޖާ އެވެ. ތަފާސް ހިސާބުން ދައްކާ ގޮތުން އަހަރަކަށް ވުރެ އަހަރެއް ކުދިންގެ ނަތީޖާ ދަނީ ރަނގަޅުވަމުންނެވެ. އަދި މަތީތައުލީމަށް މި ސަރުކާރުންދޭ ލޯން އެހީތަކަކީ ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.

ސިއްހީދާއިރާއަށް ބޮޑު އިންގިލާބެއް!

އައިޖީއެމްއެޗްއަށް ގެނައި ބޮޑެތި ކުރިއެރުންތަކާ އެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފަ އެވެ. ސަރުކާރު ހޮސްޕިޓަލެއްގައި އަލަށް އެމްއާރް މެޝިނެއް ބެހެއްޓީ މިސަރުކާރުންނެވެ. އައިޖީއެމްއެޗްގައި ހިތުގެ ބައްޔަށް ހައްސަ ސެންްޓަރެއް ފަންނީ ހުރިހާ ވަސީލަތަކާ އެކު ގައިމު ކުރެވުނީ ވެސް މި ހަތަރު އަހަރު ތެރޭގަ އެވެ. އަދި މިނޫން ވެސް ގިނަ ހިދުމަތްތަކެއް ސަރުކަރުން ވަނީ ހަތަރު އަހަރު ތެރޭގައި ތައާރަފްކޮށްފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސިއްހީދާއިރާއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ނަމުގައި ބޮޑު ހޮސްޕިޓަލެއް އިމާރާތް ކުރެވިގެންދިޔުމެވެ. އެ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލުގެ މަސައްކަތް ނިމި ބައިނަލްއަގުވާމީ ދުނިޔޭގައި ދެވެން ހުރި ބޮޑެތި ފަރުވާތައް ގާދޫ ކޮލުން އެތެރެވެ ރާއްޖެއިން އެ ޚިދުމަތް ލިބޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ. އަދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓާ މި ސަރުކާރުން ގެނެސްދިނުމަކީ ހަތަރު އަހަރުތު ތެރޭގައި ހޯދި ބޮޑު ކާމިޔާބީއެއްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އައްޑުގައި ހަދާ ޓާޝަރީ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕީޓާ ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.

ހުސްނުވާ އާސަންދާއާ އިސްރަށްވެހިންނަށް ދޭ ބޮޑު އިނާޔަތް!

މީގެ ކުރީގެ ސަރުކާރުން ތައާރަފް ކުރި ނިޒާމް ފުރިހަމަކޮށްދެއްވީ މި ސަރުކާރުންނެވެ. ކުރިން ވަކި ބައެއް ދައްކާ ގޮތައް އޮތް އާސަންދަ ނިޒާމް ހުސްނުވާ ނިޒާމަކަށް ބަދަލުކޮށްލާ އެ ނިޒާމް ހަރުދަނާ ކުރި އިރު މިހާރު މިއީ ސިއްހީ ނިޒާމްގެ އެންމެ މުހިންމު އިންޝިއުރޭންސް ޕެކޭޖަށް ވަނީ ވެފަ އެވެ. އަދި ދައުލަތގުގެ ބަޖެޓުން މިކަމަށް ގިނަ ފައިސާ ވެސް ދަނީ ހަރަދު ކުރަމުންނެވެ.

ހުސްނުވާ އާސަންދައިގެ މިންގަނޑުތަކާ އެއްގޮތަށް ފާމަސީތަކުން ހިދުމަތް ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އާސަންދައިން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

މީގެ އިތުރުން ރައީސް ޔާމީން އިސްރަށްވެހިންނަށް ދޭ އެލެވެންސް 2500 އިން 5،000 ރުފިޔާ އަށް ބޮޑުކޮށްދެއްވި ކޮށްދެއްވުމުކީ ވެސް ސަރުކާރުން ރައްޔިތުންނަށް ބަހައްޓާ ގާތްކަން ދައްކުވައިދިން ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ޒުވާނުންނަކީ ސަރުކާރުގެ މައިބަދަ!

ޒުވާނުންނަކީ ސަރުކާރުގެ "މައިބަދަ" ކަމުގައި ސަރުކާރުން ގަބޫލު ކުރާކަން ސަރުކާރުގެ އަމަލުތަކުން ދޭހަކޮށްދެ އެވެ. ރައީސް ޔާމީން މިވީހާތަނަށް ދެއްވި ކޮންމެ ހިތާބެއްގައި އެންމެ ބޮޑަށް ފާހަގަކުރަނީ ޒުވާނުންގެ ވާހަކަ އެވެ. ޒުވާނުންނާ ބެހޭ މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވީ ޒުވާނުންނަށް ސަރުކާރުން ކޮށްދޭން ބުނި ގިނަ ކަންތައްތައް މިހާރު ވެސް ކޮށް ނިމިފައިވާ ކަމަށެވެ. ވޭތުވެ ދިޔަ އަހަރު ހަބޭސް ތިން އަހަރު ސަރުކާރުން ފާހަގަ ކުރިއިރު ޒުވާނުންނަށް ވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ އެވެ.

15 މާޗް 2017: ޓީސީގެ ކާމިޔާބު ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން: އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް ޔާމީން---ފޮޓޯ ރައީސް އޮފީސް

ޒުވާނުންނަށް ކުޅެލާނެ ފުޓްސަލް ދަނޑުތަކެއް ސަރުކާރުން ގިނަ ރަށްތަކުގައި ގާއިމުކޮށްދީފައިވާ އިރު އުފައްދަން ބުނީ 95 ހާސް ވަޒީފާގެ ތެެރެއިން ބޮޑު އިންސައްތައެއްގެ ވަޒީފާ އުފެދިފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް ހުރި މަޝްރޫއުތައް ނިމުމުން ވަޒީފާ އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ބޮޑު މުސާރަ!

ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ދެވޭ މުސާރަ އާއި އިނާޔަތްތައް 1 ފެބްރުއަރީ 2018 އިންފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. މިފަހަރު މުސާރަ ބޮޑު ކުރުމުގައި އެންމެ އިސްކަމެއް ދީފައިވާނީ އެއްވެސް މުވައްޒަފަކު ގެއަށް ގެންދަން ލިބޭ މުސާރައިން އެއްވެސް އެއްޗެއް ނުކެނޑޭ ގޮތަށް އެލަވަންސެއް ހަމަޖެއްސުމަށް ކަމަށާއި މިފަހަރު މުސާރަ އެންމެ ބޮޑުވެފައި ވާނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަަމަށް ސިވިލި ސާވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އޯގަސްޓް 21، 2017: ސަލްޓަން ޕާކު ތަރައްގީ ކުރުމަށް ފަހު "ރަސް ރަނި"ގެ ނަމުގައި އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރި ކުރުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިފަހަރު، ނިސްބަތުން މުސާރަ އެންމެ ބޮޑުކޮށްފައި ވާނީ އެންމެ ދަށް ފަންތީގައި ގިންތި ކުރެވޭ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން އެ މުވައްޒަފުންނަށް 37 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަލީ ޝަމީމް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާއިން އުފާވެރިކަން

ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެ ދިޔަ ފަސް އަހަރު ފެށި ބިލިއަނުން ގުނޭ ޕްރޮޖެކްޓުތަކަށް ވުރެ ބޮޑަށް ރައްޔިތުންނަށް ކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ބެހެއްޓި ގާތް ކަމެވެ. އެ ކުދިންނަށް ވަޒީފާ ލިބިގެން ދިޔުމަކީ މިއަދު އެކުދިން އުފާ ކުރާ ކަމެއްކަން މުޅި ގައުމު ދަނެ އެވެ. އެފަދަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކަރުން ގެންގުޅޭ ސިޔާސަތައް ވެސް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.

25 ޑިސެމްބަރު 2016: ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ހަމަޖައްސަވައި ދެއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަނބަލުންނަށް ހާއްސަކޮށްގެން ގިނަ ކަންކަން ކުރި!

ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާ އެކު މި ސަރުކާރު ވެގެންދިޔައީ ކަނބަލުން ބާރުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވި ސަރުކާރަކަށެވެ. ކަނބަލުންނަށް ތަފާތު އެކްސްޕޯތައް ބާއްވާ އެ ވެރިންނަށް ވިޔަފާރީގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ. ތަފާތު އެވޯޑްތައްދީ ސަރުކާރުން ވަނީ ކަނަބލުންގެ އަގުވަޒަންކޮށްފަ އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ބޯޑުން ކަނބަކުންނަށް ޖާގަ ހޯދައިދިނީ ވެސް މި ސަރުކާރުންނެވެ.

"ހީވާގި ކަނބަލުން" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ހިޔާ" މަޝްރުއު އިން އުންމީދު!

ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ގޮންޖެހުމަށް ހެޔޮ ބަދަލެއް ގެނައުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ހިޔާ" މަޝްރުއުގެ ނަމުގައި ބޮޑު މަޝްރޫއެއް ވަނީ އިފްތިތާހްކޮށްފަ އެވެ. ހިޔާވައްސެއްގެ އުންމީދުގައި ތިބި އެތައް ޒުވާނުންނަށް، އެ މަޝްރޫއުގެ ދަށުން ދާއިމީ ހިޔާވަހިކަމެއް ލިބިގެންދާނެކަމުގެ އުންމީދު ބޮޑެވެ. އެތައް ޒުވާނުން މިއަދު އުންމީދު ކުރަމުން ދަނީ އެ މަޝްރޫއު ނިމި ހިޔާވަހިކަން ލިބިގެންދާނެ ދުވަހަކަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވި "ހިޔާ" މަޝްރޫއަކީ 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އިފްތިތާހުކުރި މަޝްރޫއެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ނިންމާފަ އެވެ. އެ ޔުނިޓުތަކުގެ ތެރޭގައި އެއް ކޮޓަރިއާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓު ހިމެނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފުރާހު

މި ޓަވަރުތައް ތަރައްގީކުރުމަށް ނިންމާފައި ވަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ. އެ މަޝްރޫއު ދަނީ ބާރަށް ކުރިއަށެވެ.

ކޮރަޕްޝަންސްގެ މައްސަލަ ގިނަ، އަދަބު ވެސް ދިން

ސަރުކާރުގެ ތަރައްގީގެ މަޝްރުއުތައް މެކުހަށް ޖަހާފައިވީ ނަމަވެސް ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޮންޕެނީ (އެމްއެމްޕީއާރްސީ)ގެ ތެރެއިން ހިނގި ކޮރަޕްޝަންގެ ކަންތައްތަކީ ސަރުކާރުގެ ހަލުވި ދުވެލީގައި ތަޅު އަޅުވާފައިވާ ކަމެކެވެ. އެ ކުންފުނި މެދުވެރިކޮށް ބިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ އިރު އެ މައްސަލަ މިހާރު ކޯޓްގައި ދަނީ ބަލަމުންނެވެ. ބައެއް މައްސަލަތަކާ ގުޅިގެން ސަރުކާރުގެ އިސް ބައެއްވެރިންގެ މައްޗަށް ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

މި މައްސަލަ މި ސަރުކާރުގައި ހިނގާފައި ވިޔަސް ސަރުކާރުން އެ މައްސަލަ ބަލަން ފަށައި ފިޔަވަޅު އޭޅުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ މުހިންމު ލަނޑުދަނޑިތައް ހާސިލްވަމުން ދިޔުމާ އެކު ސަރުކާރަށް މި ހަަތަރު އަހަރު ވަރަށް ފުރިހަމަ އެވެ. އިދިކޮޅުން ކިތަންމެ ފާޑެއްކީ ނަމަވެސް ސަރުކާރުން ބުނަނީ މި ސަރުކަރުން ރާއްޖެ ތަރައްގީ ކުރިވަރަށް އެއްވެސް ސަރުކާރަކުން ރާއްޖެ ތަރައްގީ ނުކުރާ ކަމަށެވެ.

ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. ތަރައްގީގެ މަގުގައި ރައީސް ޔާމީން ގިނަ ކަންކަން ކޮށްފި އެވެ. އިތުރަށް ގިނަ ކަންކަން ރޭވިފައި ވެސް އެބަހުއްޓެވެ. ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވާ ގޮތުންނަަމަ "އަންނަ ދައުރަށް ތަރައްގީގެ ބޮޑެތި މަޝްރުއުތައް މެނިފެސްޓޯގައި ހިމެނިގެން ދާނެ"އެވެ. އެ މަޝްރުއުތައް ވެގެންދާނީ ރައްޔިތުން ސިއްސައިގެން ދާވަރުގެ މަޝްރުއުތަކަކަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާ ރައްޔިތުން 2013 ވަނަ އަހަރު ހަވާލު ކުރި އަމާނާތް ކިހާވަރަކަށް އަދާވިތޯ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުން އެނގިގެންދާނެ އެވެ. ގޯލް ޖެހުނު މިންވަރާއި ބައިކޮޅަށް ވަތް ގޯލްގެ އަދަދު އަންދާޒާ ކުރަން ޖެހޭނީ އިންތިހާބުގައި ރައްޔިތުންދޭ ވޯޓުންނެވެ. ތަރައްގީގެ ދަނޑުގައި ރައީސް ޔާމީން އިންދެވި ގަސްތަކުގެ މޭވާ ރައްޔިތުންނަށް ލިބޭ އިރު އެމަނިކުފާނު ވެރިކަމުގައި ބަހައްޓާނެތޯ ނިންމާނީ ރައްޔިތުންނެވެ.

ރައީސް ޔާމީން ތަރައްގީގެ މާއްދާއަށް ފަރިތަ އެވެ. އޭ ޕްލަސް އެ މާއްދާ އިން ހޯދައިފިކަން ގިނަ ރައްޔިތުން ގަބޫލުކޮށްފި އެވެ. ކުރިން ނުވާނެހެން ހީވި އެތައް ކަމެއް ކޮށްފި އެވެ. ކޮންކްރީޓް ތަރައްގީން އުންމީދު ގެނެސްދިން އިރު އަދި ކުރިއަށް ހުރި ބޮޑެތި މަޝްރޫއުތައް އެގޮތުގައި ކުރިއަށް ގެންދިޔުމަށް އިތުރު ދައުރެއް ދޭނީތޯ ނިންމާނީ ރައްޔިތުންނެވެ. ބިނާ ކުރުވަނިވި ފަސް އަހަރު، ނަފާ ހޯދާ އިތުރު ފަސް އަހަރަކަށް ބަދަލު ކުރަން އާއެކޭ ބުނާނީތޯ ނިންމާނީ ރައްޔިތުންނެވެ. ކަންކަން ހުރީ ފެންނާށެވެ. ފާހަގަ ޖަހާއިރު އެމީހަކު ބޭނުންވާ ގޮޅިއެއް ނިންމާނީ އަމިއްލަ އަށެވެ.

comment ކޮމެންޓް