ރައީސް ޔާމީން ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރިކަން ސާބިތެއް ނުކުރެވޭނެ: ތޯރިގު

ޗަންޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްްމަދު އަފްރާހް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރެއްވި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އޭގެން އެއްވެސް ކަމެއް ސާބިތެއް ނުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި، "މަމެން ރައީސް ޔާމީނާއެކު" ގެ ނަމުގައި ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އެފަދަ ވެރިކަމެއް ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އަދި އޭގެ ކުރީގެ ރައީސުން ވެސް ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވާފައި އެބަހުރި ކަމަށާއި ނަމަވެސް ރައީސް ޔާމީން އެފަދަ ކަމެއް ކުރެއްވި ތަނެއް ނުދެކޭ ކަމަށެވެ.

"...ރައީސް ޔާމީނެއް އަޅުގަނޑު ނުދެކެމޭ ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރެއްވި ތަނެއް. ރައީސް ޔާމީން ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރެއްވި ކަމަކަށް އެއްވެސް ބޭފުޅަކަށް ހަމަ ޔަގީނުން ވެސް ސާބިތެއް ނުކުރެވޭނެކަން މިހިރީ ޔަގީންކޮށްގެން،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަޖެޓަށް އިދިކޮޅު އެއްވެސް ޕާޓީއެއްގެ މެމްބަރަކު ވޯޓު ނުދެއްވި ނަމަވެސް، ތ. އަތޮޅަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވި ނުވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެންމެ ވޯޓެއް ނުދިނަސް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރަންޖެހޭ ކަންތައްތައް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމެނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒާ ދިމާލަށް ދަތުރުކޮށް، 10 އަހަރުގެ ވެރިކަމެއް ނިމޭއިރު، ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން، ރައީސް ޔާމީނަށްފަހު ރާއްޖޭގެ ވެރިކަމަށް އަންނަ ރައީސަކު ހަމައެކަނި ކުރަން ޖެހޭނީ ރައްޔިތުންނަށް ބަހަންޖެހޭ ފައިސާތަކުގެ ހިސާބު ކިތާބު ބެލެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

"...ދެން ވެރިކަން ކުރާ މީހެއްގެ ހަމައެކަނި މަސްއޫލިއްޔަތަކަށް ވާނީ ހިސާބު ކިތާބު ބެލެހެއްޓުން. ރައްޔިތުންނަށް ފައިސާކޮޅު ބެހުން. އާމްދަނީ ބެހުން...މި ރާއްޖޭގައި މިހުންނެވި 100ގެ ރައީސް މި ކަނޑައަޅާ މަޝްރޫއުތަކުގެ ތެރެއިން 100 އަހަރު ވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި ނަމަވެސް އެ ނޫންކަމެއް ކުރާކަށް ވެރިންނަކަށް ޖާގައެއް ނެތް.،" ޖަމީލު ވިދާޅުވި އެވެ.

comment ކޮމެންޓް