މިސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް އެޓީމުގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.
މިސީޒަނަށް ފަހު ބާސާ ދޫކޮށްލަން އިނިއެސްޓާ އުޅޭ ކަމުގެ ވާހަކަތައް ކުރިން ދެކެވުނު ނަމަވެސް އޭނާ އެކަން ޔަގީން ކޮށްދިނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
އިނިއެސްޓާގެ ކްލަބު ފުޓުބޯޅަ ކެރިއަރު އެއްކޮށް ހޭދަކޮށްފައި ވަނީ ބާސާގައެވެ. އޭނާ ވަނީ ކްލަބުގައި 16 ސީޒަން ހޭދަކޮށްފައެވެ. އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ ބާސާއަށް 669 މެޗު ކުޅެފައެވެ. 669 މެޗު ކުޅުނު އިނެއެސްޓާ ވަނީ ކްލަބާއެކު 31 ތަށި އުފުލާލައިފައެވެ.
ސީނިއާ ޓީމަށް ކުޅެން ފެށުމުގެ ކުރިން އިނިއެސްޓާ ވަނީ ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އެގޮތުން އިނިއެސްޓާ ފާހަގަކޮށްލެވެނީ ބާސާގެ ވަރުގަދަ އުފެއްދުމެއްގެ ގޮތުގައެވެ.
މިއަދު ބާސާގައި ބޭއްވި ޕްރެސްގައި އަސަރާއެކު ވާހަކަ ދެއްކި އިނިއެސްޓާ ބުނީ އޭނާ ބާސާއާ ދެކޮޅަށް ދުވަހަކުވެސް ވާދަވެރި މެޗެއް ނުކުޅޭނެ ކަމަށާއި، އެހެންކަމުން އޭނާ އަންނަ ސީޒަންގައި ފެންނާނީ ޔޫރަޕްގެ ކްލަބަކުން ނޫން ކަމަށެވެ.
އިނިއެސްޓާ ބުނެފައިވަނީ ދެން ދާނެ ކްލަބަކާ މެދު ގޮތެއް ނިންމަން ވަގުތު އެބައޮތް ކަމަށާއި، އެ ނިންމުން ނިންމާނީ ސީޒަން ނިމުމުން ކަމަށެވެ.
އިނިއެސްޓާގެ އާއިލާގެ އިތުރުން ޓީމުގެ އެހެން ކުޅުންތެރިންނާއި ބާސާގެ އޮފިޝަލުން ބައިވެރިވި ޕްރެސްގައި ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ މިއަދަކީ އޭނާއަށް ވަރަށް ހިތްދަތި ދުވަހެއް ކަމަށާއި، އޭނާގެ މުޅި ހަޔާތް ހޭދަކުރީ ބާސާގައި ކަމަށެވެ.
"މިއަދަކީ އުނދަގޫ ދުވަހެއް. އަހަރެން އަލްވަދާއު މިކިޔަނީ މުޅި ހަޔާތް އެ ކްލަބެއްގައި ހޭދަކުރި ކްލަބާ. މިއަދު އަހަރެން ފުޓުބޯޅައިގައި ކާމިޔާބުވެފައި ހުރުމުގެ ސިއްރަކީ ބާސެލޯނާއާއި އެ ކްލަބުގެ އެކަޑެމީ ލަމަސިއާ،" ފެން ކަޅިވެހުރެ ވާހަކަ ދައްކަމުން ދިޔަ އިނިއެސްޓާ ބުންޏެވެ.
އިނިއެސްޓާ ބުނެފައިވަނީ އޭނާގެ ނިންމުން ނިންމީ ވަރަށް ގިނަ ބަޔަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށާއި، އޭނާ އަބަދުވެސް ބޭނުންވަނީ ގިނަބައެއްގެ އިހުތިރާމް ލިބިފައިވާ މީހެއްގެ ގޮތުގައި ފުޓުބޯޅަ ކެރިއަރު ނިންމާލުމަށް ކަމަށެވެ.
ބާސާއާއެކު އިނިއެސްޓާ 31 ޓްރޮފީ ހޯދައިފައިވާ އިރު، އޭގެ ތެރޭގައި އަށް ލަލީގާ އާއި، ހަ ކޮޕާ ޑެލް ރޭ އަދި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.