ނަމާދަށް ހުންނައިރު ކުރިމަތީގައި ސުތުރާ ބެހެއްޓުން ވާޖިބެއް ނޫން: ފަތުވާ ދޭ މަޖިލިސް

19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު: އަންގާރަ ދުވަހު އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރި މަޣްރިބް ނަމާދަށް ފަހު، ދުވަހާ ގުޅޭހާއްސަ ދުޢާއެއް ކުރުން އޮތް -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

ނަމާދަށް ހުންނަ މީހާގެ ކުރިމަތީގައި ސުތުރާ ބެހެއްޓުން ވާޖިބު ނޫން ކަމަށް ރާއްޖޭގެ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ފަތުވާ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ކީރިތި ރަސޫލާގެ ހަދީސްތަކާއި އެ ކަލޭގެފާނުގެ އަމަލުފުޅުތަކުގެ އިތުރުން ފިގްހު އިލްމުވެރިންގެ ބަސްފުޅުތައް ދިރާސާ ކުރުމުން، އެ މައްސަލައިގައި ދެ ގައުލެއް ވާ ކަމަށެވެ.

ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން، އެ މައްސަލައިގައި ބުނީ ހަނަފީ އަދި މާލިކީ މަޒްހަބަށް ބަލައިލާއިރު، ނަމާދަށް ހުންނަ މީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުން މުސްތަޙައްބު ކަމަށް ވާނީ ނަމާދަށް ހުންނަ މީހާގެ ކުރިމަތިން މީހަކު ހިނގައިދާނެ ކަމުގެ ބިރު އޮތްނަމައެވެ. އަދި ބުނީ އެނޫން ހާލަތެއްގައި ސުތުރާއެއް ބެހެއްޓުމަކީ މުސްތަހައްބު ކަމެއް ނޫން ކަމަށެވެ.

ޝާފިއީ މަޒްހަބާއި ހަންބަލީ މަޒްހަބްގެ ރައުޔަށް ބަލާލާއިރު، ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް ސުތުރާއެއް ބެހެއްޓުމަކީ މުސްތަހައްބުކަމެއް ކަމަށާއި އަދި އެކަން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަށްވެސް ފަތުވާ ދޭ މަތީ މަޖިލީހުން ބުންޏެވެ.

ފަތުވާ ދޭ މަތީ މަޖިލީހުން ބުނީ ނަމާދު ކުރާ މީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ ވާޖިބެއް ނޫން ކަމަށާއި އަދި ކީރިތި ރަސޫލާގެ ދުވަސްވަރު މިސްކިތްތަކުގައި ސުތުރާ ބަހައްޓައިފައިނުވާ ކަމަށެވެ.

comment ކޮމެންޓް