އިދިކޮޅު ކޯލިޝަންގެ މިސްރާބެއް ނެތް: މިނިސްޓަރު ނާޒިމް

"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރައްޔިތުންނަށް ކަށަވަރުވެ ޔަގީންވާ ކަމަކީ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތުގައި މިސްރާބެއް ނެތް ކަންކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"އަހުންވެސް ރައީސް ޔާމީނާއެކު"ގެ ނަމުގައި ޕީޕީއެމުން ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރަކު ދައްކަވާ ވާހަކަފުޅާއި އަނެއް ލީޑަރަކު ދައްކަވާ ވާހަކަފުޅާ ދިމާ ނުވާ ކަމަށެވެ.

"އެއް ލީޑަރަކު މި ގޮވާލަނީ 2018ގެ އިންތިޚާބަށް ދާންވާނީ ރައީސް ޔާމީނާ އެކުގައޭ. ގޮސް ރައީސް ޔާމީން ބަލިކުރާށޭ ޖެހޭނީ. އެހެން ބުނާއިރު އަނެއް ރެއަކު އަނެއް ލީޑަރަކު މި ވިދާޅުވަނީ ރައީސް ޔާމީނާއެކު މި އިންތިޚާބަށް ގޮސްގެން އިންތިޚާބު ކާމިޔާބެއް ނުކުރެވޭނޭ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސްރާބެއް، އަމާޒެއް އަދި ސިޔާސަތެއް ނެތް ލީޑަޝިޕަކުން އުފަންވާނެ ތަރައްގީއެއް އަދި ކުރިއެރުމެއްވެސް ނޯންނާނެ ކަމަށެވެ.

"ތަހުޒީބު މުޖްތަމައުތަކުގައި އަދި ތަރައްގީއަށް ލޯބި ކުރާ މުޖްތަމައުތަކުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ ދައުރެއް އޮވޭ. ކުޅެން ޖެހޭ ދައުރެއް އޮވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ތަރައްގީއަށް ލޯބި ކުރާ މުޖްތަމައުތަކުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ ޒިންމާއަކީ ޒަމާނުންސުރެ ރައްޔިތުން ގަބޫލުކޮށްގެން ތިބި އަސާސްތައް ފުނޑާލުން ނޫން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"އިދިކޮޅު ޚިޔާލާ އެކުވެސް ގައުމުގެ ތަރައްގީގެ މަސައްކަތް ކުރެވޭނެ. ތަރައްގީވެފައިވާ ގައުމުތަކުން އެ މިސާލު އެބައޮތް ފެންނަން. ރައީސް ޔާމީން ބްރިޖެއް އަޅައިދެއްވީމާ އެއަށްވުރެ ރަނގަޅު ބްރިޖެއް އަޅައިދޭށޭ،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އަންހެނުންނާއި ފިރިހެނުން މަގުމައްޗަށް ނެރެގެން ކޮންމެ ރެއަކު އަތްޖަހާ ނެށިއަކަސް ތަރައްގީއެއް ނާންނާނެ ކަމަށެވެ.

comment ކޮމެންޓް