އިންޑިއާގައި ބަހަކާއި ރޭލެއް ޖެހި، 13 ކުޑަކުދިން މަރުވެއްޖެ

އިންޑިއާގައި ބަހަކާއި ރޭލެއް އެކްސިޑެންޓުވެ 13 ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ގޯރަކްޕޫރު (އޭޕްރިލް 26): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި މިއަދު ސްކޫލު ބަހަކާއި ރޭލެއް އެކްސިޑެންޓުވެ، 13 ކުއްޖަކު މަރުވެއްޖެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ކުށީނަގަރު ޑިސްޓްރިކްޓުގައި އެ ހާދިސާ ހިނގާފައި ވަނީ 25 ސްކޫލު ކުދިންނާ އެކު ދަތުރު ކުރަމުން ދިޔަ ބަހެއް ރޭލު ދަގަނޑު މަތިން ހުރަސް ކުރަން އުޅެނިކޮށެވެ. އެބަހުގައި ތިބީ ޑިވައިން ޕަބްލިކް ސްކޫލުގެ ދަރިވަރުން ކަމަށާއި އެ ހާދިސާގައި ބަހުގެ ޑްރައިވަރު ވެސް މަރުވެފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔާނަތް ވަނީ އެކްސިޑެންޓުގައި މަރުވި ކުދިންގެ އާއިލާއަށް ދެ ލައްކަ ރުޕީސް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަން ގޯރަކްޕޫރުގެ ޕޮލިސް ކޮމިޝަނަރަށް އަންގަވާފައި އެވެ.

ކުށީނަގަރު ރެއިލްވޭ ސްޓޭޝަނުގެ ތަރުޖަމާނަކާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެ ހާދިސާ ހިނގީ ބަސް ދުއްވަން އިން މީހާގެ އިހުމާލުގެ ސަބަބުންނެވެ. އޭނާ އިނީ ރޭލު ދަގަނޑުތައް މަތިން ބަސް ހުރަސް ކުރި ވަގުތު ހެޑްސެޓު ޖަހައިގެން ކަމަށް ތަރުޖަމާނު ބުންޏެވެ.

މީގެ ދެ ހަފްތާ ކުރިން ވެސް އިންޑިއާގައި އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި ހިމާޗަލް ޕްރަދޭޝްގެ ފަރުބަދަމަތީ މަގަކުން ދަތުރުކުރަމުން ދިޔަ ބަހެއް ވެއްޓި، އެބަހުގައި ތިބި 27 ކުޑަކުދިން މަރުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް