ފަލަސްތީނުގެ ކުއްޖަކު މަރާލި އިސްރާއީލުގެ ފުލުސް މީހާއަށް ނުވަ މަހުގެ ޖަލު ހުކުމެއް

އިސްރާއީލުގެ ފުލުހަކު ބަޑި ޖަހާ މަރާލި 17 އަހަރުގެ ނަދީމް ނުވައްރާ -- ފޮޓޯ: ރޮއިޓާސް

ގުދުސް (އޭޕްރިލް 26): ދެހާސް ސާދަ ވަނަ އަހަރު ފަލަސްތީނުގެ 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އިސްރާއީލުގެ ފުލުހަކު، ނުވަ މަހަށް ޖަލަށް ލާން އިސްރާއީލުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މޭ މަހު އިސްރާއީލުގެ ބޯޑަރު ފުލުހެއް ކަމަށްވާ ބެން ދެރީ، ފަލަސްތީނުގެ ނަދީމް ނުވައްރާގެ ގަޔަށް ބަޑި ޖަހައި މަރާލީ ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއް ކައިރީ ކުރިއަށް ދިޔަ މުޒާހަރާއެއްގައެވެ. އެ މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ ފުލުހުންނާ ދިމާލަށް ގާ އުކައިފައެވެ.

ނަމަވެސް އެހާދިސާ ހިނގި ގޮތުގެ ވީޑިއޯއިން ފެންނަ ގޮތުގައި ނަދީމްގެ ގަޔަށް ބަޑި ޖަހާފައިވަނީ ގާ އުކުން ހުއްޓާލި ފަހުންނެވެ. އަދި އެވަގުތު ނަދީމްގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަންވެސް ސީސީޓީވީ ފުޓޭޖުން އެނގެއެވެ.

އެ މުޒާހަރާގައި 16 އަހަރުގެ މުހައްމަދު އަބޫ ތަހުރަށް ވެސް ބަޑިން ހަމަލާދީ މަރާލާފައިވެއެވެ. ނަމަވެސް އެކުއްޖާގެ އޮޓޮޕްސީއެއް ހަދާފައި ނުވާތީ އިސްރާއީލުގެ ޕްރޮސެކިއުޓަރުން ވަނީ އެމައްސަލައިގައި މީހަކު ހައްޔަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ބުނެފައެވެ.

ދެރީ ބުނި ގޮތުގައި ނަދީމް ގަޔަށް ޖެހުމަށް ރަބަރު އުންޑައިގެ ބަދަލުގައި އަސްލު ވަޒަން ބޭނުން ކުރެވުނީ އޮޅުމަކުންނެވެ.

އެހެންކަމުން ގުދުސްގެ ޑިސްޓްރިކްޓު ކޯޓަކުން ދެރީގެ މައްޗަށް ކޮށްފައި ވަނީ އިހުމާލުވުމުގެ ސަބަބުން މީހަކު މަރާލި ކަމުގެ ދައުވާއެވެ. އަދި އޭގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ނުވަ މަހުގެ ޖަލު ހުކުމެއް ކުރުމުގެ އިތުރުން ނަދީމްގެ މަރުގެ ބަދަލުގެ ގޮތުގައި އޭނާގެ އާއިލާއަށް 14،000 ޑޮލަރު ދޭން ހުކުމްކޮށްފައެވެ.

ދެރީއަށް ކުރި ކުޑަ ޖަލު ހުކުމުގެ ސަބަބުން އިސްރާއީލުގެ ކޯޓުތަކަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. އެގޮތުން ނަދީމްގެ ބައްޕަ އިސާމް ވަނީ އެހުކުމުން އެނގިގެން ދަނީ އިސްރާއީލުގެ ކޯޓުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ނުލިބޭނެ ކަން ކަމަށް ބުނެފައެވެ.

އަދި ފަލަސްތީނުގެ އިންޑިޕެންޑެންޓް ކޮމިޝަން ފޯ ހިއުމަން ރައިޓްސް އިން ވަނީ ކުޑަކުއްޖަކު މަރާލި މީހަކަށް ދީފައި ވަނީ ފުލުހެއްގެ މޫނު މަތީގައި ޖެހި ކުއްޖަކަށް ކުރި ހުކުމާ އެއްވަރުގެ ހުކުމެއް ކަމަށް ބުނެފައެވެ. އެކޮމިޝަނުން ފާހަގަކޮށްފައި ވަނީ މިދިޔަ މަހު ފަލަސްތީނުގެ އެކްޓިވިސްޓު އަހަދު ތަމީމީގެ މައްޗަށް ކުރި، އަށް އަހަރުގެ ޖަލު ހުކުމެވެ. (ބީބީސީ)

comment ކޮމެންޓް