ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރަން ނިންމައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވި ޒެނިތު ހުސައިން ފާއިޒް އާއި އާއިޝަތު ފިޒްލީ ހުވާ ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ރައީސް އޮފީސް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ގދ. ތިނަދޫ ޒެނިތު، ހުސައިން ފާއިޒް ރަޝާދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ފާއިޒް ގެ އިތުރުން އިތުރު ބޭފުޅަކުވެސް މިއަދު ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރަން ނިންމާފައެވެ. އެއީ ގދ. ފަރެސް މާތޮޑާ، މާތޮޑާ އަވަށް މުޝްތަރީގެ ހާފިޒާ އަބްދުއްސައްތާރުއެވެ.

ސިވިލްކޯޓުގައި މިހާރު ތިއްބަވަނީ 13 ގާޒީންނެވެ.

ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމްގައި ހުންނެވި އެ އަތޮޅު ވިލިނގިލި ފްރެޝް، ހަސަން ނަޖީބް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ވަނީ ކްރިމިނަލް ކޯޓަށް ވެސް ދެ ގާޒީން އައްޔަންކުރަން ނިންމާފައެވެ. އެކޯޓަށް އައްޔަންކޮށްފައިވަނީ ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އެ އަތޮޅު ވިލިނގިލި ފްރެޝް ހަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް އިސްމާއިލް ރަޝީދެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު ހަތް ގާޒީން ތިއްބަވައެވެ. އޭގެ ތެރެއިން އެއް ގާޒީ މިވަގުތު ހުންނެވީ ސަސްޕެންޝަންގައެވެ.

comment ކޮމެންޓް