އިންޑިއާގެ މަޝްހޫރު ޔޯގާ ޓީޗަރެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ

އިންޑިއާގެ މަޝްހޫރު ޔޯގާ ޓީޗަރެއް ކަމަށްވާ އަސަރާމް ބާޕޫގެ މައްޗަށް ވަނީ ކުޑަކުއްޖަކު ރޭޕް ކުރުމުގެ ދައުވާ ސާބިތުވެފައި -- ފޮޓޯ: ގެޓީ

ދިއްލީ (އޭޕްރިލް 15): އިންޑިއާގެ މަޝްހޫރު ޔޯގާ ޓީޗަރެއް ކަމަށްވާ އަސަރާމް ބާޕޫގެ މައްޗަށް ކުޑަކުއްޖަކު ރޭޕް ކުރުމުގެ ދައުވާ ސާބިތުވެއްޖެ އެވެ.

ރާޖަސްތާނުގެ ޖޯދްޕޫރުގެ ކޯޓަކުން ނިންމި ގޮތުގައި 2013 ވަނަ އަހަރު ބާޕޫ ވަނީ 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފަ އެވެ. އަދި އެމައްސަލާގައި މިއަދު އޭނާގެ މައްޗަށް ހުކުމް ކުރާނެ އެވެ.

އުމުރުން 77 އަހަރުގެ ބާޕޫގެ ވެބްސައިޓުގައިވާ ގޮތުން އޭނާއަށް ތަބާވާ 40 މިލިއަން މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބެ އެވެ. އަދި އޭނާ ޔޯގާ އާއި މެޑިޓޭޝަން ކިޔަވައިދޭ 400 އަށް ވުރެ ގިނަ ފައްޅި އެކި ގައުމުތަކުގައި ހުރެ އެވެ.

މީގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި އޭނާއަށް ނިސްބަތްވާ އެތައް މިލިއަން ޑޮލަރުގެ ގެތައް ހުންނަ ކަމަށާއި އޭނާގެ ތަގުރީރުތައް އައްސަވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ރާޖަސްތާނުގެ އިތުރުން ގުޖުރާތުގެ ކޯޓެއްގައި ވެސް ވަނީ ބާޕޫއާ ދެކޮޅަށް ރޭޕްގެ މައްސަލައެއް ހުށަހަޅާފައި އެވެ. އަދި އޭނާއާ ދެކޮޅަށް ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމައްސަލަތަކުގައި ބާޕޫއާ ދެކޮޅަށް ހެކި ދިން ނުވަ މީހަކަށް ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި ހަމަލާތައް ދީފަ އެވެ. އޭގެ ސަބަބުން ތިން ހެކިވެރިއަކު ވަނީ އެމީހުންނަށް ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިވެ އެވެ.

ބާޕޫއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެހަމަލާތަކުގެ ފަހަތުގައި ވަނީ އޭނާ އާއި އޭނާއަށް ތާއިދު ކުރާ ފަރާތްތައް ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ބާޕޫ ވަނީ އޭނާއާ ދެކޮޅަށް ކުރާ ހުރިހާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ރޭޕްގެ މައްސަލަ އޭނާ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް