ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ ފަތްކޮޅު ނަޝީދަށް އަރުވައިފި

ތައިލެންޑު ސަފީރު ކަމަށް އައްޔަންކުރެއްވި މުހައްމަދު ނަޝީދަށް ރައީސް ފޮތްކޮޅު އަރުއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ތައިލެންޑަށް ކަނޑައެޅި ސަފީރު، ހ. ފޮއްދޫގެ މުހައްމަދު ނަޝިދު (ކާނަލް ނަޝީދު) އަށް އެކަމުގެ ފަތްކޮޅު ރައީސް އަރުވައިފިއެވެ.

ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ހުންނެވި ކާނަލަށް ރަސްމީކޮށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް އަބްދުﷲ ޔާމީނެވެ.

ނަޝީދަށް ސަފީރުކަމުގެ ފަތްކޮޅު ރަސްމީކޮށް އަރުވާފައިމިވަނީ، ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިންތާ 10 މަސް ފަހުންނެވެ.

ރާއްޖޭގެ ފަރާތުން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ކާނަލް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ތައިލެންޑު ސަފީރުކަމަށް ކާނަލް އައްޔަން ކުރެއްވިއިރު، މިއަހަރު ޖަނަވަރީ މަހުގެ ފަހުކޮޅު އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ވެސް ވަނީ ހުޅުވައިފައެވެ.

އެމްއެންޑީއެފް އާއި ދަރުމަވަންތަ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެވި ކާނަލް ނަޝީދަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ކުރެއްވި މެމްބަރެކެވެ.

އަދި އިންޑޮނޭޝިއާ އާއި ރާއްޖެއާ ގުޅިގެން އުފެއްދި ޕާލަމެންޓްރީ ޕްރެންޑްޝިޕް ގުރޫޕްގެ ޗެއާމަން ކަން ވެސް އޭނާ ކުރެއްވި އެވެ.

ކާނަލް ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގަތީ، އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހުއެވެ.

ނަމަވެސް ޑީއާރުޕީއާ ކާނަލް ގުޅިވަޑައިގަތްތަނާ އެ ޕާޓީގެ ލީޑާޝިޕް ބައެއް ބޭފުޅުން ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޑީއާރުޕީގެ ރައީސް ކަމާ އޭނާ ހަވާލުވެވަޑައިގަތެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައި އިރު އޭނާ ހުންނެވީ އެ މަގާމުގައެވެ.

comment ކޮމެންޓް