މަޖީދިއްޔާ ސްކޫލު ޓީޗަރުގެ މައްސަލައެއް ނެތްކަން އަންގާފައިވަނިކޮށް އެ ޓީޗަރު ރާއްޖޭން ބޭރަށް ފޮނުވާލައިފި

މަޖީދިއްޔާ ސުކޫލް ދަރިވަރުންތަކެއް އެސުކޫލް ބޭރުގައި މަޑުކޮށްލައިގެން: މަޖީދިއްޔާ ސުކޫލުގައި 5 ބުރީގެ އިމާރާތެއް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިއަދު އިއުލާނުކޮށްފައި -- ސަން ފައިލް ފޮޓޯ

މަޖިދިއްޔާ ސްކޫލުގައި ކިވަޔާ ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބެލުމަށްފަހު އެ ޓީޗަރުގެ މައްސަލައެއް ނެތްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވަނިކޮށް އޭނާ ރާއްޖޭން ބޭރަށް ފުރުވާލައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާތާ 12 އަހަރުވެފައިވާ އެ ޓީޗަރު ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސީނިއާ މުވައްޒަފެކެވެ.

ގުރޭޑް 10ގައި ކިޔަވާ ދަރިވަރަކާއި ހިސާބު ކިޔަވައިދޭ ބިދޭސީ ޓީޗަރަކާ ދެމެދު މާރާމާރީ ހިނގާފައިވަނީ އާދިއްތަދުވަހުއެވެ. ނަމަވެސް އެ މާރާމާރީގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލަ ބެލުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އެ ބިދޭސީ ޓީޗަރު، އެ ދަރިވަރަށް ހަމަލާ ނުދޭ ކަމަށެވެ. އަދި އަނބުރާ ސްކޫލަށް ނުކުތުމަށް ވެސް އެ ޓީޗަރަށް ވަނީ އަންގާފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޓީޗަރު ސަސްޕެންޑް ކުރީ އެ މައްސަލައިގެ ތަހުގީގު ނިމެންދެނެވެ. އަދި އާންމުކޮށް މި ފަދަ މައްސަލަތައް ފެންމަތިވުމުން މައްސަލަބަލާ ނިމެންދެން އެކަމުގެ ތުހުމަތު ކުރެވޭ މުވައްޒަފު ސަސްޕެންޑް ކުރުމަކީ މިނިސްޓްރީން ގެންގުޅޭ އުސޫލުކެވެ.

މިކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ މުވައްޒަފުންނާ މެދު އަޅާ އިދާރީ ފިޔަވަޅުތައް މީޑީއާ އާ ހިއްސާ ނުކުރާ ކަމަށެވެ.

އެ ޓީޗަރު ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން މިއަދު މަޖީދިއްޔާ ސްކޫލުގެ ބައެއް ޓީޗަރުންވަނީ ކްލާސް ތަކަށް ނުގޮސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ޓީޗަރުން ބޭނުންވީ އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރާށެވެ.

ޓީޗަރުންގެ ހިތްހަމަ ނުޖެހުންތަކާ ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މުހައްމަދު ސައީދާއި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޝެރީނާ އަބްދުއްސަމަދު ވަނީ މަޖީދިއްޔާ ސްކޫލަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ސައީދު ވިދާޅުވީ، އެ މައްސަލަ ހައްލުކޮށްފައިވާ ކަަމަށާއި ހިތްހަމަނުޖެހުން ފާޅުކުރި ޓީޗަރުންވެސް އަނބުރާ ކްލާސްތަކަށް ވަޑައިގެންފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

comment ކޮމެންޓް