މައިލޯ ކަލާސް އެވޯޑް، ބެޑްމިންޓަން ޗެމްޕިއަން ނާބީހާއަށް

ކަލާސް އެވޯޑު ހާސިލްކުރި ނާބީހާގެ ފަރާތުން އޭނާގެ މަންމަ އެވޯޑާ ހަވާލުވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލުކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑް "މައިލޯ ކަލާސް އެވޯޑް" ބެޑްމިންޓަން ޗެމްޕިއަން، ނަބީހާ އަބްދުލް ރައްޒާގު ހޯދައިފިއެވެ.

މައިލޯ ކަލާސް އެވޯޑް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނަބީހާ ބައިވެރިވެފައެއް ނުވެއެވެ. އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ނަބީހާ މިވަގުތު ހުރީ ޗައިނާގައެވެ. މިދިޔަ އަހަރު ސީއެޗްއެސްއީގައި ކިޔެވި ދަރިވަރު ނާބީހާގެ އެވޯޑާ އޭނާގެ މަންމަ ހަވާލުވެފައިވާ އިރު، އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.

މިނިސްޓަރު އައިޝަތު ޝިހާމްގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ޖެންޑަރު މިނިސްޓަރު ޒެނީޝާ ޝާހިދު ޒަކީގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަދި ސްޕޯޓްސް ކޮމިޝަނާ އަލީ އުމަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ، މިހާރުގެ ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއީލާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅިވަރުގައި ކާމިޔާބު ހޯދަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްފައިވާ މައިލޯ ކަލާސް އެވޯޑު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަލާސް އެވޯޑަކީ ކުޅިވަރުގެ ދާއިރާއިން ޒުވާން ހުނަރުވެރިންގެ އަގު ވަޒަންކޮށް ކުޅިވަރުގެ ދާއިރާއިން އިތުރަށް ދަރިވަރުން ކުރިއެރުވުމަށް 2013 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.

ނާބީހާއަކީ މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެމްޕިއަންއެވެ. އޭނާ ރާއްޖޭގެ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދީ އުމުރުން 18 އަހަރުގައެވެ. މީގެ އިތުރުންވެސް ނަބީހާ ވަނީ އޭނާގެ އެއްމާބަނޑު ނާބާހާއެކު މިދިޔަ އަހަރު އިންޑިއާގައި ކުރިއަށްދިޔަ 21 އަހަރުން ދަށުގެ ދެކުނު އޭޝިއާގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ޑަބަލްސް ފައިނަލަށް ދަތުރުކޮށް، ސިލްވާ މެޑަލް ރާއްޖެއަށް ގެނެސްދީފައެވެ.

ނަބީހާއަކީ ބެޑްމިންޓަންއިން ހާއްސަކޮށްލެވޭ އެތުލީޓެއް ނަމަވެސް އޭނާއަކީ ނެޓްބޯޅަ އަދި އެތުލެޓިކްސްގައިވެސް ފާހަގަކޮށްލެވޭ އެތުލީޓެކެވެ.

މިއަހަރުވެސް ކަލާސް އެވޯޑު ދީފައި ވަނީ ދެ ޖިންސަށް ވަކިން 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށުގެ ބައިންނެވެ. މި ހުރިހާ އުމުރުފުރާއަކުންވެސް ހާއްސަ އިނާމްގެ އިތުރުން ރަނާސް އެވޯޑްވެސް ދީފައިވާ އިރު، އަހަރުގެ އައުޓްސްޓޭންޑިން އެތުލީޓްގެ އެވޯޑް ހަތަރު ދަރިވަރަކު ވަނީ ހާސިލް ކޮށްފައެވެ.

ސަރުކާރުގެ ސްކޮލާޝިޕް ހާސިލްކުރި އަށް ދަރިވަރުންނާއެކު ޝަރަފުވެރި މެހެމާން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ އިތުރުންވެސް ސަރުކާރުން ދޭ ހާއްސަ ސްޕޯޓްސް ސްކޮލާޝިޕް މިއަހަރު ވަނީ އަށް ދަރިވަރަކު ހާސިލް ކޮށްފައެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އައުޓްސްޓޭޑިން އެތުލީޓުންނަށް ހޮވިފައިވަނީ ބެޑްމިންޓަންގައި ފާހަގަކޮށްލެވޭ ކަލާސް އެވޯޑް ހާސިލްކުރި ސީއެޗްއެސްއީގެ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގުގެ އިތުރުން އޭނާއާ އެއްމާބަނޑު އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަދި ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، އިސްކަންދަރު ސްކޫލްގެ އައިޝަތު ރަފާ ނަޒިމާއި ސީއެޗްއެސްއީގެ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމެވެ.

ސަރުކާރުގެ ސްކޮލާޝިޕް ލިބުނު އަށް ދަރިވަރުން:

ލ. މާވަށު ސްކޫލް - ވޮލީބޯޅަ/ ޝަމައިލް ހުސައިން

ބ. ގޮއިދޫ ސްކޫލް - ވޮލީބޯޅަ/ އައިމިނަތު އަފާފް ނިޒާމް

ބ. ގޮއިދޫ ސްކޫލް - ވޮލީބޯޅަ/ އަހުމަދު ޝައްފާހް

ކ. މާފުށީ ސްކޫލް - ވޮލީބޯޅަ/ އިބްރާހީމް އަޝްހަމް

މ. އަތޮޅު ތައުލީމީ މަރުކަޒު - ބެޑްމިންޓަން/ މާޝާ ރަޝީދު

މ. އަތޮޅު ތައުލީމީ މަރުކަޒު - ބެޑްމިންޓަން/ މިގްދާދު މުހައްމަދު

ގދ. އަތޮޅު ތައުލީމީ މަރުކަޒު - އެތްލެޓިކްސް/ އިބާދުﷲ އާދަމް

ސ. ހިތަދޫ ސްކޫލް - ސްވިމިން/ އަބްދުﷲ ނާވީ އަހަމަދު

ކުޅިވަރުގައި ކާމިޔާބު ހޯދަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްފައިވާ މައިލޯ ކަލާސް އެވޯޑު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރު ކަލާސް އެވޯޑު ހާސިލްކޮށްފައިވަނީ ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ރަފާ ނާޒިމެވެ.

comment ކޮމެންޓް