އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި، މިއަހަރު ދޭން ފެށި "ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޮ އެކްސެލެންސް އިން ގަވާނަންސް 2016" އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އަބްދުﷲ ޔާމީން އެނބުރި ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރަތް ދޫލައިގައި އެމަނިކުފާނަށް މަރުހަބާ ކިޔާފައި ވާއިރު، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އިއްޒުއްދީން ފާލަމަށް އެތައް ބަޔަކު ވަނީ ޖަމާވެފަ އެވެ.

ކަލާމް އެވޯޑާއެކު ރައީސް ޔާމީން އެނބުރި ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު
އޭގެ ތެރޭގައި ސަރުކާރުގެ އިސް އޮފިޝަލުންނާ، ކުންފުނިތަކުގެ އިސްވެރިންނާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމެނެ އެވެ.

"ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޯ އެކްސެލަންސް އިން ގަވަނަންސް 2016"އަކީ އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރު އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެ އެވޯޑް އެމަނިކުފާނަށް އަރުވާފައި ވަނީ ޓްރިވެންޑުރަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް ޔާމީނަށް އެ އެވޯޑު ލިބިވަޑައިގެންފައި ވަނީ އިންޓަނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ.
އެ އެވޯޑުދޭ އިތުރު ދާއިރާތަކަކީ ލީޑަޝިޕް އެކްސެލެންސްގެ ދާއިރާ އާއި އެޑިއުކޭޝަނަލް ލީޑަޝިޕް ދާއިރާ އާއި ސައިންސް އެޑިއުކޭޝަން ދާއިރާ އެވެ.