މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާ ކޮށްފައިވާއިރު ފިލްމުގެ ފުރަތަމަ ޝޯއަށް ވެސް ބެލުންތެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބު ލިބިގެން ދިޔައެވެ.
މަރިޔަމް މޫސާގެ އަމިއްލަ ވާހަކައަކަށް އޭނާ ތައްޔާރުކުރި އެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވެސް އޭނާ އެވެ.
ތަރިން
އަހްމަދު އަޒްމީލް (އާމިރު)، މަލީހާ ވަހީދު (ލީން)، މަރިޔަމް ޝަހްޒާ (ޝިއު)، އަލީ އަމަން (ފާއިޒު).
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމުގައި ފެނިގެން ދިޔައީ އޮޅުވާލުމަކުން ފެށިގެންދާ ގުޅުމަކަށް ކުރިމަތިވާ މައްސަލަތަކެކެވެ. ފުރަތަމަ ނަޒަރުން ލޯބިވެވި އެ ލޯބި ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ. ލިފްޓެއްގެ ތެރޭން ލީން އާއި އާމިރު ދިމާވި ފުރަތަމަ ފަހަރުވެސް އާމިރުގެ ހިތުގައި ލީންއަށް އާ ވިންދެއް ޖަހާލިއެވެ. ލީންގެ ސާދާ ކަމާއި އޭނާގެ މިޒާޖުންނެވެ. އާމިރަކީ ބޮޑު މުއްސަންޖެއް ނަމަވެސް އޭނާއަށް ހަގީގީ އުފަލެއް އޭގެ ސަބަބުންނެއް ނުލިބެއެވެ. ގިނަ ހުރަސްތަކަކަށްފަހު އެ ލޯބި ކާމިޔާބުކޮށް އެ ދެމީހުން ކައިވެނި ކުރެއެވެ.
އާމިރު ނިދާފައި އޮންނައިރު އަބަދުމެ ފެންނަ ހިތްނުތަނަވަސްވާ ހުވަފެނުގެ އަސްލު ހަގީގަތް ފިލްމުގެ މެދުތެރެއިން ފެނިގެންދެއެވެ. ލީން އާއި އާމިރުގެ ކައިވެނީގެ ގޮށް ޖެހުމުގައި ޝިއު އާއި ފާއިޒުގެ ހިއްސާ ވަރަށް ބޮޑެވެ. ދެމަފިރިންނެއް ކަމަކު އެއީ އާމިރުގެ އެންމެ ގާތް ދެމީހުންނެވެ. ލީން އާއި އާމިރުގެ ކައިވެނީގެ ގޮށް މަހާލި އިރު ޝިއު އިނީ ވިހަން ތައްޔާރަށެވެ.
ފިލްމުގެ ޓްވިސްޓް ފެންނަނީ އެހިސާބުންނެވެ. މުޅި ފިލްމު އަނެއް ކޮޅަށް އެނބުރި އާމިރު ލީންއަށް ދެންމެ ދެންމެ ބޭވަފާތެރިވާން އުޅޭ ހެން ވެސް ހީވިއެވެ. ލީން އަށް ބޭސްތަކެއް ކާންދީ އާމިރުގެ ބޮޑު ސިއްރު ފޮރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.
އާމިރަށް ކުރިމަތިވި އާދަޔާ ޚިލާފު ހާދިސާއާއި ލީންގެ ދިރިއުޅުމަށް އައި ތޫފާނުގެ ހަގީގަތް މިފިލްމު ބަލާލައިގެން ހޯދުން މާ ޝައުގުވެރިވާނެތީ އެވާހަކަ ދޫކޮށްލާނީއެވެ.
ފިލްމުގައި ހިމަނާފައިވާ ލަވަތަކަކީ ރީތި ހިތްގައިމު ލަވަތަކެވެ. ތީމް ލަވައިގެ އިތުރުން އަލީ ރަމީޒުގެ ދެ ލަވައެއް ފިލްމުގައި ހިމަނާފައި ވެއެވެ.
ފިލްމުގެ ވާހަކަ އަކީ ރީތި ވާހަކައެކެވެ. ފަށުވި އިބާރާތްތަކެއް އިވިގެން ދިޔަ ނަމަވެސް، ފިލްމުގައި އެކަންކަން ޑެލިވާ ކޮށްދީފައިވާ މިންވަރު ކުޑަކަން ފާހަގަކޮށްލެވެއެވެ. ތަރިންގެ އެކްޓިން ހުރީ މެދު މިންވަރެއްގައެވެ. ފިލްމުގެ މަންޒަރުތަކުގައި ކުޑަ އުނިކަމެއް ހުއްޓެވެ.
ކުއްލިއަކަށް ހުރެފައި ބޮންތީގައި ނުހިފޭނެކަން ގަބޫލު ކުރަމެވެ. ނަމަވެސް މިފަހަކަށް އައިސް ނުކުތް ދިވެހި ފިލްމްތަކާ އަޅައިކިޔާއިރު، އަދި މިއީ މަރީގެ ފުރަތަމަ ޑައިރެކްޝަންއަށް ވާއިރު މި ފިލްމު ހަމަ ސަޅިއެވެ. ހަމަ ޔަގީނުންވެސް 100 ރުފިޔާ ދީފައި ޓީކެޓް ނަގައިގެން މާޔޫސް ވާކަށް ނުޖެހޭނެއެވެ.
މަރީގެ ތިޔަ ލޯތްބާ ދުރަށް، އޮލިމްޕަހާއި ޝްވެކް ސިނާމާގައިވެސް ދަނީ ދައްކަމުންނެވެ.