ރައީސް ނަޝީދަށް ކުރިމަތިލެއްވުމަކީ ބިލާހެއްފަދަ ހުވަފެނެއް، އެ ހުވަފެން ނުބައްލަވާ: އަޒްލީން

ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަހުމަދު އަޒުލީން ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އިނގިރޭސީންގެ ހިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ ބިލާހެއްފަދަ ހުވަފެނެއް ކަމަށާއި އެ ހުވަފެން ނުބެއްލެވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގޮވާލައްވައިފިއެވެ.

އަޒްލީން މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމައި މިދިޔަ ހޯމަ ދުވަހު އެކަން ސަރުކާރަށް އަންގައިފައި ވަނިކޮށެވެ.

ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތަފާތުބޮޑުކޮށް ބަލިވާނެކަން އެނގޭތީވެ، އިދިކޮޅު ފަރާތްތަކުން އިންތިޚާބަށް އަމާޒު ހިފާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީން މަނާކޮށްފައިވާ ކެންޑިޑޭޓެއް ނުނެރެވޭނެކަން ވެސް އިދިކޮޅު ފަރާތްތަކަށް އެނގޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"...ދިވެހި ކޮންމެ ލޮބުވެތި ރައްޔިތުންނަށް އެބަ އެނގިވަޑައިގަންނަވާ ގާނޫނީ ގޮތުން، މިސާލަކަށް ރައީސް ނަޝީދަށް އިންތިޚާބަށް ކުރިމަތިލެއްވޭނަމަ ޖަލުގައި ތިބި އެންމެންނަށް ވެސް ކުރިމަތިލެވޭނެ. އޭގެ މާނައަކީ އެއީ ބިލާހެއްފަދަ ހުވަފެނެކޭ އެ ދެކެނީ. އެކަންކަން ނުބައްލަވާށޭ. އެއީ ވަރަށް ދެރަވަރު ކަމެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމްގައި އަޒްލީން ވަނީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވި އަދި އެމްޑީޕީން އެހެން ކެންޑިޑޭޓެއް ނެރެފިނަމަ ވާނެގޮތް ވެސް ސިފަކުރައްވައިފަ އެވެ.

އެގޮތުން ރައީސް ނަޝީދު ޒުވާންކަމުގައި ހުންނަވަނިކޮށް، އެމްޑީޕީން އެހެން ރިޔާސީ ކެންޑިޑޭޓެއް ނެރެފިނަމަ އެމަނިކުފާނުގެ އޮފްދާރުކަން ކެނޑި، އެމްޑީޕީގެ ބާރު ގެއްލިގެންދާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ، ރައީސް ނަޝީދުގެ އޮފްދާރުކަން ކެނޑުމާއެކު އެމްޑީޕީގެ ސަޕޯޓަރުން ބަލައިގަންނާނީ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ނެރޭ ކެންޑިޑޭޓަކީ އެމީހުންގެ ވެރިޔާގެ ގޮތުގައި ކަމަށާއި އެހާ ހިސާބުން ރައީސް ނަޝީދަށް ސިޔާސީ ޕްލެޓްފޯމް ގެއްލިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ދައްކައިގެން ސިޔާސީ ކުރިއެރުމެއް ނެތްކަން ފާހަގަކުރައްވައި އަޒްލީން ވިދާޅުވީ، އެމަނިކުފާނަށް ކުރިމަތިނުލެއްވޭނަމަ އެމްޑީޕީގެ ކެންޑިޑޭޓެއް ނާންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ނޫން ކެންޑިޑޭޓެއް އެމްޑީޕީން ނެރޭނަމަ އެޕާޓީ ބައިބައިވެގެން ގޮސް ''ފުނޑިގެން'' ދާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެމްޑީޕީގެ އިތުރުން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރެން މަޝްވަރާ ކުރަމުންދާ އެއް ކެންޑިޑޭޓެއް ވެސް ނުނެރެވޭނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ތެރެއިން ރައީސް ކަމުގެ މަގާމަށް ގާސިމް އިބްރާހިމް ދުނިޔޭގައި ހުންނަވަނިކޮށް ހިއެއް ނުވޭ އެހެން ބޭފުޅަކު ނެރެފާނެ ހެއްނެއް. އެއީ ވަރަށް އެކަށީގެން ނުވާ ކަމެއް. ދެން ވިސްނަވާ ކޮބައިތޯ ޕޮލިޓިކަލް ޕުލެޓްފޯމަކީ. ދެން އޮތީ އަދާލަތު ޕާޓީ. އަދާލަތު ޕާޓީން ގަބޫލެއް ނުކުރަން ކެންޑިޑޭޓަކު ނެރޭނެ ކަމަކަށްވެސް. އެބޭފުޅުންނަކީ ކޮންމެވެސް ޕާޓީއެއްގެ ފަހަތުން ނުކުންނަވާ ބައެއް،" އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުމާއި ރައްކާތެރިކަން ބޭއްވުމަށާއި ރާއްޖޭގެ އިގްތިސާދީ އެޖެންޑާ ހާސިލްކުރުމަށްޓަކައި ދައުރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޚާބު ކުރަން މަޖުބޫރު ކަމަށެވެ.

ރައީސް ޔާމީނަށް އިތުރު ދައުރެއް ދެއްވަންވީ ވެސް ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި އެއިރުން ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަމަނުޖެހުން ނިމިގެންދާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އެމަނިކުފާނަކީ އެމަނިކުފާނު ޓެސްޓުކުރިއިރު، އޭ ރިޕޯޓަކަށް ސަލާމަތްވެފައި ހުރި ބޭފުޅަކަށްވާތީ ހިންގަވާށޭ ދެވަނަ ފަހަރަށް އޭ ސްޓާއަކާއެކު ވަޑައިގެންނެވުމަށްޓަކައި އެމަނިކުފާނަށް ތަފާތު އަޣުލަބިއްޔަތެއް ދީގެން މިވެރިކަން ދަމަހައްޓަމާ. އޭރުން ރައްޔިތުންނަށް ފާގަތިކަން އިތުރުވެގެންދާނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް