ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަަށް މަދީނާގެ ޔުނިވާސިޓީގެ ރެކްޓާގެ ތައުރީފު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޑރ. ހާތިމް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިގްތިސާދީ ސިޔާސަތަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ރެކްޓާ ޑރ. ހާތިމް ބިން އަލް މަރުޒޫކީ ތައުރީފު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީންއާ ބައްދަލުކުރައްވައި ޑރ. ހާތިމް ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި އެމަނިކުފާނުގެ އިގްތިސާދީ ވިސްނުންފުޅުގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް ފައްޓަވައިފައިވާ އެކިއެކި ޕްރޮޖެކްޓުތަކަށް ތައުރީފުކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ޑރ. ހައިތަމް ވަނީ ދީނިގޮތުން ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކަތްކުރުމުގައި ތައުލީމުގެ ދައުރާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

ޑރ. ހައިތަމް ވަނީ މަދީނާގެ ޔުނިވާސިޓީން ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް ކުރަމުންދާ މަަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސް ޔާމިނަށް އަރުވައިފައެވެ. ޑރ. ހައިތަމް ވިދާޅުވީ ރާއްޖޭގެ ދަރިވަރުންނަށް އެ ޔުނިވާސިޓީގައި އޮތީ ހަމައެކަނީ އިސްލާމް ދީން ކިޔެވުމުގެ ފުރުސަތު އެކަނި ނޫންކަމަށާއި އަދި އިންޖިނިއަރިން ފަދަ ފަންނީ ރޮނގުތަކުން ކިޔެވުމުގެ ފުރުސަތުތައް ވެސް އެބައޮތް ކަމަށެވެ.

ޑރ. ހައިތަމް ރާއްޖެ ވަޑައިގެން މިއުޅުއްވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާ މަދީނާގެ އިސްލާމިކް ޔުނިވާސިޓީއާ ދެމެދު އެކިއެކި ކަންކަމުގައި އެއްބާރުލުންދިނުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއި ކުރުުމުގެ ރަސްމިއްޔާތަަށެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެކިއެކި ތަމްރީނުގެ ފުރުސަތުތަކާ، ތަފާތު ދާއިރާތަކުން ސްކޯލާޝިޕްގެ ފުރުސަތުތަކާ، އިލްމީ ދިރާސާތައް ސުޕަވައިޒްކުރުމާ އެފަދަ މުހިންމުކަންކަމުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް