އޮލިމްޕިކް ކޮމިޓީގެ ފަރާތުން އިއްޔެ ގޮއިދޫގައި ބޭއްވި އަހަރީ އާންމު ޖަލްސާއިން ފެނިގެން ދިޔައީ މުޅިންވެސް ތަފާތު މަންޒަރުތަކެވެ. އާންމު ޖަލްސާގެ އިތުރުން މުޅި ރާއްޖެއަށް ދައްކުވާލީ ގޮއިދޫގެ ކުޅިވަރުގެ ރޫހާއި ރަތްޔިތުންގެ އެކުވެރިކަމެވެ.
ވަސީލަތްތައް މަދު ނަމަވެސް، ގޮއިދޫގައި ހުނަރުވެރިން ނެތް ކުޅިވަރެއް ނެތެވެ. ސްކޭޓްބޯޑިންގެ ކުޅިވަރުތަކަކީ ގޮއިދޫގައި ހަލުވިކޮށް ކުރިއަރަމުން އަންނަ ކުޅިވަރުތަކެވެ. ރަށުގެ މަސްވެރިން މަސް ކެނޑުމަށް ތަޅުން އެޅިފައިވާ ސަރަހައްދުގައި ލަކުޑި ރޭމްޕަކާއެކު ފަރިތަކުރަމުންދާ އެތައް ކުދިންނަކަށް އިއްޔެ ލިބިގެންދިޔަ އުފާވެރި ހަބަރަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެރަށުގައި އެޅިގެންދާނެ ސްކޭޓް ބޯޑު ޕާކްގެ ބިންގާ އެޅިގެން ދިއުމެވެ.
ރަނގަޅު ފެންވަރެއްގައި ސްކޭޓް ބޯޑު ހުނަރުތައް ތަރައްގީކުރުމަށް އެރަށުގެ ޒުވާން ކުދިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީއާއި ރަށުގެ ރައްޔިތުން ގުޅިގެން އަޅާ ސްކޭޓް ބޯޑު ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތު ޑރ. މުހައްމަދު ޒާހިރު ހުސައިންއެވެ.
އޮލިމްޕިކް ކޮމިޓީން ހަރަދުކޮށްގެން އަޅާ ސްކޭޓް ބޯޑް ޕާކު އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ގޮއިދޫގެ ރައްޔިތުންގެ ކޮމިއުނިޓީ މަސައްކަތެއް ގޮތުގައެވެ. އިއްޔެގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވާ ދެއްވީ އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއެކު ރަށު ކައުންސިލްގެ މެމްބަރުން އެކުވެގެންނެވެ. ބިންގާ އެޅުމުގައި ރަށުގެ ވޯޓާ ސްޕޯޓްސްގެ ބާނީ އަހުމަދު ޝުޖާއު (ކޮޗޭ)ވެސް ބައިވެރިވެފައި ވެއެވެ.
ގޮއިދޫ ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ނިޔާޒް ވިދާޅުވީ ސްކޭޓްބޯޑު ޕާކަކީ އޮލިމްޕިކް ކޮމިޓީގެ ފާރާތުން ގޮއިދުއަށް ދެއްވި ހަދިޔާއެއް ކަމަށާއި، ވީހާވެސް އަވަސް މުސްތަގުބަލެއްގައި ޕާކުގެ އަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ގޮއިދޫގައި އަޅާ ސްކޭޓް ބޯޑު ޕާކުގެ ބޮޑުމިނަކީ 2500 އަކަ ފޫޓެވެ. ޕާކު ނިންމާ ޕާކަށް ނަން ދިނުމަށް ހަމަޖެހިފައިވަނީ ގޮއިދޫ އޮލިމްޕިކް ސްކޭޓް ޕާކުގެ ނަމުންނެވެ. އެ ނަމުން ރަމްޒުކޮށްދެނީ ގޮއިދޫއާއި އޮލިމްޕިކް ކޮމިޓީގެ ގާތް އެކުވެރިކަން ކަމަށްވެސް ގޮއިދޫ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
އިއްޔެ ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު އޮލިމްޕިކް ކޮމިޓީގެ ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ވަނީ ޕްލާސްޓިކް ބޭނުންކުރުމާ ދެކޮޅަށް ޕްލެޖް ބޯޑެއްގައި ސޮއިކޮށްފައެވެ.
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއާއެކު އިއްޔެ ގޮއިދުއަށް ބޮޑު އީދެއް އައިސްފައިވާ އިރު، އެ ރަށުގެ ކުދިބޮޑު އެންމެން ވަނީ އިއްޔެގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި އެރަށަށް ޒިޔާރަތްކުރި އޮލިމްޕިކް ކޮމިޓީގެ މެމްބަރު އެސޯސިއޭޝަންތަކުން ރަށުގެ ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ އެހީތަކެއް ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލްވެސް ވަނީ ދީފައެވެ.