މިސައިލާއި ނިއުކްލިއާ ޓެސްޓުތައް ހުއްޓާލައިފިން: ކިމް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުން މިސައިލް އަދި ނިއުކްލިއާ ޓެސްޓުތައް ހުއްޓާލި ކަމަށް ވިދާޅުވެފައި -- ފޮޓޯ: ގެޓީ

ސޯލް (އޭޕްރިލް 21): އުތުރު ކޮރެއާއިން މިސައިލް ޓެސްޓުތައް ހުއްޓާލައި އެގައުމުގެ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރާ ސަރަހައްދެއް ބަންދުކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ)ގައިވާ ގޮތުން މިސައިލް ޓެސްޓުތައް ހުއްޓާލަން އިއްޔެ ނިންމީ އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އެގޮތުން މިއަދުން ފެށިގެން އެގައުމުން ނިއުކްލިއާ ޓެސްޓުތައް ހުއްޓާލައި، އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ލޯންޗުކުރުން ހުއްޓާލާނެ ކަމަށް އެނޫހުގައި ވެއެވެ.

އަދި އޭގެ ސަބަބަކަށްވީ އުތުރު ކޮރެއާގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް މިހާރު ކާމިޔާބުވެފައިވުން ކަމަށް ކިމް ވިދާޅުވި ކަމަށް ކޭސީއެންއޭގައި ވެއެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓުކުރާ ސަރަހައްދު ބަންދުކުރަން ނިންމި ނަމަވެސް އެގައުމުގައި މިހާރު ހުރި ނިއުކްލިއާ ހަތިޔާރު ނައްތާލާނެ ކަމަށް ބުނެފައެއް ނުވެއެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ އަދި މިސައިލް ޓެސްޓުތައް ނިންމާލިކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ލީޑަރު ކިމް، ދެކުނު ކޮރެއާ އަދި އެމެރިކާގެ ރައީސުންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ އެނިންމުމަކީ އެގައުމަށާއި ދުނިޔެއަށްވެސް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ.

ލީޑަރު ކިމް ދެކުނުގެ ރައީސް މޫން ޖައެ އިންއާ ބައްދަލުކުރަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ދެ ކޮރެއާ ވަކިކޮށްދޭ ބޯޑަރުގައި އޮންނަ ޕަންމުންޖޮމްގައެވެ. އެބައްދަލުވުމާ ދިމާކޮށް ދެގައުމުގެ ލީޑަރުން ގުޅުވައިދޭ ހޮޓްލައިނެއްވެސް ވަނީ ގާއިމުކޮށްފައެވެ.

އަދި ރައީސް ޓްރަމްޕާއި ކިމްގެ ބައްދަލުވުން ބާއްވާނީ އަންނަ މަހު ނުވަތަ ޖޫން މަހުގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

(ބީބީސީ)

comment ކޮމެންޓް