މިގޮތް ވެސް އެންމެ ރަނގަޅުބާ؟

19 ޑިސެމްބަރު 2017: ރާއްޖެ --- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނަށްވާ އިރު ސުވާލަކީ ލިބިފައިވާ އެންމެ ބޮޑު ނިއުމަތް އިސްލާމް ދީން ވެސް ދޫކޮށްލަން ދިވެހިންގެ ބަޔަކަށް ހަމަ އެންމެ ރަނގަޅީތޯ އެވެ. އެ ނިއުމަތަކީ މިވެށި އަމާންކަންމަތީގައި އޮތުމުގެ އަސްލަށްވާ އިރު ސުވާލަކީ އެ ނިއުމަތް ބީވެ ދިޔުމަށް ތަރުހީބުދޭ މުސްލިމުންތަކެއް މި ގައުމުގައި އުޅެނީ ބާ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި ހަބަރަކީ ޔޫރަޕިއަން ޔޫނިއަން އިން ދިިވެހި ރާއްޖެއާ މެދު ނެރުނު ރިޕޯޓެވެ. އެ ރިޕޯޓުގައިވާ ގޮތުން ކޮންމެ ދިވެއްސަކީ މުސްލުމަކަށްވުން ލާޒިމު ކުރާ ކުރުން ބަދަލުކުރުމަށް ވަނީ ގޮވާލައިފަ އެވެ. އަދި ވާރުތަ މުދަލާ ގުޅޭ ގޮތުން އަމަލު ކުރާ ގޮތް ވެސް ބަދަލުކުރަން ވަނީ ހުށައަޅައިފަ އެވެ. އެ ހުށައެޅުންތަކަށް ދިވެހި ސަރުކާރުން ފާޅުގައި ނޫނެކޭ ވަނީ ބުނެފަ އެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް ހިތާމައަކީ އީޔޫގެ އެ ނިންމުމަށް ތާއިދުކުރި ބަޔަކު ވެސް މި ގައުމުގައި ތިބުމެވެ. އީޔޫ ފަދަ ބައިނަލްއަގުވާމީ ބޮޑު ޖަމާއަތަކުން މިފަދަ ބަޔާނެއް ދިވެހިންނާ ދެކޮޅަށް ނެރުނު އިރު އެކަމާ ދެކޮޅަށް އެއްޗެކޭ ބުނަން ކެރުނީ މަދު މީހަކަށެވެ. ސިޔާސީ ގިނަ ޕާޓީތަކުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި އިރު ބައެއް ޕާޓީތަކުން އޮތީ ހަނު އެވެ. އިވޭ ކަމަށް ވެސް ހަދާ ނުލަ އެވެ.

އެ ބަޔާން ނެރުނު ދުވަހުގެ ހަވީރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އެ ޕާޓީން ކުށްވެރި ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ޕާޓީގެ ނައިބު ރައީސް އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިސްލާމް ދީން ނޫން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަށް އީޔޫއާ ގުޅިގެން ބާރު އަޅަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެން އެބަޖެހޭ އެމީހުން އެއުޅެނީކީ ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަން. އެއުޅެނީ ކޮންމެ ގޮތެއް ހަދައިގެން ވެސް މިތާނގައި އޮތް ސައްތައިން ސައްތަ މުސްލިމު ގައުމުގެ ނަން ދުއްވާލާފައި ބާތިލު ދީންތައް ގެނެސްގެން ވެރިކަން ބޭނުންވެގެން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭގެ ވާހަކައަށް ބަލާއިރު މީގެ ކުރިން އީޔޫ އިން ކަންތައްކޮށްފައި އޮތް ގޮތުން އެފަދަ ތުހުމަތުތައް ކުރެވިދާނެ ސަބަބުތައް ބައިވަރެވެ. ރައީސް ނަޝީދު ދޫކޮށްލަން އެންމެ ބާރުލާ ގޮވާލާ އެއް ޖަމައަތަކީ އީޔޫ އެވެ. އަދި ރައީސް ނަޝީދު މިވަގުތު ހުންނެވީ ވެސް ޔޫރަޕްގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އިނގިރޭސީންގެ ހިމާޔަތުގަ އެވެ. ނަމަވެސް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ދިވެއްސަކު މުސްލިމަކަށްވުން ލާޒިމު ނޫން ކަމަށް އީޔޫ އިން ގޮވާލާ ގޮވާލުމަށް ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަ އެއާ އެކު އީޔޫގެ ރިޕޯޓަށް ތާއިދުކުރާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ޑެންމާކަށް ވަޑައިގެން 2013 ވަނަ އަހަރު އިސްލާމްދީނުގެ މުހިންމު އަސާސްތަކާ ސީދާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައި ވަޑައިގަތުމުން ވެސް އެމަނިކުފާނަށް އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ލައްކައެއްހާ ވޯޓް ލިބިވަޑައިގަތެވެ. އެކަމުން ދޭހަ ވަނީ އެމަނިކުފާނު ދީނާ ގުޅޭ ގޮތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ބައެއް ދިވެހިންނަށް އެއީ މައްސަލައަކަށް ނުވާކަންކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު ކުރައްވާފައިވާ ބައެއް ދީނާ ހިލާފުކަންކަން ހިމަނައިގެން އިލްމުވެރިން މީގެ ކުރިން ފޮތެއް ނެރުނު ނަމަވެސް މިހާރު އެއީ ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. އެކަން ދިވެހިން ހަނދާން ނެތުނީ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އީޔޫ އިން ނެރުނު ބަޔާނާ އެކުވެސް ރާއްޖޭގެ މަސްރަހަށް ބަދަލެއް އައި ތަނެއް ނުފެނުނެވެ. އެކަން ކުށްވެރިކޮށް މަދު ބަޔަކު ވާހަކަ ދެއްކި އިރު އެކާމާ މެދު މީސް މީޑިއާގައި ވެސް މާބޮޑު ވާޙަކަތަކެއް ދެކެވޭތަނެއް ނުފެނެ އެވެ. އެއް ބަޔަކަށް އެކަންވީ ކުޑަ ކަމަކަށެވެ. ދިވެހިން އީޔޫގެ ނިންމުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން އެއްވުމެއް ވެސް ބާއްވާކަށް ވެސް ނުކެރުނެވެ. ފިނި ގޮތެއްގައި އެކަން ހިންދާލީ އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖޭގައި އެހެން ދީންތައް އޮންނަން ޖެހޭ ކަމަށާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ހުއްދަ ކުރަން ޖެހޭ ކަމަށް ބުނެ ތަފާތު ބަޔާންތައް ނެރެމުންދާ އިރު އެފަދަ ބަޔާންތައް ނެރެން އެފަރާތްތަކަށް ހިތްވަރު ލިބެނީ ދިވެހިންގެ ފަރާތުން ހިމޭން ޖަވާބެއް ލިބޭތީ ކަމަށް ވެސް ވެދާނެ އެވެ. ދިވެހިން އެކަމާ ދެކޮޅަށް އެއްވެސް އެއްޗެކޭ ނުބުނެ ތިބޭ އިރު އެއީ އެފަދަ ފަރާތަތަކަށް ލިބިގެންދާ ހިތްވަރެއް ކަމަށް ގަބޫލު ކުރެވެ އެވެ. އަދި އެފަދަ ރިޕޯޓްތައް ނެރެނީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

އީޔޫގެ ބަޔާނާ ގުޅިގެން އަދުރޭ ވިދާޅުވީ އީޔޫ އިން އެގޮތަށް ލަފާ ދިނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން އީޔޫއަށް ހުށަހެޅި ރިޕޯޓުތަކަކާ ގުޅިގެން ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އެ މާއްދާ މިއަދު ވެސް މާދަމާ ވެސް އޮންނަން ވާނީ އެގޮތުގަ އެވެ. އެކަމަށް ބަދަލެއް އައިސްގެން ނުވާނެ އެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މިގައުމު އޮންނާނީ ތާ އަބަދަށް އެގޮތުގަ އެވެ. ދިވެހިންނަށް މިނޫން ގޮތެއް ވަރިހަމަވެގެން ނުވާނެ އެވެ.

އީޔޫ ފަދަ ޖަމައަތްތަކުން ނެރޭ އެފަދަ ބާޔާންތަކާ ދެކޮޅަށް ބަސް ބުނަން ޖެހެ އެވެ. ދިވެހިންގެ ދިވެހިވަންތަކުމުގެ މައިގަނޑު އަސާސާއި ދިވެހިންގެ ސަގާފަތް އެ ދީނެއްގެ މައްޗަށް ބިނޭވެފައިވާ އިސްލާމްދީން ބަދަލު ކުރަން ދެވޭ އެފަދަ ދައުވަތުތަކަށް ނޫނެކޭ ބުނަން ޖެހޭނެ އެެވެ. ދިވެއްސަކަށްވާ ނަމަ ފަރަންޖީން ބުނާ ކޮންމެ ގޮތަކަށް ރުހެވޭކަށް ނޯންނާނެ އެވެ. އެއީ ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކަށް ވިޔަސް އިސްތިސްނާ ވެވޭނެ ކަމެއް ނޫނެވެ.

comment ކޮމެންޓް