އެކުވެރިކަމުގެ ފަހު މެޗުގައި ރާއްޖެއިން ތައިލެންޑް ބަލިކޮށްފި

އިއްޔެގެ މެޗުގެ ކުރިން ރާއްޖޭގެ ޓީމު --- ފޮޓޯ/ ވީއޭއެމް

ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމު ތައިލެންޑުގައި ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި އެގައުމުގެ ގައުމީ ޓީމު ބަލިކޮށްފިއެވެ.

ރާއްޖެއިން ތައިލެންޑުގައި ކުރިއަށް ގެންދިޔަ ކޭމްޕް ނިންމާލުމަށްފަހު މިއަދު ބަންގާޅަށް ދާނެއެވެ. އެ ކޭމްޕުގައި ރާއްޖެ ވަނީ ތައިލެންޑްގެ ފުރަތަމަ ޑިވިޝަން ގިނަ ކްލަބުތަކަކާއެކު ވާދަވެރި މެޗުތަކެއް ކުޅެފައެވެ.

ތައިލެންޑުގައި އިއްޔެ ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި ރާއްޖޭގެ ޓީމު އެގައުމުގެ ގައުމީ ޓީމު ބަލިކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ 25-23 އިންނެވެ. ދެވަނަ ސެޓު ތައިލެންޑުން 22-25އިން ގެންދިޔަ ނަމަވެސް ރާއްޖެއިން ވަނީ ތިންވަނަ ސެޓު 25-21 އިން ގެންގޮސްފައެވެ.

މެޗުގެ ހަތަރު ވަނަ ސެޓު ތައިލެންޑުން ގެންދިޔައީ ތަފާތު ބޮޑުކޮށް، 25-15 އިންނެވެ. ފަސް ވަނަ ސެޓު 19-17އިން ރާއްޖެ ގެންގޮސްފައިވާ އިރު، މުބާރާތުގެ ކުރިން ތައިލެންޑް ބަލިކުރެވުމަކީ ޓީމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

ތައިލެންޑަކީ ވޮލީގައި ރާއްޖެއަށްވުރެ ރޭންކިންގައި ތަފާތު މޮޅު ގައުމެކެވެ. މިދިޔަ އަހަރުގެ އެފްއައިވީބީ ރޭންކިންގައި ތައިލެންޑް 41 ވަނައިގައި އޮތް އިރު، ރާއްޖެ އޮތީ 78 ވަނައިގައެވެ.

މިފަހަރު ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ފަރިތަކުރުންތަކުގައި ޑިސިޕްލިން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ހާއްސަކޮށް ފަރިތަކުރުންތަކުގައި ޓީމުގެ ހާޒިރީ ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެވަރޭޖް އެޓެންޑެންސަކީ 98 ޕަސެންޓެވެ.

އޭވީސީ މުބާރާތަށް ގައުމީ ޓީމު ފަރިތަކުރަމުންދަނީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސައިފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އައި އިޝާން މުހައްމަދު (ބަޓިސް) ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، މިފަަހަރުގެ ސްކޮޑުގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި މުހައްމަދު ޝާއިން (ޝާއިންޓޭ) އަދި އަޝްފާގު އާދަމް (އައްކަޅޭ) ވެސް ހިމެނިފައެއް ނުވެއެވެ.

ގައުމީ ވޮލީ ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިޔާ، ކުޑަ ކާއްޓޭ މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވަނީ އާއިލާ ކަންކަމަށް ވަގުތު ދިނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށް ވީއެމްއިން ވަނީ ކުރިން ބުނެފައެވެ.

ރާއްޖޭގެ އިތުރުން މިފަހަރުގެ އޭވީސީ މުބާރާތުގައި ފަސް ގައުމަކުން ވާދަކުރާނެއެވެ. އެއީ މުބާރާތް ބާއްވާ ގައުމު ބަންގާޅާއި ކިރިގިސްތާން، ތުރުކެމެނިސްތާން، އުޒުބަކިސްތާން އަދި ނޭޕާލެވެ.

comment ކޮމެންޓް