ރާއްޖޭގެ 100 ޒުވާނަކަށް ޗައިނާއަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ދެނީ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވާ ދަރިވަރުން ޗައިނާއަށް ކުރި ދަތުރުގައި، ޗައިނާގެ ބޮޑު ފާރުގެ އެންމެ މަތީގައި-- ފޮޓޯ: އަހުމަދިއްޔާ

ރާއްޖޭގެ 100 ޒުވާނަަކަށް ޗައިނާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭގޮތަށް ހަމަޖައްސައިފިއެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްގީގެ އެކިއެކި ޕްރޮޖެކްޓަތަކާ ބެހޭ މައުލޫމާތު ހިމެނޭ ފޮޓޯ މައުރަޒެއް ގައުމީ ޔުނިވާސިޓީގައި މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒް ހޮންގް ވިދާޅުވީ ޗައިނާއިން ފަށައިފައިވާ އިގްތިސާދީ ބިޔަ މަޝްރޫއު، ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްގެ ބޭނުމަކީ ހަމައެކަނި އުމްރާނީގޮތުން ގުޅުން ބަދަހި ކުރުން ނޫން ކަމަށެވެ.

" ވިޔަފާރިއާއި އިގްތިސާދީ ގޮތުންނާއި އަދި ދެގައުމުގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ވެސް އޮންނަން ޖެހޭނީ ލާމެހިފައި. މިއަހަރު އިފްތިތާހު ކުރާނަން މޯލްޑިވިއަން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމެއް. އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 100 ޒުވާނުންނަށް ޗައިނާއަށް ދެވޭނެ،" ޒޭންގް ވިދާޅުވިއެވެ.

ޗައިނާ އިން ރާއްޖޭގެ ތަރައްގީގެ އެކިއެކި ޕްރޮޖެކްޓަތަކާ ބެހޭ މައުލޫމާތު ހިމެނޭ ފޮޓޯ މައުރަޒެއް ގައުމީ ޔުނިވާސިޓީގައި މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވާހަަކަދައްކަވަނީ-- ފޮޓޯ؛ އެމްއެންޔޫ

ޗައިނާއަށް ޒިޔާރަތްކުރުމަށް ފުރުސަތު ދޭނީ ރާއްޖޭގެ ޔުނިވަސިޓީގެ ދަރިވަރުންނާ އަދި މެދު މަދަރުސީ ސްކޫލުތަކުގެ ދަރިވަރުންނަށް ކަމަށް ވެސް ޒޭންގް ވިދާޅުވިއެވެ.

ޒޭންގް ވިދާޅުވީ، ޗައިނާ ސަރުކާރުން ރާއްޖޭގެ 20 ދަރިވަރަކަށް ޗައިނާގެ ޔުނިވާސިޓީގައި ކިޔެވުމަށް މިއަހަރު ސްކޯލާޝިޕެއް ދީފައިވާ ކަމަށާއި އަދި މިހާރު މަސައްކަތްކުރަމުންދަނީ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޗައިނީޒް ޓްރެއިނިން ސެންޓަރަކާއި އަދި ކޮންފިއުޝަސް އިންސްޓިޓިއުޓެއް ގާއިމުކުރުމަށް ކަމަށެވެ.

ޗައިނާ އެމްބަސީން އިންތިޒާމުކޮށްގެން، އަހުމަދިއްޔާ ސްކޫލުތަކުގެ ދަރިވަރުންތަކަކަށްވެސް ޗައިނާއަށް ޒިޔާރަރްކުރުމުގެ ފުރުުސަތު މިދިޔަ އަހަރު ވަނީ ދީފައެވެ.

comment ކޮމެންޓް