އިސްލާމްދީން ދޫކޮށްލިޔަސް ދިވެހި ރައްޔިތުކަން ނުގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އީޔޫއިން ލަފާދީފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލަމެންޓްގެ ފޮރިން އެފެއާޒް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން ---- ފޮޓޯ: އީޔޫ ޕާލަމެންޓް

ދިވެއްސަކު އިސްލާމުދީން ދޫކޮށްލިޔަސް ދިވެހި ރައްޔިތުކަން ނުގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދިވެހިރާއްޖެއަށް ލަފާ ދީފިއެވެ.

އެގޮތަށް އީޔޫއިން ލަފާދީފައިވަނީ އެ ޔޫނިއަންގެ ފަރާތުން މިއަހަރުގެ ޖެނުއަރީ މަހުގެ އަށަކުން 11އަށް ރާއްޖެ ފޮނުވި ވަފުދުގެ ބޭފުޅުންގެ ދަތުރަށްފަހު މިއަދު އާންމު ކުރި ރިޕޯޓުގައި ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވަމުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާ މުރާޖާކޮށް، އިސްލާހުކުރަން ފެންނަ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތަކަށްވެ، އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޝަރުތެއްގެ ގޮތުގައި މުސްލިމަކަށްވުން ނުހިމަނަން ލަފާ ދޭ ކަމަށާއި އިންތިޚާބުގައި ވާދަކުރުމަށް ސުންނީ މުސްލިމަކަށްވުން ލާޒިމުނުކުރާ ގޮތަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އިސްލާހުކުރަން ލަފާދޭ ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ގޮވާލާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ރާއްޖެއާ ދެކޮޅަށް ފާސްކުރި ގަރާރެއްގައިވެސް ރާއްޖޭގައި ދީނީ މިނިވަންކަން ނޯންނާތީ ރާއްޖެއަށް ފާޑުކިޔުމުން، އެކަމާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އީޔޫގެ ރިޕޯޓުގައި އިތުރަށް ހުށަހަޅާފައިވާ ކަންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުގައި ހިމެނޭ "ސުންނީ ޖަމާއަތުގެ މުސްލިމަކަށް ވުމުގެ" ޝަރުތު އުނިކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ރާއްޖޭގައި ހުރި މިންތީގެ ތަފާތުކުރުމުގެ މައްސަލަތައް ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އާއިލާއާ ބެހޭ ގާނޫނުގައި ހުރި ތަފާތުކުރުންތައް ނައްތާލަންޖެހޭ ކަމަށެވެ. އެގޮތުން ވާރުތަ މުދާ ލިބުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމަށާއި ސިޔާސީ މަގާމުތަކަށް އައުމުގައި އަންހެނުންނަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި މިނިވަން އިންތިހާބެއް ބާއްވަން ހުރި ގޮންޖެހުންތަކާއި މީޑިއާގެ މިނިވަންކަން ދޭންޖެހޭނެކަމަށް ވަނީ ބުނެފައެވެ.

އީޔޫގެ މިޝަނުން ބުނީ، އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަނުން ދީފައިވާ ބައެއް ލަފާތައް ވެސް ހިމަނައިގެން، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއެކު އެޓާނީ ޖެނެރަލްގެ އޮފީހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ބައެއް ބަދަލުތަކެއް ގެންނަން ނިންމައި، މަޖިލީހަށް އެކަންކަން ހުށަހަޅަން ނިންމަން އުޅޭކަމުގެ މައުލޫމާތު އެ މިޝަނަށް ލިބިފައި ވާކަމަށެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި، މަޝްވަރާކުރެވެން ޖެހޭނެ ކަމަށްވެސް އީޔޫ މިޝަނުން ބުނެފައިވެއެވެ.

އީޔޫގެ މިޝަނުން ޖަނަވަރީ މަހު ރާއްޖެއަށް ކުރި ދަތުރުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރިއެވެ.

ނަމަވެސް އެ މިޝަނުން ބުނީ، ރައިސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓު ފަދަ، އެ ޓީމުން ބައްދަލުކުރަން ބޭނުންވި މުހިންމު ފަރާތްތަކާއެކު ބައްދަލުކުރެވޭ ގޮތް ނުވި ކަމަށެވެ.

comment ކޮމެންޓް