ރ. ފައިނުގައި އެއާޕޯޓެއް އަޅަން ރައީސް ނިންމަވައިފި

ރައީސް އަބްދުﷲ ޔާމީން އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް

ރ. ފައިނުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "ސަން"އަށް މިއަދު ވިދާޅުވީ، ރ. ފައިނުގައި އެއާޕޯޓެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، މި ހަފްތާ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް އެންގެވި ކަމަށެވެ.

ރ. ފައިނަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

ރ. ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓު އޮންނާނެ ސަރަހައްދު ---

މިނިސްޓަރު ޒަމީރު ވިދާޅުވީ، ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ހަވާލުކުރީ ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)އަށް ކަމަށެވެ.

އެ އެއާޕޯޓު އެޅުމަށް ޚަރަދުކުރަނީ އައިލެންޑް އޭވިއޭޝަންގެ އިތުރުން، ރ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓުތަކުންނެވެ. އެ މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު އަޅާ އެ އެއާޕޯޓުގެ ޑިޒައިނާއި އީއައިއޭ ހެދުމުގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ އިރު، މަހެއްހާ ދުވަސް ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެއެވެ.

"މި އެއާޕޯޓު ނިމިގެން ދާ އިރު ސިޓީ ހޮޓަލެއްގެ އިތުރުން އާޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ވެސް ގާއިމުކުރެވޭނެ،" ޓޫރިޒަމް މިނިސްޓަރު "ސަން"އަށް ވިދާޅުވިއެވެ.

ރ. ފައިނުގައި އެއާޕޯޓު އެޅުމަށް ހަތަރު ހެކްޓަރެއްހާ ސަރަހައްދުގެ ބިން ހިއްކަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައިނުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ އިރު، އެއަތޮޅު އިފުރުގައި މިހާރު ވެސް ޑޮމެސްޓިކް އެއާޕޯޓެއް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް