ކިއުބާއިން މެޑިސިން ކިޔެވުމަށް ސްކޮލަޝިޕް ފުރުސަތެއް ހުޅުވާލައިފި

އެމްއެންޔޫގެ ނާސިން ކިޔަވާ ދަރިވަރުންތަކެއް: ކިއުބާގައި މެޑިސިން ކިޔެވުމުގެ ސްކޮލަޝިޕް ފުރުސަތެއް ޑީއެޗްއީން ވަނީ ހުޅުވާލާފައި -- ސަން ފައިލް ފޮޓޯ

އެންމެ ފެންވަރު ރަގަނޅު ޑޮކްޓަރުން އުފައްދާ އެއް ގައުމުގެ ގޮތުގައި މަޝްހޫރު ކިއުބާއިން މެޑިސިން ކިޔެވުމަށް ސްކޮލަޝިޕް ފުރުސަތެއް ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ކުރި އިއުލާނެއްގައި ފުރުސަތު ހުޅުވާލައިފައި ވަނީ، މެޑިސިން ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލު ކުރުމުގެ އެންމެ ފުރުސަތެކެވެ.

ކިއުބާގައި ހުންނަ ބައިނަލްއަގްވާމީ މެޑިކަލް ސްކޫލް އަދި ކިއުބާގެ ހެލްތުކެއާ ސިސްޓަމްގެ މައި އެއްތަން ކަމުގައިވާ ލެޓިން އެމެރިކަން ޔުނިވާސިޓީ އޮފް މެޑިސިން (އީއެލްއޭއެމް) އިން މެޑިސިން ކިޔެވުމުގެ ފުރުސަތު ލިބޭ އެ ސްކޮލަޝިޕުގެ ދަށުން ކިޔަވައިދޭނީ ސްޕެނިޝް ބަހުންނެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލެވޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އިމްތިހާނުން ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑް ހާސިލްކޮށްފައިވުމާ އެކު އިތުރު ދެ މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން
  • ޖީސީއީ އޭލެވެލް މާއްދާތަކުގެ ތެރެއިން ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސްގެ ތެރެއިން ތިން މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑް ހާސިލް ކޮށްފައިވުން
  • މި އަހަރުގެ މެއި ހަތް ވަނަ ދުވަހަށް އުމުރުން 25 އަހަރުވެފައިނުވުން
  • މާބަނޑު ފަރާތެއްކަމުގައި ނުވުން

ޑީއެޗްއީ އިން ބުނީ، އެ ސްކޮލަޝިޕް ފުރުސަތަށް ހޮވޭ ކެންޑިޑޭޓުން ކިއުބާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އަދި ކޯސް ފެށުމުގެ ކުރިން ސްޕެނިޝް ބަސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ފީ ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭއިރު، އެހެނިހެން ހަރަދުތައް ކުރަންޖެހޭނީ އަމިއްލައަށެވެ.

ނަމަވެސް ސްކޮލަޝިޕް ލިބޭ ދަރިވަރުން ބޭނުން ނަމަ، ސަރުކާރުގެ ސަޕްލިމެންޓަރީ ލޯން އެލަވެންސް ހަމަޖައްސައިދެވޭނެ ޑީއެޗްއީ އިން ބުނެ އެވެ.

ކޯސް ފުރިހަމަ ކުރުމަށް ފަހު، ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭ އެ ސްކޮލަޝިޕް ފުރުސަތަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30ގެ ކުރިން، ވެލާނާގެ ދެވަނަ ފަންގިފިލާގައި ހުންނަ ޑީއެޗްއީ އަށެވެ.

comment ކޮމެންޓް