ގާނޫނާ ޚިލާފު އަމުރަކަށް ފުލުހުން ތަބާވެގެން ނުވާނެ: ރައީސް ޔާމީން

ފުލުހުންގެ 85ވަނަ އަހަރީ ރަސްމީ ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕޮލިސް މީޑިއާ

ގާނޫނާ ޚިލާފު އަމުރަކަށް ފުލުހުން ތަބާވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 85 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް ފުލުހަކު ޣައިރުޤާނޫނީ އަމުރަަކަށް ތަބާވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ފުލުހުންނަށް ގާނޫނާ ޚިލާފު އަމުރެއް ނުކުރާނެ ކަމަށެވެ.

"ދައުލަތް ހިންގުމުގެ އެންމެ އިސްވެރިއަކީ ޖުޑިޝަރީއެއްވެސް ނޫން. އަދި އިދިކޮޅުގައި ތިބި ލީޑަރުންނެއްވެސް ނޫން. އެމީހުންނަކަށް ގާނޫނީ ހުވައެއްގެ މަތިން ހަވާލުކޮށްފައި އޮތް ގާނޫނީ އެއްވެސް ޒިންމާއެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ އެންމެން ބަލައިގަންނަ މަސައްކަތެއް ނަމަވެސް މަދުމަދުން މިސްރާބުން ކައްސާލައިގެން ވެފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އާލާކުރަން ޖެހިފައިވާ ކަމަށެވެ.

"ޕޮލިސިންގ އެއް ނުދެވޭނެ ހުރިހާ ރައްޔިތުންގެ ލޯބި ހޯދައިގެންނެއް. އެހެން ނަމަވެސް މިއަދުގެ ޑިމޮކްރަޓިކް ޕޮލިސިންގ އަކީ ވީހާވެސް ކޮމިއުނިޓީއާ ގާތުން މަސައްކަތް ކުރުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ މަގުބޫލުކަން ހޯދަން މަސައްކަތް ކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށާއި އަމުރެއް ތަންފީޒުކުރަން ދާއިރު ވިސްނަންޖެހެނީ މި ތަންފީޒު ކުރަން އުޅެނީ ގާނޫނީ އަމުރެއްތޯ ކަމަށެވެ.

"އެންމެ މިސްޓޭކެއް. އެކަމަކު އެ މިސްޓޭކް ހަދަނީ ކޮން ފެންވަރެއްގެ މީހެއްތޯ އެކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ ޚިޔާލަށް ގެންނަންޖެހޭ،" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ އަގު ހިފަހައްޓަން އެންމެ ބޭނުންވާނީ ރައީސުލްޖުމުހޫރިއްޔާކަމަށެވެ. އަދި ފުލުހުން ނުކުމެ ފުލުހުންނާއި ކުރިމަތިލުމަކީ ޓޮލަރޭޓް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އަބަދު ސިޔާސީ ފަރާތްތަކަށް ބޯލަނބަން ނުޖެހޭ ކަަމަށެވެ.

" ފުލުހުން ނުޖެހޭ ވިސްނާކަން ދެން ދިވެހިރާއްޖޭގެ ވެރިކަމަށް އަންނާނީ ކާކު ކަމެއް. ފުލުހުންނަކީ ގާނުނު ތަންފީޒުކުރަން ތިބި ބައެއް. ފުލުހުންނަކީ އޭރަކު އޮންނަ ގާނޫނީ ސަރުކާރު ދަމަހައްޓަން ތިބޭ ބައެއް. އެއީ ގާނޫނާ ޚިލާފް އަމުރު ގާނޫނާ ޚިލާފު ކަންކަން ނުކުރާހާ ހިނދަކު،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް