ފަތުރުވެރިކަމާ ގުޅޭ ފަސް މައްސަލައެއް ވިލާ ގްރޫޕާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ފަސް މައްސަލައިގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވިލާއަށް ދޫކޮށްފައިވާ ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފޮނޮޅުގެ މައްސަލަ އެވެ.
ސަރުކާރުން ވަނީ އެ ރަށްތަކާއި ފަޅުތަކާއި ފިނޮޅު ވިލާގެ އަތުން އަތުލައިފަ އެވެ. އެކަމާ ގުޅިގެން ވިލާ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ އެތަންތަން އަނބުރާ ސަރުކާރަށް ނެގީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށްވާތީ އެތަންތަން އަނބުރާ ވިލާއަށް ދިނުމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ކޯޓުގެ ހުކުމް ބާތިލުކޮށް ސަރުކާރާ އެއްކޮޅަށް ހުކުމް ކޮށްފަ އެވެ. ދެން ވިލާ އިން ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު ވަނީ އެތަންތަން އަނބުރާ އަތުލުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުން ހުކުމް އިއްވާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތާކާ އެއްގޮތަށް ކަމަށް ކަނޑައަޅައިފަ އެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.