ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރާ ބެހޭ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލައިފި

ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ މަޝްވަރާތައް ކުރުން -- ފޮޓޯ/ ސިވިލް އޭވިއޭޝަން އޮތޯރިޓީ

ދިވެހިރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ވައިގެ ސީދާ ދަތުރުފަތުރު ފެށުމާ ގުޅޭ ގޮތުނެ ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލައިފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން މިއަދު ބުނީ، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ބޭއްވުނީ މިހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު، ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އިބްރާހިމް ފައިޒަލް އެވެ. އޭގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ އެ އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލާއި ޑިރެކްޓަރު އެއާ ޓްރާންސްޕޯޓު އަބްދުﷲ ރަޝީދާއި ސީނިއާ ލީގަލް އޮފިސަރު އަހްމަދު މުޝްހިދު ރަޝީދެވެ.

ފިލިޕީންސްގެ ފަރާތުން ބައިވެރިވެވާޑައިގަތީ އެގައުމުގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒްގެ އެސިސްޓަންޓް ސެކްރެޓަރީ ލިއޯ ހެރޭރާ ލިމްއާއި ސިވިލް އެރޮނޮޓިކްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމޭލޯ އާސިލާއެވެ.

އެ މަޝްވަރާތަކުގައި، ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލައި، ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުތަކުގެ ޚިދުމަތް ދޭން ބޭނުންވާ އެއާލައިންތަކަށް ފުރުސަތު ހުޅުވާލި އެވެ.

ފިލިޕީންސްއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސް ރައްޔިތުންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިކަން ފާހަގަކޮށް، މަޝްވަރާތަކުގައި ދެގައުމުން ވެސް ވަނީ، ސީދާ ދަތުރުތައް ފެށިއްޖެ ނަމަ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކޮށްފަ އެވެ.

މިވަގުތު ރާއްޖެ އިން ވަނީ 46 ގައުމަކާ އެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމުކޮށްފަ އެވެ. އަދި ދުނިޔޭގެ 36 މަންޒިލަކުން 31 އެއާލައިން ރާއްޖެއަށް އޮޕަރޭޓުކުރެ އެވެ.

comment ކޮމެންޓް