ސިޓީ ޕާކު ހުރި ތަނުގައި ޕޫލެއް ހިމެނޭ ގޮތަށް ޕާކެއް ތަރައްގީ ކުރަނީ

ސިޓީ ޕާކު ހުރިތަނުގައި ޕޫލަކާއި ވޯޓާ ޕްލޭ ސްޓްރަކްޗާ އެއް ހިމެނޭ ގޮތަށް ޕާކެއް ތަރައްގީކުރަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލޭ ބްލޮކް ނަންބަރު 132ގައި ޕާކެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ތަނުގައި ޕާކެއްގެ އިތުރުން މަލްޓި ސްޓޯރީ މިކްސް ޔޫސް ބިލްޑިން އެއްވެސް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.

މިކްސް ޔޫސް ބިލްޑިން އަކީ 1000 އަކަ ފޫޓުގެ ތިން ބުރީގެ އިމާރާތެއް ކަމަށާއި އެތަނުގެ ގްރައުންޑް ފްލޯ ހުންނަން ވާނީ އާންމުންގެ ބޭނުންތަކަށް ހާއްސަ ކޮށްފައި ކަމަށާއި އެތަނުގައި ފާޚާނާ، ޗޭންޖިންރޫމް އަދި ނާސިން ރޫމް ވެސް ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

އެތަނުގައި ކާބޯތަކެތި ވިއްކުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެތަން ހިންގުމުގެ ކޮންޓްރެކްޓު މުއްދަތަކީ 10 އަހަރު ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެތަނުގައި ތަރައްގީކުރާ ޕާކަކީ ޕޫލް އަދި ވޯޓާ ޕްލޭ ސްޓްރަކްޗާތައް ހިމަނައިގެން ތަރައްގީކުރާ ތަނެއް ކަމަށް ހައުސިން މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވެ އެވެ.

ޕޫލުގެ ފުންމިނަކީ އެއްފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށާއި އެ މަސައްކަތާ ހަވާލުވާ ފަރާތުން ކޮންސެޕްޓުގައިވާ ގޮތުގެ މަތިން ހިޔާދޭ ގަހާއި މާ ގަސް އިންދައި ބަލަހައްޓަން ވާނެ ކަމަށް ހައުސިން އިން ބުނެ އެވެ. މީގެ އިތުރުން ޕްލޭ ސްޓަކްޗާތަކާއި ބެންޗުތައް ވެސް އެ ޕާކުގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތަށް ކުރިމަތިލައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ޕްރީ ބިޑް މީޓިން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 19 ގަ އެވެ. ބީލަން ހުޅުވާނީ މި މަހުގެ 26 ގަ އެވެ.

ބީލަން ހުށަހަޅާ އިރު ޕާކު ތަރައްގީ ކޮށް ހިންގާ ގޮތުގެ ތަފްސީލު، ފައިނޭންސް ހޯދާނެ ގޮތުގެ ތަފްސީލު، ޕާކު އަދި މިކްސް ޔޫސް އިމާރާތް ހިންގާނެ ގޮތުގެ ތަފްސީލު އެނގޭނެހެން ޕްރޮޕޯޒަލް ހުށަހެޅުމަށް ހައުސިން އިން އެދެ އެވެ.

ސިޓީ ޕާކު ހުރި ބިމުގައި އާ ޕާކެއް ތަރައްގީކުރަން ނިންމާފައިވާ އިރު، މިނިވަން 50 އާ ދިމާކޮށް ސަލްޓަން ޕާކުގައި ޖެހި ލެޑް ގަސްތަކާ އެކު ޕާކެއް ހިންގަން ހޯމް މިނިސްޓްރީ އިން މަސައްކަތް ކުރި ނަމަވެސް އެ ޕާކު ހުޅުވައިފައެއް ނުވެ އެވެ. ލެޑް ގަސްތައް އެތަނުގައި ޖަހައި ވީރާނާވާން ދޫކޮށްލާފައިވާ އިރު ސިޓީ ޕާކު ބިމުގައި ޕާކެއް ހިންގަން ހައުސިން އާ ހަވާލުކުރަން ފަހުން ނިންމިއެވެ.

ކެޕްޝަން..

comment ކޮމެންޓް