Sun Online
ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު --- ސަންފައިލް ފޮޓޯ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު --- ސަންފައިލް ފޮޓޯ

ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަަމަށް އދ.ގެ ކޮމިޓީން ބުނެފި

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ.ގެ ހިމުއަން ރައިޓްސް ކޮމިޓީން ނިންމައި އެކަން އާންމުކޮށްފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމީ 2013 ވަނަ އަހަރު އަދި 2016 ވަނަ އަހަރު ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެވެ. ނަޝީދު އޭރު މައްސަލަ ހުށަހެޅުއްވީ އިންސާފުން ބޭރުން ޝަރީއަތްކޮށް ހުކުމް ކޮށްފައިވާ ކަމަށާއި ހައްގުތައް ގެއްލި އިންތިހާބުގައި ވާދަ ކުރެވޭނެ މަގު ބަންދުވެފައިވާ ކަމަށް ބުނެ އެވެ.

ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމީ ގިނަ ސަބަބުތަކެއް ދައްކައިފަ އެވެ.

އެ މައްސަލަ ނިންމައި މިއަދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ލިބިދޭން ޖެހޭ މިނިވަން އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުން ރައީސް ނަޝީދު މަހުރޫކޮށްފައިވާކަން ހާމަވާ ކަމަށެވެ.

ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އައިސީސީޕީއާރުން ލިބިދޭން ޖެހޭ ހައްގުތައް ނުދީ ކަމަށް ވެސް ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ އައިސީސީޕީއާރަކީ ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާއަކަށް ވާއިރު އެ މުއާހަދާ އިން ލިބިދޭން ޖެހޭ ހައްގުތައް ލިބިނުދީ އެ ޝަރީއަތް ހިންގާފައިވާ ކަމަށާއި އަލުން ޝަރީއަތް ހިންގައި ހައްގުތައް ލިބިދޭ ގޮތަށް ކުރިއަށް ގެންދިއުމަށް ކޮމެޓީން ގޮވާލާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭން ނިންމާ ގޮތެއް 180 ދުވަހުގެ ތެރޭގައި އެންގުމަށް ވެސް އދ.ގެ ކޮމެޓީ އިން ވަނީ ބުނެފަ އެވެ.

ނަޝީދުގެ މައްސަލާގައި އދ. އަށް ޖަވާބު ދާރީވަމުން ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ ހުރިހާ ހައްގުތަކެއްދީގެން ކަމަށެވެ.

infinity loading...
×
DB released 01.