ދުނިޔޭގެ އެންމެ ބާރުގަދަ އިގްތިޞާދަކީ ޗައިނާ: އިކޮނޮމިކް މިނިސްޓަރު

"ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެންމެ ބާރުގަދަ އިގްތިޞާދަކީ ޗައިނާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" އަށް އަހުލުވެރިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާ އަކީ އިކޮނޮމިކް ޕަވާ ހައުސް އޭ ބުނުމުން ދޮގަކަށް ނުވާނެ ކަމަށާއި ޗައިނާ އަކީ މިއަދު އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ.

ވޭތުވެދިޔަ އެހެން ސަރުކާރުތަކާ އަޅާ ބަލާއިރު ރައީސް ޔާމީންގެ ސަރުކާރަކީ މުޅި ރާއްޖެއަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަަށް ގެންދާ ސަރުކާރެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަކީ އެންމެ ހަލުވިމިނެއްގައި ކުރެވެމުން އަންނަ މަސައްކަތެއް ކަމަށެވެ.

"ޗައިނާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ އިގްދިޞާދު. މިއަހަރު މެދުތެރެއިން ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ %90 އަކީ %0 ގެ ގޮތުގައި ރާއްޖެއަށް އަންނާނެ އެއްޗެހި،" މިނިސްޓަރު ވިދާޅުވިއެވެ.

"ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ހަފްލާގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައީދު ވިދާޅުވީ ރާއްޖެއަށް ލިބިފައި މިވަނީ "ސްވިމިންގް ޕޫލް" އެއް ކަހަލަ މޫދެއް ކަމަށާއި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު 2014 އިން 2017 އަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތް އިތުރުވެފައިވާ ކަމަށާއި ޗައިނާއިން ވެސް ރާއްޖޭގެ ހަތް މަންޒިލަކަށް ދަތުރުކުރާ ކަމަށެވެ.

"ރާއްޖެއިން މަރުހަބާ ނުކިޔާ އެއް ގައުމެއްވެސް ނެތް. އެކުވެރި ބައެއް. ދުރުން ވެސް ކައިރިން ވެސް،" އޭނާ ވިދާޅުވިއެވެ.

"ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ހަފްލާގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ ޗައިނާ އަކީ ޒަމާނުއްސުރެ ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އެކުވެރި އަދި ގާތް ގައުމެއް ކަމަށާއި އެ ގައުމުގެ އިގްތިޞާދަކީ ދުނިޔޭގެ އެންމެ ބާރުގަދަ އިގްތިޞާދު ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ރާއްޖޭގެ އިގްތިޞާދަށް ގެނައި ބަދަލަކީ ހެޔޮ ބަދަލެއް،"

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ މިވަގުތު ކަޑައްތުކުރަމުން ދަނީ ހަލުއި ތަރައްގީގެ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށެވެ.

comment ކޮމެންޓް