ރާއްޖެއިން އައިވަރީ ކޯސްޓާ އެކު ޚާރިޖީ ގުޅުން ގާއިމް ކޮށްފި

ރާއްޖެއިން އައިވަރީ ކޯސްޓް އާއެކު ގުޅުން ގާއިމް ކުރުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ކޯޓް ޑިވުއާ (އައިވަރީ ކޯސްޓް) އާއެކު ޚާރިޖީ ގުޅުން ގާއިމްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ މިއަދު ކަމަށެވެ.

ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރެވެ. އައިވަރީ ކޯސްޓްގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްބީ އެގައުމުން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ބާނާޑް ޓަނޫހް-ބޫޗޯއާ އެވެ.

އައިވަރީ ކޯސްޓާކު ސިޔާސީ ގުޅުން ގާއިމުކުރުމާއެކު ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެއަދަދު ވަނީ 167 އަށް އަރައިފައެވެ.

އައިވަރީ ކޯސްޓަކީ ހުޅަނގު އެފްރިކާގެ ޤައުމެކެވެ. އާބާދީގައި ގާތްގަނޑަކަށް 24 މިލިއަން މީހުން އުޅޭ މި ގައުމުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.

ދެގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް، ދިވެހިރާއްޖެއާއި އައިވަރީ ކޮސްޓަކީ ގާތުން މަސައްކަތްކުރަމުން އައިސްފައިވާ ދެ ގައުމެވެ.

އެގޮތުން މި ދެގައުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި އ.ދގައި ބަހުސްކުރެވޭ ގިނަ މައްސަލަތަކުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެމުން އަންނަ ދެ ޤައުމެވެ.

comment ކޮމެންޓް