ކްލަބު މޯލްޑިވްސް ކަޕް: ސެމީ ފައިނަލް ޕްރިވިއު

ކްލަބު މޯލްޑިވްސް ކަޕްގައި ގްރޫޕް ސްޓޭޖުގައި ޓީސީއެލް އާއި އެމްޕީއެލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ބާއްވާ އެންމެ ފޯރި ގަދަ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް މިރޭ އޮންނާނެ އެވެ.

މާފަންނު މިނީ ގްރައުންޑުގައި ކުރިއަށްދާ މުބާރާތުގެ ސެމީއަށް ދަތުރުކުރި ހަތަރު ޓީމަކީ، އެންމެ ފަހުގެ ރަނަރަޕް ޓީމު އެމްޕީއެލް، ތިލަފުށީ ކޯޕަރޭޝަންގެ އިތުރުން ކްލަބު އެޗްޑީސީ އަދި މޯލްޑިވިއަން އެވެ.

މި އަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކުރި އެއްވެސް ޓީމެއް އަދި މުބާރާތުގައި ބަލިވެފައެއް ނުވެއެވެ.

ތިލަފުށީ ކޯޕަރޭޝަން

ޓީސީއެލްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮންލީ --- ފޮޓޯ/ ކްލަބު މޯލްޑިވްސް ކަޕް

ތިލަފުށީ ކޯޕަރޭޝަން ޓީމަކީ ފުޓްސަލްގެ ތަރިން ގިނަ ޓީމެކެވެ. މުބާރާތަށް ނެރުނު ސްކޮޑަށް ބަލާ އިރު، ފެވަރިޓުންގެ ޓީމެވެ. މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕް އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ލިޔާހުގެ އިތުރުން ރާއްޖޭގެ ފުޓްސަލްގައި ވިދުން ގަދަ ނަންތައް ކަމަށްވާ ހުސައިން ޝަރީފު (އޮންލީ)ގެ އިތުރުން މުހައްމަދު ރިއްފަތު (ރިއްޕެ) އަދި އަބްރާހީމް ފުރުގާން (ފުގޭ) ޓީމުގައި ހިމެނުމަކީ ތިލަފުށީ ކޯޕަރޭޝަންގެ ވަރުގަދަކަން ދައްކައިދޭ ހެއްކެކެވެ.

ތަޖުރިބާކާރު ކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ގޯލް ބަލަހައްޓަމުންދާ ތިލަފުށީ ޓީމު ކޮޅަށް މިހާތަނަށް މުބާރާތުގައި ވަދެފައި ވަނީ އެންމެ ގޯލެކެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެފައިވާ އިރު، އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.

ގަދަ 16ގައި ފަސޭހަ ކަމާއެކު ޕަބްލިކް ވޯކްސް ބަލިކުރި ތިލަފުށި ކޯޕަރޭޝަން ސެމީއާ ހަމައަށް ދިޔައީ ކުއާޓާގައި ފަސޭހަކަމާއެކު ދިރާގުވެސް ބަލިކޮށްގެންނެވެ.

ކޯޗު: އަހުމަދު އިރުފާން

ސެމީގައި ވާދަކުރަން ޖެހޭ ޓީމު: ކްލަބު އެޗްޑީސީ

ކްލަބު އެޗްޑީސީ

އެޗްޑީސީއާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ކްލަބު މޯލްޑިވްސް ކަޕް

އެޗްޑީސީއަކީ ކުޅުންތެރިންނަށް ބަލާ އިރު، މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭނެ ޓީމެކެވެ. ހާއްސަކޮށް ޓީމުގައި ހުނަރުގެ ގޮތުން މިވަގުތު ރާއްޖޭގެ ފުޓްސަލްގައި އެންމެ ގަދަ ނަންތައް ފާހަގަކޮށްލެވެއެވެ.

ފުޓްސަލްގައި އެންމެ މޮޅު އެއް ގޯލް ކީޕަރު ހާމިދު ހަސަން (ހާންޓެ)ގެ އިތުރުން ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް މުބީން (މުއްކި)އާއި މުހައްމަދު ސުޖާން އަހުމަދުވެސް އެޗްޑީސީއަށް ތަފާތު މޮޅު ކުޅުމެއް މިއަހަރުގެ މުބާރާތުގައި ދައްކަމުންދާކަން ފާހަގަ ކޮށްލެވެއެވެ. އަދި ވަކިން ހާއްސަކޮށް އެޗްޑީސީން މި އަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވެނީ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ކުޅުމެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ގަދަ 16ގައި އެޗްޑީސީ ނުކުތީ ސްޓެލްކޯއާ ދެކޮޅަށެވެ. 3-1ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށް، ސެމީއަށް އެޗްޑީސީ ދަތުރުކުރީ ކުއާޓާގައި އެލައިޑް ބަލިކޮށްގެންނެވެ.

ކޯޗު:އަހުމަދު ވަހީދު (އެއްޕެ)

ސެމީގައި ވާދަކުރަން ޖެހޭ ޓީމު: ތިލަފުށީ ކޯޕަރޭޝަން

މޯލްޑިވިއަން

ކްލަބު މޯލްޑިވްސް ކަޕްގައި މޯލްޑިވިއަން ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ކްލަބު މޯލްޑިވްސް ކަޕް

ހުސައިން އަފްޒަލް (އޮޒިލް) އަދި އަހުމަދު އަބްދުލް އަޒީޒް (އާރޮން) ފަދަ ކުޅުންތެރިން ޓީމުގައި ތިބި ނަމަވެސް، ހަމަ ގައިމުވެސް މޯލްޑިވިއަންގެ ތަރިއަކީ އަބްދުﷲ ޝައްފާން (ޝަކާ) އެވެ. މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ޝަކާއަކީ މޯލްޑިވިއަން ސެމީއަށް ގެންދިއުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މޯލްޑިވިއަން ގަދަ 16އަށް ދިޔައީ އުންމީދާއެކުގައެވެ. ގަދަ 16ގައި ޕޮލިސް ކްލަބު ބަލިކޮށް ކުއާޓާގައި މޯލްޑިވިއަަން ކުޅުނީ އުރީދޫއާ ދެކޮޅަށެވެ. އެ މެޗު މޯލްޑިވިއަންއިން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެންނެވެ.

ކޯޗު: އިސްމާއީލް އަނިލް (އަންނި)

ސެމީގައި ވާދަކުރަން ޖެހޭ ޓީމު: އެމްޕީއެލް

އެމްޕީއެލް

ކްލަބު މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޕީއެލްއަކީ އަބަދުވެސް ކްލަބު މޯލްޑިވްސްގައި ކުލަ ގަދަ ނަމަކެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ލެޖެންޑުންތަކެއް އުފެއްދުމުގައި އެމްޕީއެލްގެ ހިއްސާ ބޮޑެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދާ މުހައްމަދު އައްޒާމްގެ އިތުރުން ހުޒައިފަތު ރަޝީދާއި އަލީ ޝިފާއު (ރޮނާ) އަކީ އެމްޕީއެލްގައި ވިދާލި ކުޅުންތެރިންނެވެ. އަދި މިހާރު އެޓީމުގެ ކޯޗު ކަމުގައި ހުރި އަހުމަދު ވިޝާލު (އަންދު) އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖެ ދުށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާއެވެ.

އާއްމުކޮށް ތަރިން ގިނަކޮށް ނުކުންނަ އެމްޕީއެލް މިފަހަރު ނުކުތީ ބަދަލުތަކަކާ އެކުގައެވެ. އެހެން ނަމަވެސް އެމްޕީއެލް ފެންނަނީ މެޗުތަކުގައި ވަރަށް ވަރުގަދަ ޓެކްޓިކަލް ޑިސިޕްލިންއެއް ހިފަހައްޓާ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް ރޮނާ އަދި މުހައްމަދު އަޔާޒް (އަޔާ) ފަދަ ކުޅުންތެރިންގެ ތަޖުރިބާއާއެކު އެމްޕީއެލް ބަލިކުރުން ވެފައިވަނީ އުނދަގޫ ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ތިލަފުށީ ކޯޕަރޭޝަނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުކޮށް އަނެއް ދެ މެޗުން އެމްޕީއެލް ވަނީ މޮޅުވެފައެވެ. އަދި ގަދަ 16ގައި ޕްރިޒަންސް ބަލިކޮށް، އެންޕީއެލް ސެމީއަށް ދިޔައީ ކުއާޓާގައި އެމްޓީސީސީ ބަލިކޮށްގެންނެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކްލަބު މޯލްޑިވްސް ކަޕްގެ ތަށި ހޯދި އެމްޕީއެލްއަކީ މިދިޔަ އަހަރުވެސް ރަނަރަޕް ޓީމެވެ. ފައިނަލްގައި ހިތިކޮށް އެމްއާރްޑީސީ އަތުން ބަލިވި އެމްޕީއެލް، މިފަހަރުގެ މުބާރާތަށް ނުކުންނާނީ އެ ބަލި ހަނދާން ނައްތާލުމަށްކަން ޔަގީނެވެ.

ކޯޗު: އަހުމަދު ވިޝާލު (އަންދު)

ސެމީގައި ވާދަކުރަން ޖެހޭ ޓީމު: މޯލްޑިވިއަން

މިރޭ އޮންނަ ސެމީ ފައިނަލް މެޗުތައް:

20:00 ތިލަފުށީ ކޯޕަރޭޝަން - ކްލަބު އެޗްޑީސީ

21:45 މޯލްޑިވިއަން - އެމްޕީއެލް

comment ކޮމެންޓް