ޕީކޭ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ފެށުން ރަނގަޅުކޮށްފި

ދެވަނަ ޑިވިޝަންގައި ސިފައިންގެ ކްލަބާއި ޕީކޭ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގައި ކްލަބު ޕީކޭ ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ދިވެހި ސިފައިންގެ ކްލަބަކީ ތިންވަނަ ޑިވިޝަންގެ އެންމެފަހުގެ ޗެމްޕިއަން ޓީމެވެ.

މާފަންނު އެއް ނަންބަރު ޓާފްގައި މިއަދު ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ސިފައިންގެ ޓީމަށް ލީޑު ނަގައިދިނީ ޔުކުރެއިންގެ ފޯވަޑް އޮލެކްސެންޑާ ކަބްލާޝެވެ.

ދެވަނަ ޑިވިޝަންގައި ސިފައިންގެ ކްލަބާއި ޕީކޭ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އުމުރުން 28 އަހަރުގެ ކަބްލާޝްއަކީ މީގެ ކުރިން ރަނގަޅު ފެންވަރުގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ އުޒުބަކިސްތާންގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ނަސަފް ގަރްޝީއާއެކު އޭއެފްސީ ޗެމްޕިއަންސް ލީގުގައިވެސް ކުޅެފައެވެ. ޔުކުރެއިން އަދި މޯލްޑޯވާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް ކަބްލާޝް ކުޅެފައިވެއެވެ. މީގެ އިތުރުންވެސް ޔުކުރެއިންގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް އޭނާ ކުޅެފައިވެއެވެ.

މިއަދުގެ މެޗުގައި ސިފައިންގެ ޓީމުން ޖެހި ދެވަނަ ގޯލް، މެޗުގެ 78 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝުޖާއުއެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން ބީޖީ ސްޕޯޓްސް ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އެކެއް

  • ކުޑަ ހެންވޭރު ޔުނައިޓެޑް
  • ބީޖީ ސްޕޯޓްސް
  • ކްލަބު ޕީކޭ
  • ދިވެހި ސިފައިންގެ ކްލަބު

ގްރޫޕް ދޭއް

  • ކްލަބު ޒެފްރޯލް
  • ޑަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން
  • ޖޭޖޭ ސްޕޯޓްސް ކްލަބު
  • މަހިބަދޫ ސްޕޯޓްސް ކްލަބު

ދެވަނަ ޑިވިޝަންގައި މާދަމާ އޮންނާނީ ގްރޫޕް ދޭއްގެ މެޗެކެވެ. އެ މެޗުގައި ވާދަކުރާނި ކްލަބު ޒެފްރޯލާއި ޑަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަނެވެ.

comment ކޮމެންޓް