"އަ ކުއައިޓް ޕްލޭސް": ތަފާތު މޮޅު ތްރިލާއެއް

ފިލްމުގެ ޕޯސްޓަރެއް---

ޖޯން ކްރަސިންސްކީ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "އަ ކުއައިޓް ޕްލޭސް" ވަނީ މިދިޔަ ހަފްތާގައި ރިލީޒްކޮށްފައެވެ. މި ފިލްމު ޝްވެކް ސިނަމާގައިވެސް ދަނީ ދައްކަމުންނެވެ. އެގޮތުން މިހާރުވެސް، މާލެ އަދި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާއިން މި ފިލްމުގެ ޓިކެޓް ލިބެން ހުންނާނެއެވެ.

ތަރިން

ފިލްމުގެ ތަރިންނަކީ ޖޯން ކްރަސިންސްކީ، އެމެލީ ބްލަންޓް، ނޯއާ ޖޫޕް، މިލިސެންޓް ސޮމޮންޑްސް އަދި ކޭޑް ވުޑްވާޑް އެވެ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމުގައި ދައްކުވައިދިނީ އާއިލާއަކަށް ދިމާވެފައިވާ ބިރުވެރި ވަރަށް ވެސް ތަފާތު ކަމެކެވެ. ދެމަފިރިއަކަށް ލިބިފައިވާ ތިން ދަރިން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތް ފިލްމުން ދައްކުވައިދިނެވެ. ފިލްމުގައި މާ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. އަތުގެ އިޝާރާތުން ވާހަކަ ދައްކަމުން އައި އެ އާއިލާ އެގޮތަށް ވާހަކަ ދައްކަމުން އައި ސަބަބު ވެސް ވަރަށް ނުރައްކާތެރި އެވެ.

ކުޑަ އަޑެއް ލައްވާލި ނަމަވެސް އެމީހުންނަށް ގޯނާ ކުރަން ވަރަށް ހުތުރު ސިފައެއްގެ ޖަނަވާރެއް އާދެއެވެ. ތިބެން ޖެހެނީ ހުޝިޔާރަށެވެ. އެމީހުންގެ ހަރަކާތްތައް ވެސް ވަރަށް ކުޅަދާނަވެފައި ސިއްރެވެ. ކިތަންމެ ކުޑަ އަޑެއް، ވާހަކަ ދައްކާ އަޑު ބާރުވި ނަމަވެސް އޭތި އައިސް އެ މީހަކަށް ހަމަލާދީ މަރާލައެވެ. އެގޮތުން އެންމެ ފުރަތަމަ އެ އާއިލާ އާ ވަކިވެގެން ދިޔައީ އެންމެ ހަގަށް ހުންނަ ފިރިހެން ކުއްޖާ އެވެ. ގެންގުޅޭ ކުޅޭ މަތިންދާބޯޓުން ނުކުތް އަޑުގެ ސަބަބުން އޭއްޗަށް އަޑުއިވި އެ ކުއްޖާއަށް ހަމަލާދީ މަރާލައެވެ.

ފިލްމުގައި ދެން ދައްކުވައިދެނީ އޭގެ ގިނަ ދުވަސްތަކެއް ފަހެވެ. އޭރު އަންހެން މީހާ (އެމެލީ) އިނީ ދަރިއަކަށް ބަލިވެއެވެ. އެ ހާލަތުގައި ވެސް ވިހެއުމަށް ދާންދެން ވެސް އޭނާ ހިޔާރު ކުރި ހިމޭން ކަމެވެ. ވިހެއުމުގު ވަގުތުގައި އަޅާ ވޭން ފޮރުވުމަށް އަޑެއް ނީއްވަން ކުރާ މަސައްކަތް ފެނިގެން ދިޔައެވެ.

ބައްޕަ އަކު އާއިލާ ސަލާމަތްކުރުމަށް ވެގެންދާ ބޮޑު ގުރުބާނީ ފެނިގެންދިޔެވެ. އިޝާރާތުގެ ބަހުން ފިލްމުގެ ވާހަކަ ދެއްކި ނަމަވެސް ފިލްމުގައި ފޫހި ކުރުވާނެ މަންޒެއް ނުފެނުނެވެ. ބިރުވެރިކަމާއި ހިތާމައާއި އަދި ހިތްދަތިކަން ފިލްމުން ފެނިގެން ދިޔައެވެ.

ފިލްމު ނިމިގެން ދިޔަ އިރު އެ ކްރީޗާ އަކީ ކޮންތަނަކުން ކީއްވެގެން އައި އެއްޗެއް ކަން ނޭނގުމަކީ ފިލްމުން ފެނުނު ހަމަ އެކަނި ހުސްކަމެވެ.

comment ކޮމެންޓް