ހިތެއް އޮތް ރެފްރީއެއް ނަމަ ރޭގެ މެޗުގައި ދިން ޕެނެލްޓީ ނުދޭނެ ކަމަށާއި ރެފްރީގެ ނިންމުން ގޯސް ކަމަށް ޔުވެންޓަސްގެ ކެޕްޓަން ޖިއާންލުއީޖީ ބުފަން ބުނެފިއެވެ.
ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗު ނިމުނީ 3-1ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 4-1ގެ ނަތީޖާއަކުން ޔުވެންޓަސް ކަޓައިފައިވާ އިރު، ރޭގެ މެޗުގެ ފަހު މިނެޓުގައި ރެއާލްއަށް ދިން ޕެނެލްޓީއާއެކު ޔުވެންޓަސްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ހާއްސަކޮށް އެޓީމުގެ ކީޕަރު ބުފަން ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާ ކޮށްފައެވެ. ބުފަންގެ ޝަކުވާތަކާ ގުޅިގެން ރެފްރީވަނީ އޭނާއަށް ރަތް ކާޑުވެސް ދައްކައިފައެވެ.
މެޗަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ބުފަން ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ފާޑު ކިޔައިފައެވެ.
"ސާފްކޮށް، ސީދާ ޕެނެލްޓީއެކޭ ބުނެވޭނެ ހާލަތެއް ނޫން ދިމާވީކީ. އަހަންނަށް އެނގޭ ރެފްރީއަށް ފެންނާނީ ރެފްރީއަށް ފެނުނު އެއްޗެއް ކަން. ފުރަތަމަ ލެގު ނިމެންދަނިކޮށް ޔުވެންޓަސްއަށްވެސް ދޭން ޖެހޭ ޕެނެލްޓީއެއް ދިޔަ. އެކަމަކު ނުދޭ،" ޕެނެލްޓީއާ ގުޅިގެން ބުފަން ބުންޏެވެ.
ރޭގެ މެޗުގައި ރެފްރީ ޕެނެލްޓީ ދީފައިވަނީ ޕެނެލްޓީ އޭރިއާ ތެރެއިން ރެއާލްގެ ލޫކަސް ވަޒްކުއޭޒްއަށް ޔުވެންޓަސްގެ ޑިފެންޑަރު މެދީ ބެނާޝިއާ ކުރި ފައުލަކާ ގުޅިގެންނެވެ.
"އެތައް ބައެއްގެ މަސައްކަތް ރެފްރީ ބޭކާރު ކޮށްލީ އެންމެ ނިންމުމަކުން. އެއީ ހިތެއް ނެތީމަ. މިކަހަލަ މެޗުތަކުގައި ރެފްރީކަން ކުރެވޭ ފެންވަރު ނެތިއްޔާ ހަމަޖެހިލައިގެން އިންނަންވީ މެޗު ބަލަން އައިސް. ދަރިންނާ އަންހެނުންނާ ގޮވައިގެން ޗިޕްސް ކާން،" ބުފަން ބުންޏެވެ.
މި ސީޒަން ނިންމާލުމަށްފަހު ކެރިއާ ނިންމާލާނެ ކަމަށް ބުފަން ބުނެފައިވާ އިރު، ރޭގެ މެޗަށްފަހު ބުފަން ބުނީ ރެފްރީއަށް ޕްރެޝަރު ހޭންޑަލް ނުކުރެވުނީ ކަމަށެވެ.
ރޭގެ މެޗުގައި ރެފްރީކަން ކުރީ އިނގިރޭސިވިލާތުގެ މައިކަލް އޮލިވިއާއެވެ. އޭނާއަކީ އާއްމުކޮށް އިނގިރޭސި ޕްރިމިއާލީގުގެ މެޗުތަކުގައި ފެންނަ ރެފްރީއެކެވެ.