އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް ސިއްރުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު--- ސަން ފައިލް ފޮޓޯ

މިއަދު މެންދުރު ފަހު 15:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް ސިއްރު ކޮށްފި އެވެ.

މިއަދުގެ ޝަރީއަތް ސިއްރު ކުރީ ކީއްވެ ކަމެއް ކޯޓަކުން ނުބުނެ އެވެ. މިއަދު އޮތީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެކެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގައި ބުނެފައި ވަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.

އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާ ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އާންމުކުރި ކުއްލި ހާލަތުގެ ދަށުންނެވެ. ޝަރީއަތް ނިމެންދެން ދެ ބޭފުޅުން ވެސް ތިބީ ބަންދުގަ އެވެ.

comment ކޮމެންޓް