އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އޭޕްރިލް 26ގައި

އެމްޓީސީސީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ، މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

އެމްޓީސީސީ އިން މިއަދު އިއުލާނުކޮށްފައިވާ ގޮތުން، އެ ޖަލްސާ އޮންނާނީ އޭޕްރިލް 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި، ހޮޓެލް ޖެންގަ އެވެ.

އެމްޓީސީސީ އިން ވަނީ އެކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ވެސް ކުންފުނީގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފަ އެވެ.

އެމްޓީސީސީ އިން ބުނީ 26 ވަނަ ދުވަހުގެ ރޭ އޮންނަ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވާން ބޭނުންވާ ހިއްސާދާރުން ނުވަތަ ޕްރޮކްސީއެއް ފޮނުވަން ބޭނުންވާ ހިއްސާދާރުން، އެކަމަކާ ގުޅޭ ފޯމު މެދުވެރިކޮށް އޭޕްރިލް 24 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.

ބޯޑަށް ޑިރެކްޓަރުން އިންތިޚާބުކުރުން

މީގެ ކުރިން އެމްޓީސީސީގެ ބޯޑުގެ ޑިރެކްޓަރުންގެ އަދަދަކީ 10އެވެ. މިދިޔަ އަހަރު އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި، ބޯޑު ޑިރެކްޓަރުންގެ އަދަދު ވަނީ 10 އިން ހަތަކަށް މަދުކޮށްފަ އެވެ. އަދި މިދިޔަ އަހަރު ކުންފުނީގެ ހިއްސާގެ ރައިޓްސް އިޝޫކުރުމާ އެކު ކުންފުނީގެ ޝެއާ ސްޓްރަކްޗަރަށް ބަދަލު އައުމާ ގުޅިގެން ކުންފުނީގެ ބޯޑުގައި ތިބޭނީ އާންމުންގެ ދެ ޑިރެކްޓަރުންނާއި ސަރުކާރުގެ ފަސް ޑިރެކްޓަރެކެވެ.

އެމްޓީސީސީގެ ކުރިއަށް އޮތް އަހަރަށް ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހަތް ބޭފުޅަކު ކުރިމަތިލެއްވި ކަމަށް އެމްޓީސީސީން ބުންޏެވެ. އެހެން ނަމަވެސް ޝަރުތު ހަމަވަނީ ހަ ބޭފުޅެއްގެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ހަ ބޭފުޅުންނަކީ:

  • ނަސްރަތު މުހައްމަދު: އެމްޓީސީސީގެ މިހާރުގެ ބޯޑު ޑިރެކްޓަރެއް، އެލައިޑް އިންޝުއަރަންސް ކޮމްޕެނީގެ މެނޭޖަރު.
  • މަންސޫރު ޒުބައިރު: އެމްޓީސީސީގެ މިހާރުގެ ބޯޑު ޑިރެކްޓަރެއް، އެމްއެމްއޭގެ އެސިސްޓަންޓް އެގްޒެކެޓިވް ޑިރެކްޓަރު.
  • ހަސަން މަނިކު: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކުރީގެ ސީއީއޯ.
  • އަހްމަދު އަބޫބަކުރު: އެމްޓީސީސީގެ ކުރީގެ ބޯޑު ޑިރެކްޓަރެއް، ޔޫ ޓޫއާސް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު.
  • މުހައްމަދު ފަރުސަތު: އެމްޓީސީސީގެ މިހާރުގެ ބޯޑު ޑިރެކްޓަރެއް، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް.
  • އާއިޝަތު ފަޒީނާ: އެމްޓީސީސީގެ މިހާރުގެ ބޯޑު ޑިރެކްޓަރެއް.
comment ކޮމެންޓް