އެއާޕޯޓުގެ 52 ވަނަ އަހަރީދުވަހުގެ ހަރަކާތްތައް ފަށައިފި

އެމްއޭސީއެލްގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަފްލާތަކުގެ ތެރޭން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 52 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

އެއާޕޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމަށް މިއަދު ހެނދުނު އެއާޕޯޓު ޖެޓީ ސަރަަހައްދުގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާއި ކުންފުނީގެ ޑެޕިއުޓީ އޮޕަރޭޓިން އޮފިސަރު މޫސާ ސާލިހް އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު އެއާޕޯޓުގެ 52 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުން އޮތެވެ. މި ހަރަކާތުގައި އެމްޑީ އާދިލްގެ އިތުރުން ޑިޕާޓްމެންޓުތަކުގެ ހެޑުން ބައިވެރިވިއެވެ.

މިއަދު ވަނީ އެއާޕޯޓު މުވައްޒަފުންނަށް ޚާއްސަ ސްޓާފް އައިޑީ ކާޑުވެސް ތައާރަފް ކޮށްފައެވެ. އަންނަ މަހުން ފެށިގެން މުވައްޒަފުންގެ އެޓެންޑެންސް ބެލުމަށް ބޭނުން ކުރާނީ މިއަދު އަލަށް ތައާރަފް ކުރި ކާޑެވެ. ކާޑު ތައާރަފް ކުރުމަށް އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާގެ ކާޑު އެޗްއާރުގެ ފަރާތުން ވަނީ އެމްޑީއާ ހަވާލުކޮށްފައެވެ.

އެމްއޭސީއެލްގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަފްލާތަކުގެ ތެރޭން -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު ތައާރަފް ކުރި ކިއޮސްކްގެ ދެވަނަ ވާޝަން ވެސް އިފްތިތާހު ކޮށްފައެވެ.

އާ ސްޓާފް އައިޑީ ކާޑާއެކު މި ކިއޮސްކް އިން މުވައްޒަފުންނަށް ބޭނުންވާނެ ގިނަ މައުލޫމާތުތައް ލިބޭނެއެވެ. އެގޮތުން މުވައްޒަފުންގެ އެޓެންޑެންސްގެ ތަފްސީލާއި މުސާރައިގެ ތަފްސީލް އަދި ކުންފުނިން މުވައްޒަފުންނަށްދޭ ލޯނު ނަގާފައިވާ މުވައްޒަފުންނަށް އެ ލޯނުތަކުގެ ތަފްސީލުވެސް ބަލާލެވޭނެއެވެ.

އެމްއޭސީއެލް އިން ބުނީ އާ ކިއޮސްކް މެޝިނުގެ 16 މެޝިނެެއް އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ. އަދި އެމްއޭސީއެލް އިން އެއާޓްރެފިކް ކޮންޓްރޯލް ބަލަހައްޓާ ހުރިހާ ރީޖަނަލް އެއާޕޯޓުތަކުގައިވެސް އާ ކިއޮސްކް މެޝިންތައް ބަހައްޓާފައި ހުންްނާނެ ކަމަށް އެ ކުންފިން ބުނެއެވެ.

comment ކޮމެންޓް